ޕާކިސްތާނުގެ ތެލުގެ އަގު 54 ޕަސެންޓް މަތިވެއްޖެ

ޕާކިސްތާނުގެ ތެލުގެ އަގު ވަނީ 54 ޕަސަންޓް މަތިވެފައި -- ފޮޓޯ/ އޭޕީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ޕާކިސްތާނުގައި ތެލުގެ އަގު 54 ޕަސެންޓަށް އުފުލިއްޖެއެވެ. މިކަމުގެ ސަބަބުން ޕެޓްރޯލް ލީޓަރަކުން 137 ރުޕީސް އަދި ޑީސަލް ލީޓަރަކުން 184 ރުޕީސް ވަނީ ބޮޑުވެފައެވެ. ނަމަވެސް، އާންމުންނަށް ލުޔެއް ދިނުމުގެ ގޮތުން ސައިކަލު ދުއްވާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށާއި އިސްލާމްއާބާދުގައި 30 ދުވަހަށް ހިލޭ ދަތުރުފަތުރުގެ ނިޒާމު ހަމަޖައްސަން ސަރުކާރުން ވަނީ ނިންމާފައެވެ.

  • ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސަލްގެ އަގު 54 ޕަސެންޓަށް އުފުލުން
  • ޕެޓްރޯލް ލީޓަރެއް 137 ރުޕީސް އަދި ޑީސަލް 184 ރުޕީސް އިން ބޮޑުވުން
  • ސައިކަލު ދުއްވާ ފަރާތްތަކަށް ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމުން
  • އިސްލާމްއާބާދުގައި 30 ދުވަހަށް އާންމު ދަތުރުފަތުރު ހިލޭ ކޮށްދިނުން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާތީ، ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސަލްގެ އަގު 54 ޕަސަންޓަށް އުފުލިއްޖެއެވެ.

ތެލުގެ އަގު އުފުލުމަކީ މިހާރުވެސް އިންފްލޭޝަން މަތިވެ، ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ޕަރްވޭޒް މަލިކް ވިދާޅުވީ ތެލުގެ އަގު އުފުލުމަކީ މި ދަނޑިވަޅުގައި ކުރިމަތިވާނެ ކަމެއް ކަމަށެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު 137 ރުޕީސް (49 ސެންޓް) އިތުރުކުރަން ސަރުކާރަށް މަޖުބޫރުވީ، މިދިޔަ މަހު 20 ޕަސެންޓް ބޮޑުވުމާ ގުޅިގެން ކަމަށްވެސް މަލިކް ވިދާޅުވިއެވެ.

ޑީސަލްގެ އަގު 184.49 ރުޕީސް (67 ސެންޓް) އިން ބޮޑުކޮށްފައިވާއިރު، މިއީ ގާތްގަނޑަކަށް 54.9 ޕަސެންޓް އިތުރުވުމެކެވެ.

މާލިކް ވިދާޅުވީ މިއީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން ކޮންމެހެން ގެންނަން މަޖުބޫރުވާ ބަދަލުތަކެއް ކަމަށެވެ.

އަގު ކޮންޓްރޯލު ކުރާނެ ވަކި ނިޒާމެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް ސައިކަލު ދުއްވާ މީހުންނަށް ތެޔޮ ސަބްސިޑީ ދިނުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕާކިސްތާނުގައި ކާރަށްވުރެ މޮޓޯސައިކަލް ގިނައިރު، މަގުމަތީގައި ދުއްވާ ހުރިހާ އުޅަނދުތަކުގެ ގާތްގަނޑަކަށް 78 ޕަސެންޓް އުޅަނދަކީ މޮޓޯސައިކަލްއެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވިދާޅުވީ ބޮޑުވަޒީރުގެ އިރުޝާދުގެ މަތިން ހޮނިހިރު ދުވަހުން ފެށިގެން އިސްލާމްއާބާދުގައި އާންމު ދަތުރުފަތުރު 30 ދުވަހުގެ މުއްދަތަށް ހިލޭ ލިބޭނެ ކަމަށާއި، ތެލުގެ ޚަރަދު ދައްކާނީ މިނިސްޓްރީން ކަމަށެވެ.

ޕާކިސްތާނުން، ފާއިތުވި ހަފުތާތަކުގައި ތެޔޮ ހޯދުމަށް ބަދަލު މަގުތައް ބޭނުންކޮށްފައި ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ.

ސަރަހައްދީ ނުތަނަވަސްކަމުގެ ސަބަބުން ޕާކިސްތާނުގެ ނާޒުކު އިގްތިސޯދަށް އަސަރުކޮށްފައިވާ ކަމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުން އަންނަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ރޯލު އަދާކުރަމުންނެވެ.

ފެބްރުއަރީ 28 އިން ފެށިގެން އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅައި އެއްބައި ތެޔޮ އުފުލާ މުހިންމު ހުރުމޮޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުން ހުރަސް އަޅާފައެވެ. އެހެންވެ، ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދު ހީނަރުވެގެންދާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

comment ކޮމެންޓް