މިއަދު އާދަޔާ ޚިލާފަށް ހޫނު ދުވަހެއް، މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 43 ގައި

މާލޭގެ މަގުމަތީގައި މީހުން: މިއަދަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަހެއް --- ސަން ފޮޓޯ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުގަދަވެއްޖެއެވެ. މާލޭގައި އިހުސާސްކުރެވޭ ހޫނުމިން 43 ޑިގްރީސް ސެލްސިއަސްއަށް އަރާފައިވާއިރު، އައްޑޫ ސިޓީއާއި އުތުރުގެ ރަށްތަކުގައިވެސް ހޫނުމިން ހުރީ ވަރަށް މަތީގައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ފިނިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ކަށަވަރުކޮށްދީ، ކިޔުގައި ތިބޭއިރު ހޫނުން ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

  • މާލޭގެ ހޫނުމިން 34 ޑިގްރީސް ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވެނީ 43 ޑިގްރީސް ސެލްސިއަސްގައެވެ.
  • އައްޑޫ ސިޓީއަށް 41 އަދި ހަނިމާދޫއާއި ކުޅުދުއްފުއްޓަށް 39 ޑިގްރީސް ސެލްސިއަސްގެ ހޫނުމިން އިހުސާސްކުރެވެއެވެ.
  • ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ކުރިއަށްދާނެއެވެ.
  • އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތައް ފިނިކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

ލޯކަލް ކައުންސިލުގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓު ކުރިއަށް ދާއިރު، މިއަދަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ދުވަހެކެވެ.

މޫސުން އާންމުކޮށް ބެލުމަށް ބޭނުންކުރާ އެއް އެޕްލިކޭޝަން ކަމަށްވާ "އެކިއު ވެދާ"އިން ދައްކާގޮތުގައި، މާލޭގައި ހޫނުމިން އުޅެނީ 34 ޑިގްރީސް ސެލްސިއަސްގައެވެ. މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 43 ޑިގްރީސް ސެލްސިއަސްގައެވެ.

އެންމެ ދެކުނުން އައްޑޫގެ ހޫނުމިން 32 ޑިގްރީސް ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީސް ސެލްސިއަސްގައެވެ.

އަދި ހދ. ހަނިމާދުއާއި ކުޅުދުއްފުށި ސިޓީގައި ހޫނުމިން 31 ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 39 ޑިގްރީސް ސެލްސިއަސްގައެވެ.

އެކިއު ވެދާއިން ދައްކާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ)ގެ އިންތިޚާބާއީ މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ވޯޓެވެ.

އެ ވޯޓުތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެއް ކަމަށާއި ރެކޯޑުތަކުން ދައްކާ ގޮތުން މިއަދުވެސް ހޫނުގަދަވާނެ ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް ވޯޓުލާ މަރުކަޒަށް ވަދެވުނީމަ، އެއިން ކޮންމެ ތަނަކީ ވެސް އެއާ ކޮންޑިޝަން ކުރެވިފައި ނޫނީވިއްޔާ އެކަށީގެންވާ ފިނިހޫނުމިން ބެހެއްޓޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތަކެއް ރާވާފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ.

އެ އިންތިޒާމު ރޭވުމުގެ ގޮތުން މިދިޔަ ދެ ދުވަހު ތެރޭގައި ވެސް ބައެއް ރަށްރަށުގައި ވޯޓުލާ މަަރުކަޒުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

"އެހެންނަމަވެސް ގުުދުރަތީ ގޮތުން ދިމާވެފައި މި ހުންނަ ކަންކަމަށް އަޅުގަނޑުމެން އެންމެން ވެސް ކިޔުގައި ތިބޭއިރު ސަމާލުކަމަށް ގެންނަން [އިލްތިމާސްކުރަން]،" އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން، މި އަހަރު އެންމެ ހޫނުވާނީ މި އޭޕްރިލް މަހު ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް