ރާއްޖޭގެ ތިންވަނައަށް އާބާދީ އެންމެ ބޮޑު ސިޓީ، ފުވައްމުލަކުގެ ފެން ނުސާފުވުމުގެ މައްސަލަ ފަހުން އަދި ދިމާނުވާ ކަމަށް އެ ސިޓީގެ ކައުންސިލުން މިއަދު ބުނެފިއެވެ.
އެގާރަ ހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ނެޓްވޯކު ސާފުކުރުމަށްޓަކައި ކްލޯރިން އަޅަމުންދާކަން ހާމަކޮށް މީގެ މަހެއް ކުރިން މިދިޔަ މަހުގެ 10ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ފެނަކައިން ވަނީ، ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުންނުކުރަން އެދިފައެވެ.
އެހެންވެ، އެ ސިޓީގެ ފެނުގެ ޚިދުމަތް ވަގުތީގޮތުން ކެނޑި، އެ ސިޓީ ފެނަށް ޖެހި، ދުވަސްތަކެއް ފާއިތުވެ ދިޔައެވެ.
'ސަން'އިން މިއަދު ސުވާލުކުރުމުން ފުވައްމުލަކު އިރުއުތުރު ދާއިރާގެ ކައުންސިލަރު ޢަބްދުالله ނާސިރު އަޙްމަދު ވިދާޅުވީ، ފެން ނުސާފުވުމުގެ މައްސަލަ ފަހުން ދިމާނުވާ ކަމަށެވެ. އެކަމަކު، ކްލޯރިން މަތިވެގެން މިދިޔަ ހުކުރު ދުވަހު ޝަކުވާ ލިބުނު ކަމަށް ނާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ދަންނަވަން އަދި ދަތި ކަމަށެވެ.
ފެން ނުސާފުވުމުގެ މައްސަލަ ބޮޑުވީ، އޭނާ ވިދާޅުވި ގޮތުގައި 2023ވަނަ އަހަރު ނެރުނު ފުވައްމުލަކުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫއުގެ ޕަފޯމަންސް އޮޑިޓް ރިޕޯޓުގައިވާ ކަންކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުންނެވެ.
ޖުލައި 11، 2023 ގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުވައްމުލަކުގެ ބިމުގެ ފެން ފަށަލައިގައި ގިނަ އަދަދަކަށް ޖަރާސީމު އޭރު ހުއްޓެވެ. އެކަމަކު، ފެން ފަށަލައިގެ ޖުމުލަ ކޮލިފޯމާއި ފީކަލް ކޮލިފޯމް ހުރި މިންވަރު ދެނެގަތުމަށް އީއައިއޭގައި ހިމަނާފައި އޭރު ނެތުމުން އެ އަދަދުތައް ދެނެގަނެވިފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ފުވައްމުލަކުގެ ވަޅުފެނުގައި އެވަރެޖު ގޮތެއްގައި ނަޖިސް ހުރީ 391 (ސީއެފްޔޫ / 100 މިލިލީޓަރު)ގައެވެ. އެހެން ދިމާވުމުގެ އެއް ސަބަބަކީ ނަރުދަމާ ނިޒާމުގައި މައްސަލަ ދިމާވެ، ސިޓީ ތެރެއަށް ނަޖިސް ލީކުވެގެން ދިއުމެވެ. އެހެންވެ، ފުވައްމުލަކުގެ ފެނުގެ ކޮލިޓީ ދަށްވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި ފާހަގަކުރި އެހެން ކަންކަމުގެ ތެރޭ ހިމެނެނީ ފްލަޝްކުރުމާއި ފެންވެރުން ފަދަ ބޭނުންތަކަށް ވަޅުފެން ބޭނުންކުރަމުން ދިއުމުގެ ސަބަބުން ފުވައްމުލަކުގެ ފެން ފަށަލައަށް މުސްތަގުބަލުގައި ނޭދެވޭ އަސަރު ކުރާނެ ކަމަށް އެކަށީގެންވެއެވެ.
އެ އޮޑިޓް ރިޕޯޓުގައި ވަނީ ސަޕްލައި ފެން ރަނގަޅަށް ޓްރީޓްކޮށް، ފެން ފޯރުކޮށްދިނުމުގައި ކްލޯރިން ހުންނަންޖެހޭ މިންގަނޑުގައި ހުރިކަން ކަށަވަރުކުރުމަށް ފަހު، ސަޕްލައިކުރާ ފެނަކީ ސާފު ފެނެއްކަން ކަށަވަރުކުރުމަށް ލަފާދީފައެވެ.
އޭގެ އިތުރުން، ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގަވައިދުގައިވާ ގޮތަށް، ގެތަކުގައި ގާއިމުކޮށްފައިވާ ސެޕްޓިކް ޓޭންކުތައް ޑިސްއިންފެކްޓްކޮށް ނައްތާލުމަށާއި، ފެން ލީކުވާ މައްސަލަ ހައްލުކޮށް ފެން ދޫކުރަންޖެހޭ ޕްރެޝަރުގައި ދޫކުރާނެ އިންތިޒާމު ހަމަޖެއްސުމަށް ސިޓީ ކައުންސިލަށް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.
ހަމަ އެއާއެކު މުޅި ރަށުން ސާމްޕަލް ނެގޭނެހެން ސާމްޕަލް ޕޮއިންޓްތައް ކަނޑައަޅައި، ފެނަކައަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހަޅަމުން ގެންދާކަން ކަށަވަރުކުރުމަށާއި ސަޕްލައި ފެން ރައްކާތެރިތޯ ކަށަވަރުކުރުމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް އަންގާފައިވެއެވެ.
އަދި، ކްރޮސް ކަނެކްޝަންގެ ސަބަބުން ފެން ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި ގޭބިސީތަކާއި ފެނަކައާ ގުޅިގެން މަސައްކަތްކުރުމަށް ވެސް ރިޕޯޓުގައި ލަފާދީފައި އެބައޮތެވެ.
ފާހަގަކުރެވޭ ގޮތުގައި، ފުވައްމުލަކުގެ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް، މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލު ވެސް ކޮށްފައިވެއެވެ.
އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ އެމްއެފްޑީއޭއިން ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ. އެކަމަކު، އަންނަ ފެން ނުސާފު ފެން ކަމަށް ބުނެ، ނުސާފު ފެން ތަށިތަކެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ކަން އެ ސިޓީގެ ކައުންސިލުން ވަނީ ހެލްތު މިނިސްޓްރީއާ އިދާރާތަކަށް ހުށަހަޅާފައެވެ.
މިދިޔަ މަހު ފުވައްމުލަކުގައި ފެން ނުސާފުވުމުގެ މައްސަލަ ދިމާވެ، ފެން ކަނޑަން ޖެހުމުން މިދިޔަ މަހަށް އެ ސިޓީގެ ފެން ބިލު ނުކުރުމަށް ވެސް ފެނަކައިން ނިންމިއެވެ.