އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ އިތުރު ހަތް ހާލަތެއް ކަނޑައަޅައި، މާދަމާއިން ފެށިގެން އެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާނުކުރައްވައިފައެވެ. އެގޮތުން އެމަޖެންސީ ނޫން ބައެއް ހާލަތްތަކުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، 'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު'އަށް ގެނައި ތިންވަނަ އިސްލާހު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެގޮތުން އެމްބިއުލާންސްގައި ގެންނަ ބަލިމީހުންނަށް އާސަންދަ ސްކީމްގެ ދަށުން އެމްބިއުލާންސްގެ ޚަރަދަށް ބިލުކުރެވޭނެ ހަތް ހާލަތެއް ވަނީ ކަނޑައަޅައިފައެވެ. އެ ހާލަތްތަކަކީ:
- އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތްތަކުގައި ގެންނަ މީހުން.
- މައްޔިތުން އެންބިއުލާންސްގައި އުފުލުން.
- އެނދުމަތިކުރެވިފައިވާ (ބެޑްރިޑަން) މީހުންނަށް އައުޓްޕޭޝަންޓް ޚިދުމަތް ހޯދުމަށް ގެނައުން.
- ފުރޮޅުލީ ގޮނޑީގައި ގެންގުޅެންޖެހޭ މީހުންނަށް އައުޓް ޕޭޝަންޓް ޚިދުމަތް ހޯދުމަށް ގެނައުން.
- ސިއްހީ ޚިދުމަތްދޭ މަރުކަޒެއްގައި އެނދުމަތިކުރެވިފައިވާ މީހަކު އިތުރު ފަރުވާއަށް ނުވަތަ ތަހުލީލަކަށް، ސިއްހީ ޚިދުމަތްދޭ އެހެން މަރުކަޒަކަށް ގެންދިޔުން.
- އެނދުމަތިކޮށްފައިވާ ބަލިމީހާ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފާކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިޔުން.
- ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން އައުޓް ޕޭޝަންޓް ޚިދުމަތް ހޯދުމަށް ގެނައުން.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
ރައީސް ވިދާޅުވީ، މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ޓެކްނިކަލް ފަންތީގައި ގިނަ ދުވަހު މަޝްވަރާކޮށް، ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ހަދަންޖެހޭ ހިސާބުތައްވެސް ހެދުމަށްފަހު ކަމަށެވެ.
މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރުވެސް، ހާލުބޮޑު ބަލި މީހުންނާއި އެމަޖެންސީކޮށް ފަރުވާ ބޭނުންވާ ފަރާތްތައް އެމްބިއުލާންސްގައި ހިލޭ ދަތުރު ކުރެވެއެވެ.