އިންތިޚާބުތައް އޮންނާތީ، ތޮއްޖެހުން ކުޑަކުރަން ހޮނިހިރު ދުވަހު ބައެއް ބަރު އުޅަނދު ދުއްވުން މަނާކޮށްފި

މާލޭ މަގުމަތި: އިންތިޚާބުތައް އޮންނާތީ، ތޮއްޖެހުން ކުޑަކުރަން ހޮނިހިރު ދުވަހު ބައެއް ބަރު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި --ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހޮނިހިރު ދުވަހު މުހިންމު އިންތިޚާބުތަކެއް ބާއްވާތީ، މާލޭ ސަރަހައްދުގައި މަގުމަތީގައި ތޮއްޖެހުން މަދުކުރުމަށް، ބައެއް ބާވަތުގެ އުޅަނދުތައް އެ ދުވަހުގެ ގިނަ ގަޑިތަކުގައި ދުއްވުން މަނާކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ބާއްވާނެއެވެ. އެ އިންތިޚާބުތައް ހެނދުނު 8:00އިން 16:00އަށް ކުރިއަށްގެންދާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވަނީ، އިންތިޚާބުތަކާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ބައެއް ގަޑިތަކުގައި މާލޭގެ މަގުތަކުގައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރަން ނިންމައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފިޔަވަޅު އަޅަނީ، ބަރު އުޅަނދުތަކުގެ ތެރެއިން އީ، ޑީ، ސީ2، ސީ0، އަދި ވީ ކެޓަގަރީގެ އެއްގަމު އުޅަނދަށެވެ. އެ އުޅަނދުތައް ދުއްވުން މަނާވަނީ އެ ދުވަހުގެ ހެނދުނު 06:00އިން 23:00 އަށެވެ.

އެ ވަގުތުތަކުގައި، އެ ކެޓަގަރީތަކުގެ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް އެ ނިންމުމުން އިސްތިސްނާވާނެކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ބޭއްވި އިންތިޚާބެއްގެ ތެރެއިން: އިންތިޚާބުތައް އޮންނާތީ، ތޮއްޖެހުން ކުޑަކުރަން ހޮނިހިރު ދުވަހު ބައެއް ބަރު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި --- ސަން ފޮޓޯ ފަޔާޒު މޫސާ

އެ އެންގުމާ ޚިލާފުވާނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ގާނޫނުގައި ވަނީ، އެ ގާނޫނުގައި ވަކި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 750 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ބަޔާންކޮށްފައެވެ.

ބޮޑެތި އިންތިޚާބުތައް އޮންނަ ދުވަސްތަކުގައި، އާންމު ގޮތެއްގައި މެންދުރު ފަހުގެ ވަގުތުތަކުގައި ގިނަ ބަޔަކު ވޯޓުލާން ނުކުންނައިރު، މަގުމަތި ތޮއްޖެހެއެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުތަކުގައި ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިޚާބު ކުރާނެއެވެ. އަދި އެ އިންތިޚާބުތައް ކުރިއަށްގެންދިއުމަށް، އަތޮޅުތެރެ، ރިސޯޓު، ޖަލު އަދި މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ.

comment ކޮމެންޓް