މިއަދު ކުރިއަށް ދިޔަ ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުލުން ނިމި، ގުނުމުގެ ތެރޭގައި ޒުވާބު ގިނަވެ، ގުނުން ހުއްޓިފައި އޮތް މަޖީދިއްޔާ ސްކޫލުގައި ހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި، ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއެކު އަލުން ގުނަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު 'ސަން'އަށް މިރޭ ވިދާޅުވީ، މައްސަލަ ދިމާވީ ސައްހަ ބާތިލު ކަނޑައަޅާ އޮފިޝަލު ގުނި ކަރުދާހެއް ގުނި ގޮތާ މެދު އޮބްޒާވަރުން ހިތްހަމަނުޖެހިގެން ކަމަށެވެ.
މިހާރު މައްސަލަ ހައްލުކޮށް، ފޮށި ގުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮމިޝަނުގެ ސްޓާފުން ގޮސް ޗެކްކޮށްދީފަ އަލުން އެބަ ގުނާ،" ޞަލާޙް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހެންވޭރު ހުޅަނގު ދާއިރާގައި އެ ޕާޓީގެ އޮބްޒާވަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ، މައްސަލަ ޖެހުނު ފޮށީގެ ވޯޓު ގުނަނީ އެ ފޮށީގެ ވެރިޔާ ބޭނުންވާ ގޮތަށް ކަމަށެވެ.
އެގޮތުން، ވޯޓު ކަރުދާހެއް ބާތިލުކުރަން ނިންމީ، ވޯޓުލީ މީހަކު މޭޔަރާވީ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމަށްފަހު ކެނޑިޑޭޓާވީ ދިމާލުގައި އެއްވެސް ފާހަގައެއް ނުޖަހައި އޮތުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
ނަމަވެސް އިސްލާމިކް ޔުނިވާސިޓީގައި ހުރި ފޮށްޓެއްގައިވެސް އެ މައްސަލަ ދިމާވުމުން، އިލެކްޝަންސް ކޮމިޝަނަށް ޝަކުވާކުރުމުން، ވޯޓު ލައިފައިވަނީ ރަނގަޅަށް ކަމަށާއި، ވޯޓު ސައްހަ ކަމަށް ކޮމިޝަނުން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އިންތިޚާބުގައި ބެހެއްޓި 588 ފޮށީގެ ތެރެއިން 581 ފޮށީގެ ވޯޓުލުން ނިމި ބަންދުކޮށްފައިވާއިރު، ހަތް ފޮށްޓެއްގައި އަދިވެސް ވޯޓުލުން ކުރިއަށްދާ ކަމަށް، ޞަލާޙް 'ސަން'އަށް ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް 185،709 މީހުން ވޯޓުލައިފައިވެއެވެ. އެއީ ވޯޓުލެވޭ 294،876 މީހުންގެ 63 ޕަސެންޓެވެ. ވޯޓުލީ މީހުންގެ ތެރޭ ހިމެނެނީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ.
ޖުމުލަ ވޯޓުލީ މީހުންގެ އަދަދު އެނގޭނީ ހުރިހާ ފޮށިތައް ގުނައި ނިމުމުންނެވެ.