ދިވެހި ދައުލަތަށް، ޚާއްސަކޮށް އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަޙްމަދު ޞާލިޙް ޢަލިދީދީ މިއަދު އަވަހާރަވެއްޖެއެވެ.
'ސަން'އަށް މައުލޫމާތު ދެމުން އައްޑު ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަޙްމަދު ސައީދު ވިދާޅުވީ، ޢަލިދީދީ އަވަހާރަވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޢަލިދީދީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަލިދީދީ އަވަހާރަވީއިރު އުމުރަކީ 92 އަހަރެވެ.
ސައީދު ވިދާޅުވި ގޮތުގައި، ޢަލިދީދީގެ ގިނަ ދަރީން ރަށުން ބޭރުގައި ތިބުމާއެކު ޖަނާޒާގެ ކަންކަން ނިންމައި ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހުގައެވެ. އެއީ، ހިތަދޫ މަސްޖިދުއްތަގުވާ، ހުސައިން މޫސާ މިސްކިތުގައެވެ.
ޢަލިދީދީގެ މޫނުބެލުން މިއަދުގެ 14:00 އިން ފެށިގެން 18:30 އަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޢަލިދީދީ ވަނީ ދިވެހި ދައުލަތަށް 45 އަހަރު ޚިދުމަތް ކުރައްވާފައެވެ. އޭގެތެރޭގައި އައްޑޫ ހިތަދޫ ކަތީބުކަމާއި އައްޑޫގެ އަތޮޅުވެރިކަމާއި ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅުގެ މެމްބަރުކަންވެސް ހިމެނެއެވެ.
ޢަލިދީދީ ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާން ފެއްޓެވީ 1965 ވަނަ އަހަރެވެ. އަދި ރިޓަޔާ ކުރައްވާފައި ވަނީ 2009 ވަނަ އަހަރެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ބައެއް ރައީސުން ހިމެނިވަޑައިގަންނަވާ ގޮތަށް ވަނީ، ޢަލިދީދީގެ ޚިދުމަތްތައް މިއަދު ފާހަގަކުރައްވައިފައެވެ.