އާމިރު ޚާންގެ ފިލްމު 'ސިތާރޭ ޒަމީން ޕަރު' އެންމެފަހުން ސްޓްރީމިންއަށް ދޫކޮށްލަނީ

"ސިތާރޭ ޒަމީން ޕަރް"ގެ ޕޯސްޓަރެއް -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ފިލްމު 'ސިތާރޭ ޒަމީން ޕަރު' އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ސޮނީ ލައިވްގައި ރިލީޒްކުރަން ނިންމައިފިއެވެ. މީގެ ކުރިން މި ފިލްމު ފެނިފައިވަނީ ހަމައެކަނި ޔޫޓިއުބް މެދުވެރިކޮށް ފައިސާ ދައްކައިގެން ބެލޭގޮތަށެވެ. ނަމަވެސް ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު، މި ފިލްމު ސްޓްރީމިން ޕްލެޓްފޯމަކަށް ގެންނަން އާމިރު ޚާން ވަނީ ނިންމާފައެވެ. މި ފިލްމަކީ އޭނާގެ ކުރީގެ ކާމިޔާބު ފިލްމު 'ތާރޭ ޒަމީން ޕަރު' ގެ ސީކުއަލްއެއްގެ ގޮތުގައި އުފެއްދި، ނިއުރޯޑައިވަޖަންޓް ކުދިންގެ ހުނަރުތަކަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

  • ފިލްމު ސޮނީ ލައިވްގައި ރިލީޒްކުރަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.
  • މިއީ އާމިރު ޚާންއާއި ޖެނީލިއާ ދޭޝްމުކް ފެނިގެންދާ ފިލްމެކެވެ.
  • ފިލްމުގެ ޑައިރެކްޓަރަކީ އާރް.އެސް ޕްރަސަންނާއެވެ.
  • މި ފިލްމުގައި 10 ނިއުރޯޑައިވަޖަންޓް އެކްޓަރުން ހިމެނެއެވެ.

މިދިޔަ އަހަރު ސިނަމާތަކުގައި ރިލީޒްކުރި ބޮލީވުޑް އެކްޓަރު އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" އެންމެފަހުން އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކުރަން ނިންމައިފިއެވެ.

މިހާތަނަށް ފައިސާ ދައްކައިގެން ޔޫޓިއުބް މެދުވެރިކޮށް ފިލްމު ބެލޭނެ އުސޫލެއް ހަމަޖެހިފައި އޮތްއިރު ކުރިން ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މި ފިލްމު އެއްވެސް ސްޓްރީމިން ޕްލެޓްފޯމަކުން ނުފެންނާނެއެވެ.

ނަމަވެސް، ފަހުން އާމިރު ޚާން ވަނީ އޭނާގެ ފިލްމު އޯޓީޓީ މެދުވެރިކޮށް ވެސް ބެލުންތެރިންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސަން ބޭނުންވާކަން ހާމަކޮށްފައެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން މި ފިލްމު އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ސޮނީ ލައިވްއިން ބެލުންތެރިންނަށް ބަލާލެވޭނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ރިލީޒްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރް" އަކީ އާމިރު ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލްއެކެވެ. މި ފިލްމުގައި އާމިރު ޚާންއާއި ޖެނީލިއާ ދޭޝްމުކްގެ އިތުރުން ނިއުރޯޑައިވަޖަންޓް 10 އެކްޓަރުން ވަނީ ފެނިފައެވެ.

އާމިރު އަދި ޖެނީލިއާ "ސިތާރޭ ޒަމީން ޕަރް"ގެ މަންޒަރެއްގައި -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް

އާރް.އެސް ޕްރަސަންނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އާމިރު ކުޅެފައި ވަނީ ވަރަށް ރުންކުރު ބާސްކެޓްބޯޅަ ކޯޗެއްގެ ރޯލެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމު ރިލީޒްކުރުމަށްފަހު، އާމިރު ވަނީ އޭނާގެ ޔޫޓިއުބް ޗެނަލް "އާމިރު ޚާން ޓޯކީޒް" މެދުވެރިކޮށް 100 ރުޕީސްއަށް ފިލްމު ބެލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައެވެ.

ބޮޑު ސްޓްރީމިން ޑީލެއް ދޫކޮށްލާފައި ޔޫޓިއުބުގައި ފިލްމު ރިލީޒްކުރަން ނިންމި ސަބަބު ހާމަކުރަމުން އާމިރު ބުނީ، އެގޮތަށް ހެދުމަށްޓަކައި އޭނާގެ ބައިވެރިންގެ ހިއްސާ ބޮޑު އަގަކަށް ގަންނަން ޖެހުނު ކަމަށެވެ.

comment ކޮމެންޓް