ފިލްމު 'ވަރަނަސީ' ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެން

ސައުތު ސިނަމާގެ އެކްޓަރު މަހޭޝް ބާބޫ ފިލްމު "ވަރަނަސީ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ

ފިލްމީ ދުނިޔޭގައި މިވަގުތު އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ "ވަރަނަސީ" އަކީ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ އެންމެ ފަހުގެ އުފެއްދުމެވެ. މި ފިލްމު ދެ ބަޔަކަށް ބަހާލައިގެން ރިލީޒްކުރަން ނިންމާފައިވާއިރު، މިއީ ވާހަކައިގެ ފުންމިނާއި ޝައުގުވެރިކަން ގެއްލުނަ ނުދީ ބެލުންތެރިންނަށް ފޯރުކޮށްދިނުމަށް ޓަކައި އެޅި ފިޔަވަޅެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ. މި ބަދަލާއެކު، ފިލްމުގެ ވާހަކަ ދިގުކޮށް ކިޔައިދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  • ފިލްމު "ވަރަނަސީ" ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިނުމަށް ނިންމާފައިވޭ
  • މި ފިލްމު ދެ ބަޔަކަށް ބަހާލަނީ ވާހަކައިގެ ތަފްސީލުތައް ފުރިހަމައަށް ގެނެސްދިނުމަށް
  • މިއީ ސީކުއަލްއެއްގެ ގޮތުގައި ގެނެސްދޭ ފިލްމެއް ނޫން، އެއް ފިލްމެއް ދެ ބަޔަކަށް ބަހާލީ
  • ފިލްމުގެ މައިގަނޑު ތަރިންނަކީ މަހޭޝް ބާބޫ، ޕްރިތުވީރާޖް ސުކުމަރަން އަދި ޕްރިޔަންކާ ޗޯޕްރާ
  • ފިލްމުގެ ޖުމްލަ ބަޖެޓަކީ 1,000 ކްރޯޑު ރުޕީސް

މި އަންނަ އަހަރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމު "ވަރަނަސީ" ރިލީޒްކުރާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމު "ދުރަންދަރު"އަށްފަހު ބޮކްސް އޮފީހަށް ބޮޑު އިންގިލާބެއް ގެނުވާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރާޖާމޮލީގެ މި ފިލްމު ދެ ބަޔަކަށް ބަހާލައިގެން ރިލީޒްކުރުމާ ގުޅޭ މަޝްވަރާތައް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފަށާފައިވާ ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ބުނެފައި ވަނީ ފިލްމު "ވަރަނަސީ"ގެ ވާހަކަ އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ބޭނުންވާނެ ކަމަށެވެ.

ފިލްމު "ވަރަނަސީ"ގެ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެހެންކަމުން ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު "ދުރަންދަރު"އަށް ލިބުނު ކާމިޔާބީއަށް ބަލައި، ރާޖަމޯލީ އާއި އޭނާގެ ޓީމުން ގަބޫލުކުރަނީ ފިލްމު "ވަރަނަސީ" ދެ ބަޔަކަށް ބަހާލުމުން، ވަގުތަށް ބެލުމެއްނެތި ވާހަކައިގެ ހުރިހާ ތަފްސީލެއް ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ފިލްމު ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިނުމުގެ މާނައަކީ ފިލްމުގެ ސީކުއަލްއެއް ގެނެސްދިނުން ނޫން ކަމަށާއި އެހެންނަމަވެސް އެއް ފިލްމެއް ދެ ބައެއްގެ ގޮތުގައި ގެނެސްދިނުން ކަމަށް ވެސް ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 1،000 ކްރޯޑު ރުޕީސްގެ ބިޔަ ބަޖެޓަކުން އުފައްދާ މި ފިލްމު ދެ ބަޔަކަށް ބަހާލުމުގެ މައިގަނޑު އެންމެ ބޮޑު އެއް ބޭނުމަކީ ފިލްމުގައި ގެނެސްދޭ މައުޟޫއަށް އެއްވެސް އުނިކަމެއް ނެތި ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ރާޖާމޮލީގެ ޓީމާ ހަވާލާދީ ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމު "ވަރަނަސީ"ގެ ލީޑް ތަރިންނަކީ މަހޭޝް ބާބޫ، ޕްރިތުވީރާޖް ސުކުމަރަން އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާއެވެ. މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވީ ނަމަވެސް އެއީ ސީދާ ކޮން ތާރީހެއްކަން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް