ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ކޮމެޑީ ފިލްމުތައް ކާމިޔާބުވުމުގެ ހަގީގީ ސަބަބަކީ އެ ފިލްމުތަކުގެ ހާއްސަ ރޯލްތަކުން ފެންނަ އެކްޓަރު ރާޖްޕަލް ޔާދަވް ކަމަށް އެކްޓަރު ބުނެފިއެވެ.
އަކްޝޭ އާއި ރާޖްޕަލް އެކީގައި މަސައްކަތްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ، "ބޫލް ބުލައްޔާ"، "ޕިރް ހެރާ ޕެރީ" އަދި "ގަރަމް މަސާލާ" ހިމެނެއެވެ.
އަކްޝޭ މިހާރު ހުށަހަޅަމުން އަންނަ ގޭމް ޝޯ "ވީލް އޮފް ފޯޗުން"ގެ ބުރާސްފަތި ދުވަހުގެ އެޕިސޯޑުގައި އަކްޝޭ ބުނީ، ރާޖްޕަލް އަކީ ފިލްމު އިންޑަސްޓްރީގެ ކޮމެޑީ ކިންގް ކަމަށެވެ.
ރާޖްޕަލްގެ އިތުރުން އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ"ގެ ކާސްޓުން ވަނީ މި ޝޯގައި ބައިވެރިވެ އެ ފިލްމު ޕްރޮމޯޓުކޮށްފައެވެ.

ފިލްމު 'ބޫތު ބަންގްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އަކްޝޭ އިތުރަށް ބުނީ ރާޖްޕަލް ފިލްމުތަކުގައި ދައްކުވައިދޭ އެކްޓިންގް އެގޮތަށް ގެނެސްދެވޭނެ އެހެން އެކްޓަރަކު އަދި ނެތް ކަމަށާއި އެ ފެންވަރަށް ކޮމެޑީ ކުޅެވޭނެ ފަންނާނަކު އިންޑަސްޓްރީއަށް އަދި ނާންނަ ކަމަށެވެ.
ފަރާ ޝައިހް އާއި ވެދާންތު ވިކާސް ބާލީ ކޯ ޕްރޮޑިއުސްކޮށް ޕްރިޔާދަރުޝަންގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ "ބޫތު ބަންގްލާ" ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ.
މިއީ އަހަރުތަކަކަށްފަހު ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ދެ މީހުން އެކީގައި މަސައްކަތްކޮށްފައިވާ ކޮމެޑީ ފިލްމުތަކުގެތެރޭ 2009ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދޭ ދަނާ ދަން"، 2010ގައި ރިލީޒްކުރި ފިލްމު "ކައްޓާ މީޓާ"، 2007ގައި ރިލީޒްކުރި "ބޫލް ބުލައްޔާ" އަދި 2006ގައި ރިލީޒްކުރި ފިލްމު "ބާގަމް ބާގް" ހިމެނެއެވެ.