އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އަރަބި އިގްތިސާދުތަކުގެ ދުވެލި ހަ ޕަސެންޓާ ހަމައަށް ދަށްވެ، އެތައް މިލިއަން ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމަށް އދގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުނެފިއެވެ.
އިއްޔެ އާންމުކުރި އެ ޖަމިއްޔާގެ ދިރާސާ ރިޕޯޓުގައި ހަނގުރާމައިގެ ސަބަބުން ވިޔަފާރި، ހަކަތައަށް ސަރަހައްދީ ގޮތުން ފުޅާ ދާއިރާއެއްގައި ގެއްލުން ލިބިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
އަރަބި ގައުމުތަކުގެ އިގްތިސާދީ އުފެއްދުންތެރިކަން 3.7 އާއި 6.0 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ 120 ބިލިއަން ޑޮލަރާއި 194 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
އިގްތިސާދީ ޔަގީންކަން ނެތް މި ދަނޑިވަޅުގައި އިންވެސްޓްމަންޓް ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ޝިޕިންއަށް ބުރޫއަރާ، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެކްސްޕޯޓާއި އިމްޕޯޓް ދަށްވާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ތެލުގެ ސަޕްލައި ވަރުގަދަވުމުން ބްރެންޓްގެ ކްރޫޑް ފިއުޗާސް 4.7 ޕަސެންޓް މައްޗަށް ގޮސް ތެޔޮ ފީފާއެއް 118 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައިވާއިރު، ކަނޑުގެ މުހިންމު ކޮރިޑޯތަކަށް އޮތް ނުރައްކަލުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ނެޓްވޯކްތަކާއި ވިޔަފާރީގެ ދަތުރުތަކާއި އިންފްލޭޝަނަށް އަސަރުކޮށް މެދުއިރުމަތީގެ އެތައް އިގްތިސާދުތަކަށް އަސަރުކުރާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އެއާބޭސްއަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެން ހަލާކުވެފައިވާ އީ-3 ރާޑަރ މަތިންދާބެއް. ފޮޓޯ/ރޮއިޓާސް
ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، 2.5 މިލިއަނާއި 3.5 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވާއިރު، އެންމެ ބޮޑަށް އަސަރުކުރާނީ މަސައްކަތުގެ ފަންނީ ހުނަރު މާބޮޑަށް ބޭނުން ނުވާ ވަޒީފާތަކުގައި ތިބި މަސައްކަތްތެރިންނަށް ކަމަށް ބުނެފައިވެއެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް 4.5 އިންސައްތައަށް އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެހެންވެ އެ ސަރަހައްދުގެ އިތުރު ހަތަރު މިލިއަން މީހުން ފަގީރުކަމުގެ ރޭޓުން ދަށަށް ވެއްޓިދާނެ ކަމަށް ލަފާކުރައްވާ ކަމަށް އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންޑީޕީގެ ރީޖަނަލް ބިއުރޯ ފޯ އަރަބް ސްޓޭޓްސްގެ ޑިރެކްޓަރު އަބްދުالله އަލް ދަރުދާރީ ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ގަލްފް އަދި އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ ތެރޭގައި އޮންނަ ހުޅަނގު އޭޝިޔާގެ ގައުމުތަކަށް ކަމަށް ބެލެވޭއިރު، އުތުރު އެފްރިކާގެ ގައުމުތަކަށްވެސް އެކަމުގެ ނޭދެވޭ ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ސަރުކާރުގެ އާމްދަނީ ދަށްވުމާއި މާލީ ޑެފިސިޓް ފުޅާވުމަކީ ދައުލަތްތަކަށް އިގްތިސާދީ ގޮންޖެހުމުން އަރައިގަތުމުގެ ގާބިލްކަން އިތުރަށް ހަނިވެދާނެ ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ 1500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އޭރުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނެއެވެ.
ރައްދުގައި އީރާނުން އަންނަނީ އެމެރިކާގެ އަސްކަރީ އެސެޓްތައް ހޯސްޓްކުރާ އުރުދުން، އިރާގު އަދި ގަލްފް ގައުމުތަކާ އެކު އިސްރާއީލަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމާ ދެކޮޅަށް އެމެރިކާއާއި އިސްރާއިލުން ކުރާ ހަނގުރާމައަށް ތާއީދުކުރާ ގައުމުތަކާ ގުޅުން ހުރި އުޅަނދުތަކަށް ހަރްމޮޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެ ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރާ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ކަނޑުއޮޅިއެވެ.