ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން، އުމުރު ހަމަވާ މަޖިލީހަކާ ހެދި ވަގުތު ބޭކާރުވުން ހުއްޓުވޭ: މުއްތަލިބު

ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު މުއްތަލިބު، ރައީސްއަށް މަރުހަބާ ދަންނަވަނީ: މިނިސްޓަރު މުއްތަލިބު ވިދާޅުވީ ދެ އިންތިހާބު އެއްކޮން ބޭއްވުމުން ވަގުތު ސަލާމަތް ވާނެކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ދުވެލި އަވަސްކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލޭގައި އަލަށް އަޅާ 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައެވެ. މި ނިންމުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ދައުރުގެ ވަގުތު ބޭކާރުވިޔަ ނުދިނުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް، ކުރީގެ މަޖިލީހުން ފާސްކުރި ބަޖެޓެއްގެ ސަބަބުން މި ސަރުކާރުގެ ފުރަތަމަ އަހަރު ކަންކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

  • ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ސަރުކާރުގެ މަސައްކަތްތައް އަވަސްކުރަން އެޅޭ މުހިންމު ފިޔަވަޅެއް
  • އައު ސަރުކާރަކާ އެކު އައު މަޖިލީހެއް އޮތުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލިބޭ ބޮޑު ކުރިއެރުމެއް
  • ކުރީގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ ސަބަބުން މި ސަރުކާރުގެ ފުރަތަމަ އަހަރު މަޝްރޫއުތައް ލަސްވެފައިވާ ކަމަށް ވަޒީރު ވިދާޅުވި
  • މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަކަމާ އެކު އަވަހަށް ލިބިގެންދާނެ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރާ މަސައްކަތް އަވަސްކޮށް، ވަގުތު ސަލާމަތް ކުރުމަށް، އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

މުއްތަލިބު އެހެން ވިދާޅުވީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ 182 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ސަރުކާރުން އަންނަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމަށް ފަހު، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ތައްޔާރުވެފައެވެ.

އެ ވޯޓާ ގުޅޭ ގޮތުން މުއްތަލިބު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ވޯޓުލުން އެއް ދުވަހެއްގައި ބޭއްވުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށެވެ. އެގޮތުން އެއީ، ފަސް އަހަރުގެ ވެރިކަމަކަށް ރައްޔިތުން ހޮވާ ސަރުކާރެއްގެ ދައުރު ނުފެށެނީސް، އުމުރު ހަމަވާ މަޖިލީހަކުން ނިންމާ ނިންމުންތަކުގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތްކުރަން އޮންނަ ވަގުތު ބޭކާރުވުމުން ސަލާމަތްވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ންކް އޮފް މޯލްޑިވްސްއިން ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން: ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު، އަރިހުގައި މިނިސްޓަރު މުއްތަލިބު --/ފޮޓޯ، ހައުސިން މިނިސްޓްރީ

މި ސަރުކާރުގެ ފުރަތަމަ އަހަރު ކުރަންޖެހޭ މުހިންމު ކަންކަން ނުކުރެވުނީ ނިމިދިޔަ، އިދިކޮޅު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން މި ސަރުކާރުގެ އެޖެންޑާއަށް ނުބަލައި، ފާސް ކުރި ބަޖެޓެއްގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ފުރަތަމަ އަހަރު ވެރިކަންކުރަން ޖެހުނީ ކުރީ ސަރުކާރުން ހެދި ބަޖެޓަކަށް. ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އުމުރު ހަމަވާން ހަ މަހަށް ވެފައި އޮތް މަޖިލީހަކުން ފާސްކޮށްފައިވާ ބަޖެޓަކަށް. އެ މަޖިލީހުން ބަޖެޓް ތައްޔާރުކުރީ ސަރުކާރުގެ އެޖެންޑާއަށް ބެލުމެއްނެތި، އެ މެންބަރުންގެ އިންތިޚާބަށް މަގުފަހިވާގޮތަށް. ނަތީޖާއަކީ ކަންކަން ލަސްވުން
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މުއްތަލިބު ވިދާޅުވީ ވޭތުވެދިޔަ މަޖިލީހުން އަމަލު ކުރިގޮތުން ގެއްލުން ލިބުނީ ރައްޔިތުންނަށް ކަމަށާއި، ގެއްލޭ ކޮންމެ ވަގުތަކީ ބޯހިޔާވަހިކަމެއްނެތި، އުޅޭ އާއިލާތަކަށް، ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުރަސް އެޅޭ ކަމެއްކަމަށެވެ.

މިހާރު ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލަކީ، ރައްޔިތުންނަށް، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މުހިންމު ބަދަލަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ، ވެރިކަމުގައި ފުރަތަމަ އަހަރުތެރޭގައި މަޝްރޫއުތައް ކުރިއަށް ނުގެންދެވި، މި ވެރިކަން އައިއިރު އޮތް މަޖިލީހުން ފާސްކުރި ބަޖެޓު އޮތް ގޮތުން ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެއަށްފަހު, 2024 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބި، ބޮޑެތި ބާރުތަކެއް ވަނީ ލިބިފައެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، މައި ދެ އިންތިޚާބު އެއްކޮށް ބާއްވަނީ ޚަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. ނަމަވެސް އިދިކޮޅުންނާއި، ކަމާ ގުޅުންހުރި ބައެއް މާހިރުން ވެސް ވަނީ، އެގޮތަށް ދެ އިންތިޚާބު އެކުގައި ބޭއްވުމުން ސަލާމަތް ކުރެވޭނެ ޚަރަދާ މެދު ސުވާލު އުފައްދައިފައެވެ.

comment ކޮމެންޓް