ފުވައްމުލަކު ސިޓީން ކަރަންޓު ކެނޑޭތާ ހަފުތާއެއް!

ފުވައްމުލަކު ސިޓީ: އެ ސިޓީން ކަރަންޓު ކެނޑޭތާ ހަފުތާއެއް ވެއްޖެ -- ފޮޓޯ/ ޑްރީމްސް ޓައިމް

ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވީ ނަމަވެސް، މިހާރު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާ ކަމެކެވެ. މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުނުވެ ހަފުތާއެއް ފާއިތުވެފައިވާއިރު، ފާއިތުވި ދެ ދުވަހު މައްސަލަ އިތުރަށް ގޯސްވެފައިވެއެވެ. ފެނަކައިން މި މައްސަލަ ސިފަކުރަނީ ލޯޑު ބޮޑުވުމުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އާ އިންޖީނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

  • ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ ހަފުތާއެއް ވެފައިވޭ.
  • ލޯޑު ބޮޑުވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތަށް ބުރޫއަރާ.
  • އާ އިންޖީނެއް ގެނައުމުގެ މަސައްކަތް ފެނަކައިން ކުރަމުންދޭ.
  • މި މައްސަލައިގެ ސަބަބުން އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވުމުގެ ބިރު އެބައޮތް.

ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ފުވައްމުލަކު ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ދިމާވާތާ ހަފުތާއެއް ވެއްޖެ ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު މިރޭ ވިދާޅުވެއްޖެއެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ފުވައްމުލަކު ސިޓީގެ މޭޔަރު ރަފީގު ވިދާޅުވި ގޮތުގައި، އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ދިމާވަމުންދާތާ މިހާރު ހަފުތާއެއް ވެއްޖެއެވެ. އަދި ފާއިތުވި ދެ ދުވަސްތެރޭ އިރުއިރުކޮޅާ އެ މައްސަލަ ދިމާވަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ފެނަކައާ ހަވާލާދީ މޭޔަރު ވިދާޅުވީ، އެ މައްސަލަ ދިމާވަމުންދަނީ ލޯޑު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި އާ އިންޖީނެއް އެ ސިޓީއަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އެ އިންޖީނަކީ މިދިޔަ މަހު ވެސް އެ ސިޓީއަށް ގެންނަން ޖެހޭ އިންޖީނެކެވެ.

މި މައްސަލައާ ގުޅިގެން އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

11,000އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކުގެ ކަރަންޓު ކެނޑޭ މައްސަލައައިގެ ސަބަބުން ރައްޔިތުންނަށް ދަނީ އެކިއެކި ތަކުލީފުތައް ދިމާވަމުންނެވެ. ޚާއްސަކޮށް، އަގުބޮޑެތި އިލެކްޓްރޯކްނިކް ސާމާނު ކަމަށްވާ އޭސީ، ފުރިޖު އަދި ޓީވީ ފަދަ ހިފާ ގެންގުޅޭ ސާމާނަށް އޭގެ އަސަރު ކުރާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

https://sun.mv/215050

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު، ފުވައްމުލަކުގެ ފެން ނުސާފުވުމުގެ މައްސަލައެއް ވެސް ދިމާވިއެވެ.

ޖުލައި 11، 2023 ގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުވައްމުލަކުގެ ބިމުގެ ފެން ފަށަލައިގައި ގިނަ އަދަދަކަށް ޖަރާސީމު އޭރު ހުއްޓެވެ. އެކަމަކު، ފެން ފަށަލައިގެ ޖުމުލަ ކޮލިފޯމާއި ފީކަލް ކޮލިފޯމް ހުރި މިންވަރު ދެނެގަތުމަށް އީއައިއޭގައި ހިމަނާފައި އޭރު ނެތުމުން އެ އަދަދުތައް ދެނެގަނެވިފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

ނަމަވެސް އެ މައްސަލަ ފަހުން ވަނީ ހައްލުވެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫ ސިޓީއަށް ވެސް ފާއިތުވީ ދެ އަހަރުތެރޭ ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓު ކެނޑުމުގެ މައްސަލައެވެ.

comment ކޮމެންޓް