މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ދަތިކަން އޮތް މި ދަނޑިވަޅުގައި، އިންޑިއާއިން ޖެޓް ފިއުލް އާއި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ އަގު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ.
އިންޑިއަން އޮއިލް ކޯޕަރޭޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި ޑޮމެސްޓިކް ފިއުލް ރީޓެއިލް ވިޔަފާރިވެރިން ވަނީ ވެރިރަށް ނިއުދިއްލީގައި އޭވިއޭޝަން ޓާބައިން ފިއުލް ލީޓަރެއް 8.58 ޕަސެންޓް ބޮޑުކޮށް 104،927 ރުޕީސް ހަދައިފައެެވެ.
"ބައިނަލްއަގްވާމީ އަގުތައް ބޮޑުވުމުން އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޕެޓްރޯލިއަމްގެ ޕީއެސްޔޫ އޮއިލް މާކެޓިން ކުންފުނިތަކުން ވަނީ ސިވިލް އޭވިއޭޝަން މިނިސްޓްރީއާ މަޝްވަރާކޮށްގެން އެއާލައިންތަކަށް 25 ޕަސެންޓްް އިތުރު ކުރުމަށް ފާސްކޮށްފައި" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އެލްޕީޖީ ގޭހުގެ އަގު 10.38 ޕަސެންޓް އިތުރުކޮށް 19 ކިލޯގެ ސިލިންޑަރެއް 2،078.50 ރުޕީސްއަށް ވަނީ ބޮޑުކޮށްފައެވެ.
އަދި 14.2 ކިލޯގެ ޑޮމެސްޓިކް ގޭސް ސިލިންޑަރުގެ އަގަށް ބަދަލެއް ނުގެންނަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން އިތުރަށް ބުނެފައިވެއެވެ.
ގޭހުގެ ދަތިކަމާ ކުރިމަތިލުމަށް އިންޑިއާއިން ވަނީ ގޭސް އުފެއްދުން 40 ޕަސަންޓަށް އިތުރުކޮށް، އެމެރިކާ، ރަޝިޔާ، އޮސްޓްރޭލިއާ ފަދަ ގައުމުތަކުން 800،000 ޓަނުގެ އެލްޕީޖީ ކާގޯ ހޯދާފައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އެލްޕީޖީ އިމްޕޯޓްކުރާ އިންޑިއާ އިން ގޭހުގެ އަގު ބޮޑުކޮށްފައި ވަނީ މެދުއިރުމަތީގެ ބެންޗްމާކް ސައުދީ ކޮންޓްރެކްޓް އަގު 44 ޕަސެންޓް އިތުރުވުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިންޑިއާއިން މިދިޔަ އަހަރު 33.15 މިލިއަން މެޓްރިކް ޓަނުގެ އެލްޕީޖީ ނުވަތަ ކެއްކުމަށް ބޭނުންކުރާ ގޭސް ބޭނުންކޮށްފައިވާއިރު، ޖުމްލަ އިމްޕޯޓްގެ ގާތްގަނޑަކަށް 60 ޕަސެންޓަށް ވަނީ އަރާފައެވެ. ގޭހުގެ ބޮޑުބައެއް އިމްޕޯޓުކޮށްފައި ވަނީ މެދުއިރުމަތިންނެވެ.
ޖެޓް ފިއެލްގެ އަގު ބޮޑުވުމާ ގުޅިގެން އިންޑިގޯއިން ވަނީ ފިއުލް ސާޗާޖް އިސްލާހު ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރާ ހުރިހާ އާ ބުކިންތަކަށް އަޕްޑޭޓް ފިއުލް ސާޗާޖް ނަގާނެ ކަމަށާއި އެކަމުގެ އަސަރު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ރޫޓުތަކަށް ކުރާނެ ކަމަށް އެއާލައިން ބުނެއެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމަށް ދުނިޔޭގެ ހަކަތައިގެ ފަސްބައިކުޅައެއްބައި އުފުލާ މުހިންމު ހުރްމޮޒް ކަނޑުއޮޅިން ދަތުރުުކުރަން އީރާނުން ވަނީ ހުރަސްއަޅާފައެވެ. އެހެންވެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި އަގުތައް އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.