ދެ އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ، ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ރައްޔިތުންނަށް އެއްކޮށް ގެއްލޭނެ: ޞާލިޙް

ކުޅުދުއްފުށީގައި އޮތް ޖަލްސާގައި ޞާލިހު: ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ، ސަރުކާރު ޖަވާބުދާރީވުމުގެ ފުރުސަތު ރައްޔިތުންނަށް އެއްކޮށް ގެއްލޭނެ ކަމަށް --- ފޮޓޯ/ އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ހިޔާލަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި މިފަދަ ބަދަލަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލިގެންދާނެއެވެ. މި މައްސަލައަކީ ގާނޫނުއަސާސީގެ އަސާސްތަކާއި ގުޅިފައިވާ ކަމެއް ކަމަށާއި، މިފަދަ ބޮޑު ބަދަލެއް ގެންނައިރު ވަރަށް ފުންކޮށް ދިރާސާ ކުރަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ބުނަނީ މިއީ ޚަރަދު ކުޑަކުރުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

  • ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވެގެންދިއުން
  • ގާނޫނުއަސާސީ އެކުލަވާލިއިރު އިންތިޚާބުތައް ވަކިކުރީ ސިޔާސީ ހަމަހަމަކަމަށްޓަކައި ކަމަށްވުން
  • ސަރުކާރުން މިކަމަށް ތާއީދުކުރަނީ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބުނުން
  • މި މައްސަލާގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދުން

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އެއްކޮށް ގެއްލޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް، ކައުންސިލް އިންތިޚާބާ އެކީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ނަގަން ވަނީ ނިންމާފައެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ޞާލިޙް ވިދާޅުވީ، އެއްވެސް އިރެއްގައި ދެ އިންތިޚާބު އެކުގައި ބާއްވަން ގާނޫނުއަސާސީގައި ނެތް ކަމަށާއި އެ ކަމަށް މަޝްވަރާއެއް ވެސް ކޮށްފައި ނެތް ކަމަށެވެ.

މިގޮތުން، އަބަދުވެސް ރިޔާސީ އިންތިޚާބު ބާއްވަނީ ވަކިން ކަމަށާއި މައި ދެ އިންތިޚާބު އެއްކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި އެ ޕާޓީގެ ނެތް ކަމަށް ޞާލިޙް ވިދާޅުވިއެވެ.

ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ޞާލިޙް ވިދާޅުވީ، ގާނޫނުއަސާސީ ހެދިއިރު ވެސް ދެ އިންތިޚާބު އެއްކުރުމުގެ ވިސްނުން ގެންގުޅުނު ބަޔަކު އުޅުނު ނަމަވެސް ގޮތް ނިންމާފައި ވަނީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ކަމަށެވެ. އެގޮތުން އިންތިޚާބުތައް ވަކިން ބާއްވަން ނިންމީ، ވެރިކަމަށް ރައީސަކު ހޮވުމަށް ފަހު، ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ މޭޔަރު އާތިފާއި ޞާލިހު ސަލާންކުރައްވަނީ --- ފޮޓޯ/ އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ދެ އިންތިޚާބު އެކުގައި ބާއްވައިފިނަމަ، ސަރުކާރާ ރައްޔިތުންނާ ދޭތެރޭ އޮންނަ ޖަވާބުދާރީ ކުރުމުގެ ފުރުސަތު ހަމަ މުޅިން ގެއްލިގެންދާނެ. ހަމަ އެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ކައިރިއަށް އަންނަން ޖެހޭ އެއްވެސް ސަބަބެއް ވެރިއަކަށް ނޯވޭ. އެއީ މީގައި އޮތް އެންމެ ބިރުވެރި ކަންތައްކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

އިތުރަށް އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީއަށް ބަދަލެއް ގެންނައިރު މިހާރަށް ވުރެ ބޮޑަށް ދިރާސާކުރެވި، ބަހުސް ކުރެވެން ޖެހޭ ކަމަށެވެ.

ޞާލިޙް ތުހުމަތުކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ ''ފަހަރަކު ތަނަކާ ކުޅެމުން ގޮސް'' މިހާރު ގާނޫނުއަސާސީ އޮތީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ. އެ މަނިކުފާނު ވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނުމަށް ގޮވާލައްވާފައެވެ.

ދެ އިންތިޚާބު އެކުގައި ބޭއްވުމާމެދު ބޮޑު ބަހުސެއް އުފެދިފައިވާއިރު، މި ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވަން ޖެހެނީ ޚަރަދު ކުޑަ ކުރުމަށެވެ. އެކަމަށް އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީންވެސް ތާއިދުކޮށްފައިވެއެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ކަމަށް އިދިކޮޅު އެމްޑީޕީގެ އިތުރުން ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފުން ވަނީ ބުނެފައެވެ.

comment ކޮމެންޓް