48 މަގާމަށް ކުރިމަތިލާން 4 ދުވަސް ދިނީ އަވަހަށް މުވައްޒަފުން ބޭނުން ވާތީ: ކަސްޓަމްސް

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ދިޔާނާ އާއި އޭސީސީގެ ރައީސް ޝާމިލް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ-- ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ 48 މަގާމަކަށް މީހުން ހޯދުމަށް އިޢުލާން ކޮށްފައެވެ. މި ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ހަތަރު ދުވަހުގެ ކުރު މުއްދަތެކެވެ. މިކަމާ ގުޅިގެން އާންމުންގެ ތެރޭގައި ވެސް ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، ވަޒީފާގެ ފުރުސަތު ހުޅުވާލި ދަނޑިވަޅަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިކަމުގެ ނުފޫޒު އިންތިޚާބަށް ފޯރާފާނެ ކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

  • މޯލްޑިވްސް ކަސްޓަމްސްއިން 48 ވަޒީފާއަކަށް ހުޅުވާލީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުން ބޭނުންވާތީ ކަމަށް ބުނެއެވެ.
  • ވަޒީފާގެ ފުރުސަތު ހުޅުވާލީ އެއާ ކާގޯގެ ޚިދުމަތް ފުޅާކުރުމާއި، އަތޮޅުތެރޭގެ އެއާޕޯޓްތަކުގެ މަސައްކަތްތައް އިތުރުކުރުމުގެ ބޭނުމުގައެވެ.
  • އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
  • މީގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން ފާހަގަކުރެވެއެވެ.

ކަސްޓަމްސްގެ 48 ވަޒީފާއަށް ކުރިމަތިލާން އެންމެ ހަތަރު ދުވަހުގެ މުއްދަތެއް ދީ އިއްޔެ އިއުލާން ކުރީ, އަވަހަށް މުވައްޒަފުން ބޭނުންވާތީ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް އިންތިޚާބު އޮތްއިރު ކަސްޓަމްސްއިން އިއްޔެ ވަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ 48 ވަޒީފާއަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފައެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ހަތަރު ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ބުދަ ދުވަހަށް ހަމަވެއެވެ.

https://www.sun.mv/219788

އެހާ ގިނަ އަދަދެއްގެ ވަޒީފާއަށް ކުރިމަތިލުމަށް މިހާ ކުރު މުއްދަތެއް ދިން ސަބަބު ސާފުކުރަން ކަސްޓަމްސްއަށް ގުޅުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެއާ ކާގޯގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމާއި މާފަރާއި ހަނިމާދޫ އެއާޕޯޓްގެ ޚިދުމަތްތައް ފުޅާ ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޭނުން ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދުވަސް ކޮޅެއްވެއްޖެ މަސައްކަތް ކުރާތާ އިއުލާން ކުރަން. ހުރިހާ އެރޭންޖުމެންޓެއް ހަމަ ޖެހުނުހާ އަވަހަކަށް އެ ވަނީ އިއުލާން ކޮށްފައި," އޮފިޝަލް ވިދާޅުވިއެވެ.

މިއީ މިހާ ގިނަ މަގާމުތަކަށް ކުރިމަތިލުމަށް އެކަށީގެންވާ މުއްދަތެއްތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ޖެހޭނީ, ހިއުމަން ރިސޯސް ޑިޕާޓްމަންޓްއިން ސާފު ކޮށްލަން ކަމަށެވެ.

މި ކުރު މުއްދަތުގެ ތެރޭގައި ކުރިމަތިލާ މުވައްޒަފުން ކިހާ އަވަހަކަށް ވަޒީފާތަކަށް ނަގާނެތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ކަސްޓަމްސް އުސޫލު އޮންނަ ގޮތުން ޝޯޓްލިސްޓްވާ މީހުން އިމްތިހާނެއްގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ޕިޒިކަލް ޓެސްޓެއް ވެސް ދެއެވެ. އިންޓަވިއޫއާ ހަމައަށް ދާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ޕްރޮސެސް ކުރިއަށް ދާނެ," އޮފިޝަލް ވިދާޅުވިއެވެ.

https://www.sun.mv/219795

މިއީ އިންތިޚާބާ ގުޅިގެން ދޭ ވަޒީފާތަކެއް ކަމަށް ކުރާ ތުހުމަތާ ގުޅޭގޮތުން ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެއާޕޯޓްގެ ޚިދުމަތްތައް ފުޅާ ކުރުމާ ގުޅިގެން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ކަމަށާއި މިފަހަރު ވެސް ނަގަނީ ޚިދުމަތް ފުޅާ ކުރާތީ އެކަމަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް އަންނަނީ މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންނެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީއަށް އެކަނި 1000 އެއްހާ މުވައްޒަފުން ނަގަން ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން ވެސް އެހެން ކުންފުނިތަކަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ނަގަމުންނެވެ. މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް, އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް