ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވި ކަމަށެވެ.
ސިފައިން ބުނީ، އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 17:12 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ އިމާރާތަކީ މިހާރު ބޭނުންކުރާ އިމާރާތެއްނޫން ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް، 17:45ހާއިރު އެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.
ފާއިތުވި ދެ ދުވަހު ވެސް އަލިފާން ރޯވުމުގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމުތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އިއްޔެ، ރ. އަލިފުށީ "އައިރިސް" ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 12ވަނަ ދުވަހު އދ. ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސިއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި، ދުމުގެ އަސަރު ކުރުމުން، އިތުރު ފަރުވާއަށް މާލެއަށް ގެނައެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ދިރިއުޅެން ރައްކާތެރި ނޫން ތަންތަނުގައި ގިނަ އަދަދެއްގެ މީހުން ތޮއްޖައްސާފައި ބޭތިއްބުމުގެ ކަންބޮޑުވުން އޮވެއެވެ.