އެމަޖެންސީނޫން އިތުރު ހާލަތްތަކުގައި، އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތްދެވޭ ގޮތަށް ފުޅާކުރަނީ

ހާލު ސީރިއަސްވި މީހަކު އެމްބިއުލާންސަކަށް އަރުވަނީ: ރައީސް ވިދާޅުވީ އާސަންދައިން އެމްބިއުލާންސްގެ ޚިދުމަތް ދެވޭ ގޮތަށް އަންނަ މަހުން ފެށިގެން ހަދަން ނިންމަވާފައިވާ ކަމަށް --- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް

ސިއްހީ ފަރުވާ ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، އާސަންދަ ސްކީމުގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މި ބަދަލާއެކު އޭޕްރިލް މަހުން ފެށިގެން، ކުއްލި ހާލަތްތަކުގެ އިތުރުން އެހެނިހެން ބޭނުންތަކަށް ވެސް އެމްބިއުލާންސް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން އެދެމުން އައި ވަރަށް މުހިންމު ލުޔެކެވެ. މި ނިންމުމަކީ ޓެކްނިކަލް ފެންވަރުގައި ކުރެވުނު ގިނަ މަޝްވަރާތަކަކާއި، ދައުލަތުގެ ބަޖެޓުގެ ހިސާބުތަކަށް ރިއާޔަތްކުރުމަށްފަހު ނިންމި ނިންމުމެކެވެ.

  • އޭޕްރިލް މަހުން ފެށިގެން އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރެވޭނެ.
  • ފަރުވާއަށް ހޮސްޕިޓަލަށް ދާ އެނދުމަތިވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޚިދުމަތް ލިބޭނެ.
  • ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނާއި ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށް މި ބަދަލުގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ.
  • މި ނިންމުމަކީ ފިނޭންސް އަދި ބަޖެޓުގެ ތަފްސީލީ ދިރާސާތަކަށްފަހު ސަރުކާރުން ނިންމި ނިންމުމެއް.

އެމަޖެންސީ ނޫން ބައެއް ހާލަތްތަކުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ފެށޭ އޭޕްރިލް މަހުން ފެށިގެން އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް އާންމުންނަށް ހޯދޭނެ އިތުރު ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ކުއްލި ހާލަތުގައި ނުވަތަ އެމަޖެންސީގައި ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ފަރާތްތަކާއި، މައްޔިތުންގެ އިތުރުން، އެނދުމަތިވެފައިވާ ފަރާތްތަކާއި، އައުޓްޕޭޝަންޓު ޚިދުމަތް ނެގުމަށް ފުރޮޅުލީގޮނޑީގައި ގެންދެވޭ ފަރާތްތަކާއި ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނާއި، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އާސަންދަ މެދުވެރިކޮށް, އޭޕްރިލް މަހުން ފެށިގެން އެމްބިއުލާންސްގައި ގެންދެވޭނެއެވެ.

ރައީސް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ޓެކްނިކަލް ފަންތީގައި ގިނަ ދުވަހު މަޝްވަރާކޮށް، ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ހަދަންޖެހޭ ހިސާބުތައްވެސް ހެދުމަށްފަހު ކަމަށެވެ.

"ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް ރައްޔިތުންގެ ފަރާތުން މިކަމަކީ (އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަކީ)، ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވާ، ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެގެން ދުވަސްތަކެއް ވެފަ އޮތް ކަމެއް ރައްޔިތުންގެ ފަރާތުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުވެސް، ހާލުބޮޑު ބަލި މީހުންނާއި އެމަޖެންސީކޮށް ފަރުވާ ބޭނުންވާ ފަރާތްތައް އެމްބިއުލާންސްގައި ހިލޭ ދަތުރު ކުރެވެއެވެ.

comment ކޮމެންޓް