ފިލްމު 'ދުރަންދަރު: ދަ ރިވެންޖް' އަކީ މުޅި އިންޑިއާ ރަމްޒުކޮށްދޭ ފިލްމެއް: ކަންގަނާ

ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު--ފޮޓޯ/ޕިންކްވިލާ

އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް ދިއްލީ 2026 ގައި ވާހަކަ ދައްކަވަމުން ކަންގަނާ ރަނައުތު ވަނީ ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު 'ދުރަންދަރު 2' އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި މި ފިލްމަކީ އިންޑިއާގެ ސަގާފަތާއި ގައުމީ ލޯބި އަދި ޒަމާނީ ތަރައްގީ ވަރަށް ފުރިހަމައަށް ދައްކުވައިދޭ، މުޅި އިންޑިއާގެ ބޮޑު މަންޒަރު ހާމަކޮށްދޭ ލޯގަނޑެއް ފަދަ އުފެއްދުމެކެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ރެކޯޑު މިންވަރަކަށް އާމްދަނީ ލިބިފައިވާ ފިލްމެކެވެ. ނަމަވެސް، މި ފިލްމާމެދު ތަފާތު ހިޔާލުތައް އުފެދިފައިވާއިރު، ބައެއް ފަރާތްތަކުން މި ފިލްމަކީ ޕްރޮޕެގެންޑާ ފިލްމެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ.

  • ކަންގަނާ ރަނައުތު 'ދުރަންދަރު 2' ސިފަކުރީ އިންޑިއާގެ ގައުމީވަންތަކަން ދައްކުވައިދޭ ފިލްމެއްގެ ގޮތުގަ އެވެ.
  • އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް ދިއްލީ 2026 ގައި މި ފިލްމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
  • މި ފިލްމަކީ ބޮކްސް އޮފީހުގައި 1،000.41 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދާފައިވާ ބޮލީވުޑްގެ ކާމިޔާބު ފިލްމެކެވެ.
  • ފިލްމުގެ ކާމިޔާބީއާ އެކު، ބައެއް ފަރާތްތަކުން މި ފިލްމަށް ފާޑުކިޔައި ޕްރޮޕެގެންޑާ ފިލްމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަކީ މުޅި އިންޑިއާ ރަމްޒުކޮށްދޭ ފިލްމެއް ކަމަށް ބަތަލާ އަދި ސިޔާސީ ލީޑަރު ކަންގަނާ ރަނައުތު ބުނެފިއެވެ.

ނިއުދިއްލީގައި ބޭއްވި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް ދިއްލީ (އައިއެފްއެފްޑީ) 2026ގައި ވާހަކަދައްކަމުން، ކަންގަނާ ބުނީ، އައިއެފްއެފްޑީ ފަދަ ބޮޑެތި މަންސަތަކުގައި "ދުރަންދަރު 2" ކަހަލަ ފިލްމުތަކުގެ ވާހަކަ ދައްކާ އެ ފިލްމުތަކާ ގުޅޭ މަޝްވަރާތައް ކުރެވުމަކީ ފިލްމުތަކަށް ހިތްވަރުދީ ކުރިއެރުވުމަށް ކުރެވިދާނެ މުހިއްމު ކަމެއް ކަމަށެވެ.

އައިއެފްއެފްޑީ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކަންގަނާ ބުނީ، ޖާސޫސީ ތުރިލާއެއް ކަމަށްވާ "ދުރަންދަރު 2"އަކީ އިންޑިއާގެ ސަގާފަތާއި، ގައުމީ ލޯތްބާއި، އަދި ޒަމާނީ ތަރައްގީ ވަރަށް ފުރިހަމައަށް ދައްކުވައިދޭ، މުޅި އިންޑިއާގެ ބޮޑު މަންޒަރު ދައްކުވައިދިން މޫނުބަލާ ލޯގަނޑެއް ފަދަ އުފެއްދުމެއް ކަމަށެވެ.

ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި އެކްޓަރު ރަންވީރު ސިންގް އަދި ބަތަލާ ކަންގަނާ--ފޮޓޯ/ފިލްމުފެއަ

ނިއުދިއްލީގެ ބާރަތު މަންޑަޕަމްގައި ފެށުނު މި ފެސްޓިވަލުގައި ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންގެ އިތުރުން ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ވަނީ ބައިވެރިވެފައެވެ.

މި ފެސްޓިވަލްގައި އިންޑިއާގެ ސިނަމާއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ޓޭގޯރް އާއި މިއުޒިކް ކޮމްޕޯޒަ ނަންދަމޫރީ ބާލަކްރިޝްނާގެ އިތުރުން، މިދިޔަ އަހަރު މަރުވެފައިވާ ލެޖެންޑް އެކްޓަރު ދަރުމެންދްރައަށް ވަނީ ދީފައެވެ.

މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ދުރަންދަރު 2" ބެލުމަށްފަހު އެ ފިލްމަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު ފިލްމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާ މީހުންވެސް މަދެއް ނޫނެވެ.

ރަންވީރު ސިންގް، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދަވަން، ސާރާ އަރުޖުން އަދި ރާކޭޝް ބޭދީ މުހިއްމު ރޯލްތައް ކުޅެފައިވާ މި ފިލްމަކީ ޕްރޮޕެގެންޑާ ފިލްމެއް ކަމަށާއި ފިލްމުގައި ޕާކިސްތާނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް އޭގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވެސް އަންނަނީ ބުނަމުންނެވެ.

އެހެންނަމަވެސް "ދުރަންދަރު 2"ގެ ވާހަކައަށާއި އެ ފިލްމުގެ މޮޅުކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނައިރު އެ ފިލްމުވެފައި ވަނީ ރިލީޒްކުރި ދުވަހު 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދުނު ފުރަތަމަ ބޮލީވުޑް ފިލްމަށެވެ. މިހާތަނަށް މި ފިލްމުން ބޮކްސް އޮފީހުގައި 1،000.41 ކްރޯޑު ރުޕީސްގެ އާމްދަނީ ފަހަނައަޅާފައިވާއިރު މިއީ 300-250 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

comment ކޮމެންޓް