ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، "ބެލެންސް" މަޖިލީހެއް ލިބޭނެ: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު --

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފާހަގަކުރައްވާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ. މި ބަދަލުގެ ސަބަބުން ސަރުކާރު ޒިންމާދާރުކުރުވޭނެ 'ބެލެންސް' މަޖިލީހެއް އުފެދުމުގެ ފުރުސަތު ބޮޑުވެ، މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން، މި ނިންމުމަކީ ޒުވާނުންނާއި އަންހެނުންނަށް ސިޔާސީ މައިދާނަށް ނުކުތުމަށް އޮތް މާލީ ގޮންޖެހުންތައް ކުޑަކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ދިޔާނާ ވިދާޅުވެއެވެ.

  • ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ސަރުކާރު ޖަވާބުދާރީކުރުވާ 'ބެލެންސް' މަޖިލީހެއް އިންތިޚާބު ކުރުމަށް މަގުފަހިވުން.
  • އިންތިޚާބުތަކަށް ކުރާ ބޮޑު ޚަރަދު ކުޑަކުރެވި، ސިޔާސީ މައިދާނަށް ޒުވާނުންނާއި އަންހެނުންނަށް ވަނުމަށް ފަސޭހަވުން.
  • ދެ އިންތިޚާބުގެ ދެމެދުގައި އޮންނަ މުއްދަތު ނައްތާލުމުން، ސިޔާސީ ނުފޫޒުތަކުން ރައްޔިތުން ސަލާމަތްވެގެން ދިއުން.
  • މަންދޫބުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ޒިންމާ އިތުރުވެ، ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވުން.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ބާރު އިތުރަށް ވަރުގަދަވެ، ދައުލަތުގެ ބާރުތައް ޒިންމާދާރުކުރުވޭނެ "ބެލެންސް" މަޖިލީހެއް އިންތިޚާބު ކުރުމަށް އޮތް ފުރުސަތެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

ދިޔާނާގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ މި ބަދަލުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުވާނެ ގޮތްތަކުގެ މައްޗަށެވެ. އެގޮތުން، އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުންގެ "ލާސްޓް ލައިން އޮފް ޑިފެންސް" ނުވަތަ ދިފާޢީ އެންމެ ފަހުގެ އައްޑަނަ ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ވެރިންނާ ބައްދަލުނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ވެރިންނާ ބައްދަލުވާންޖެހޭނީ ހަމައެކަނި އިންތިޚާބު އޮންނަ ދުވަހު ނޫން ކަމަށާއި، އެއީ ކޮންމެ ދުވަހަކުވެސް ވާންޖެހޭނެ ކަމެއް ކަމަށެވެ.

ދިޔާނާ ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ނިޒާމުގައި އޮތް އެންމެ ބޮޑު އުނިކަމަކީ ދެ އިންތިޚާބުގެ ދެމެދުގައި މުއްދަތެއް އޮތުމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ރިޔާސީ ދައުރު ނިމޭ ދުވަހު ވެރިކަމުގައި ތިބޭ ބައެއްގެ ނުފޫޒު ރައްޔިތުންގެ މައްޗަށް އެހާ ބޮޑަށް ނޯންނަކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ނަތީޖާއެއް ގޮތުން އެ ހުރިހާ ބާރެއް ހިއްޕަވައިގެން ވަޑައިގަންނަވާ އިރުގައި ވެސް އެއްވެސް ރައީސަކު ދެވަނަ ދައުރަކަށް ހޮވިފައި ނެތް އިނގޭތޯ،" ދިޔާނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އެ އިންތިޚާބު އޮންނައިރު ހުރިހާ ސިޔާސީ ފިކުރެއްގެ މެދުގައިވެސް ތާއީދު އޮންނަނީ ގާތްގަނޑަކަށް ހަމަހަމަކޮށް ކަމަށެވެ. އަދި އިންތިޚާބު އޮންނަ ދުވަހު ރައްޔިތުން ވަކި ފިކުރަކަށް ނުލެނބޭނެ ކަމަށާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އެކަން މަޖިލިސް އިންތިޚާބުން ވެސް ސާފުކޮށް ފެންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމުން ޚަރަދުތަކަށް އަންނާނެ ބަދަލުތަކަށް ވެސް ދިޔާނާ އަލިއަޅުއްވާލެއްވިއެވެ. ތިންކްޓޭންކް ތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި މާލޭގައި ކެމްޕޭނަކަށް ތިން މިލިއަން ރުފިޔާ އަދި ރަށްރަށުގައި ހަތް މިލިއަނާއި 15 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާކަމަށް ދިޔާނާ ވިދާޅުވިއެވެ. މި ބޮޑު ޚަރަދުގެ ސަބަބުން ޚާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް އިންތިޚާބުތަކުގައި ވާދަކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދެ އިންތިޚާބު އެކުގައި އޮތުމަކީ ޒުވާނުންނަށާއި ޚާއްސަކޮށް އަންހެނުންނަށް ސިޔާސީ މަގަށް ވަނުމަށް ލިބޭ ފަސޭހައެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރުމުގައި ރައްޔިތުންގެ ޑިމޮކްރެޓިކް ބައިވެރިވުން އިތުރުވެ، ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދިޔާނާ ވިދާޅުވަމުންނެވެ.

comment ކޮމެންޓް