އެމެރިކާއާއި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އީރާނުން ބޭނުންކުރަމުންދާ އެންމެ ވަރުގަދަ ހަތިޔާރު "ހުރްމޫޒް ކަނޑުއޮޅި"، އެހާ މުހިންމުވަނީ ކީއްވެ؟

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަމަލާތަކަކާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ. މި ހަނގުރާމައިގެ ތެރެއިން އީރާނުން އެންމެ ބޮޑަށް ބޭނުންކުރަމުންދާ އަދި ދުނިޔޭގެ އިގްތިސާދަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިކޮށްފައިވާ ހަތިޔާރަކީ ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައިގަނޑު މަގު ކަމަށްވާ މި ކަނޑުއޮޅި އީރާނުން ކޮންޓްރޯލްކޮށް ބަންދުކުރުމުގެ ސަބަބުން، ހަނގުރާމަ ކާމިޔާބު ކުރުމަށް އައި އެމެރިކާގެ އަޒުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

  • ހުރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ އެންމެ މުހިންމު ކަނޑުގެ މަގެވެ.
  • މި ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާއާއި އެކުވެރި ގައުމުތަކަށް ބޮޑެތި އިގްތިސާދީ ގެއްލުންތަކެއް ލިބެމުންދެއެވެ.
  • އީރާނުން މިސައިލް، ޑްރޯން އަދި މައިން ބޭނުންކޮށްގެން ކަނޑުއޮޅީގެ ސަލާމަތީ ނިޒާމު ހުއްޓުވުމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައެވެ.
  • އެމެރިކާގެ އަސްކަރީ ބާރުތަކަށް މި ކަނޑުއޮޅި ހުޅުވުމަށް ކުރެވޭ މަސައްކަތްތައް ނާކާމިޔާބުވަމުންދާތީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަޝްވަރާތަކަށް އިސްކަންދޭން ފަށާފައިވެއެވެ.

އެމެރިކާއާއި އިސްރޭލުން އީރާނަށް އުދުވާނީ ހަމަލާތައް ދޭންފެށިފަހުން މިހާރު ތިން ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ހަނގުރާމަ ފެށުމާއެކު އީރާނުގެ ލީޑާޝިޕްގެ ބޮޑުބައެއް އަސްކަރީ ހަމަލާދީ އަވަހާރަ ކޮށްލުމަށްފަހު އެމެރިކާއާއި އިސްރޭލުން ބުނެފައިވަނީ އަމާޒަކީ އީރާނުގެ ވެރިކަން ބަދަލުކުރުމާއި، މަދު ހަފްތާތަކެއްގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނެސް އީރާން "މިނިވަން ކުރުން" ކަމުގައެވެ.

އެހެންނަމަވެސް ހުރިހާ ގޮތަކުންވެސް ގެއްލުން ބޮޑު މިހަނގުރާމަ ދިގުލައިގެން ގޮސް މަހަކާ ކައިރިކޮށްފައިވާއިރު ހަނގުރާމަ އެއްވެސް ގައުމަކަށް އަސްކަރީ ގޮތުން ކާމިޔާބު ކުރެވިދާނެކަމާމެދު އަސްކަރީ ތަޖުރިބާކާރުން މިހާރުވަނީ ޝައްކު އުފައްދާން ފަށާފައެވެ. އަދި ޚުދު އެމެރިކާއިންވެސް މިހާރުވަނީ، ހަނގުރާމަ ނިމުމަކާ ކައިރިވަމުންދާކަމަށް ބުނެ، ހަނގުރާމަ ނިންމާނޭ "ހުތްޖަތްތަކެއް" ހޯދާން ފަށާފައިކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް، ދުނިޔޭގަ މިވަގުތު އޮތް އެންމެ ވަރުގަދަ އަސްކަރީ ބޮޑު ދެބާރާ ކުރިމަތިލާ، އެ ދެ ބާރުގެ ހަގީގީ މަގުސަދު ކަމުގައިވާ އީރާނުގެ ވެރިކަން ބަދަލުވިޔަ ނުދީ، ފަހަތުފަޔަށް ބުރަވާން އެމެރިކާއަށް މަޖުބޫރު ކުރިވީ އިރާނުގެ ކޮން ސިޔާސަތެއްތޯ ނުވަތަ އެ ގައުމުން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ ކޮބައިތޯ، މިއީ މި ހަނގުރާމަ ނިމުމަކާ ދިމާލަށް މިސްރާބުޖަހަން ފަށާފައިވާކަމަށް ގަބޫލު ކުރެވޭއިރު ވަޒަން ކޮށްލާންޖެހޭ މުހިންމު ކަމެކެވެ.

ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ޢުދުވާނީ ހަމަލާތަކަށްފަހު، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ކާރުބާރުބޮޑު އެއް ކަނޑުމަގު ކަމަށްވާ 'ހުރްމޫޒް ކަނޑުއޮޅި' އީރާނުން ވަނީ މުޅިންހެން ބަންދުކޮށްފައެވެ.

ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ގެ ގާތްގަނޑަކަށް 20 އިންސައްތަ އާންމުގޮތެއްގައި ހުރަސްކުރަނީ މި ކަނޑުއޮޅިންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އީރާނުން ބުނެފައިވަނީ، މި ހަނގުރާމަ ނިމެންދެން މި ކަނޑިއޮޅިން ދަތުރު ކުރެވޭނީ އެ ގައުމުން ހުއްދަދޭ އުޅަނދުތަކަށް އެކަނި ކަމުގައެވެ. އަދި ދުޝްމަނުންގެ (އެމެރިކާއާއި އިސްރޭލުގެ) އެއްވެސް އުޅަނދަކަށް މި ކަނޑުއޮޅި ހުރަސް ނުކުރެވޭނެކަމަށްވެސް އީރާނުން ބުނެފައި ވެއެވެ. ހަމަ އެއާއެކު އެމެރިކާއިން އީރާނުންގެ ކަރަންޓު އުފައްދާ އިންޖީނުގެތަކަށް އަސްކަރީ ހަމަލާ ދީފި ނަމަ އަރަބި ބައްރުގައިވާ ކަރަންޓު އުފައްދާ ހުރިހާ އިންޖީނުގެއެއް ވެސް އީރާނުގެ އަސްކަރީ ހަމަލާތަކުގެ އަމާޒަކަށް ވާނެކަމަށްބުނެ ދިން އިންޒާރުގެ އިތުރުން، އިރާނުން ދެން އެމެރިކާއަށް ދެއްކި އެންމެ ބޮޑު ބިރަކީވެސް އެފަދަ ހާލަތެއްގައި މި ކަނޑުއޮޅީ އެކީއެކަށް ބަންދު ކުރާނެކަމުގެ ބިރެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއިން މިހާރުވަނީ މި ކަނޑު އޮޅި ހުޅުވަން އިރާނަށް ދިން 48 ގަނޑިއިރުގެ މުހުލަތު ފަސް ދުވަހަށް ބަދަލުކޮށް އީރާނާއެކީ މަޝްވަރާ ކުރާން ފަށާފައެވެ.

އިރާންގެ އައްސޭރިފަށުގައި އޮންނަ ހުރްމޫޒް ކަނޑުއޮޅި

ހުރްމޫޒް ކަނޑުއޮޅިއަކީ ކޮބާ؟ އަދި އެތަން އޮންނަނީ ކޮންތާކު؟

ހުރްމޫޒް ކަނޑު އޮޅިއަކީ އަރަބި ބައްރުން ނިކުމެގެން އިނޑިއާ ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތައް ދަތުރުތައް ހޭރިޔާ ކުރުމަށް ފަހިވާގޮތަށް އެ ކަނޑަށް ހުޅުވިފައި އޮންނަ "ސްޓްރަޓީޖިކް ލޮކޭޝަނެއްގައި" އޮތް ކަނޑު އޮޅިއެކެވެ. އެގޮތުން، އުތުރުން އީރާނު އަދި ދެކުނުން އޮމާނާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އޮންނަ މި ކަނޑުއޮޅިއަކީ ގަލްފާއި އަރަބި ކަނޑު ގުޅުވައިދޭ މަގެވެ. މި ކަނޑު އޮޅިއަށް ވަންނަ ދޮރާށީގެ ފުޅާމިނުގައި ގާތްގަނޑަކަށް 50 ކިލޯމީޓަރު (31 މޭލު) ހުންނައިރު، އެންމެ ހަނި ހިސާބުގައި ހުންނަނީ 33 ކިލޯމީޓަރެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރުތަކަށް ދަތުރުކުރެވޭ ވަރަށް މި ކަނޑުއޮޅި ފުންވެފައި، މިއީ މެދުއިރުމަތީގެ ތެލާއި އެލް.އެން.ޖީ އުފައްދާ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ ކަސްޓަމަރުން އެންމެ ގިނައިން ބޭނުންކުރާ މަގެވެ.

އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ތެލާއި ތެލުގެ ބާވަތްތައް މި ކަނޑުއޮޅިން ހުރަސްކޮށްފައިވެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 600 ބިލިއަން ޑޮލަރުގެ ހަކަތައިގެ ވިޔަފާރިއެވެ.

ހަމަ އެއާއެކު ފާހަގަކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، މި މަގުން އަންނަ ތެލަކީ ހަމައެކަނި އީރާނުގެ ތެލެއް ނޫންކަމެވެ. އޭގެ ތެރޭގައި އިރާގު، ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ފަދަ ގަލްފުގެ އެހެން ގައުމުތަކުގެ ތެޔޮވެސް ހިމެނެއެވެ.

ދުނިޔޭގެ އެލް.އެން.ޖީ ގެ ގާތްގަނޑަކަށް 20 އިންސައްތަ (މައިގަނޑު ގޮތެއްގައި ގަތަރުން) ވެސް ބޭރުކުރަނީ މި މަގުންނެވެ. އެމެރިކާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ގަތަރުން ދުވާލަކު 9.3 ބިލިއަން ކިއުބިކް ފޫޓު (Bcf/d) ގެ އެލް.އެން.ޖީ މި ކަނޑުއޮޅިން ބޭރުކޮށްފައިވާއިރު، ޔޫއޭއީން ގާތްގަނޑަކަށް 0.7 Bcf/d ބޭރުކޮށްފައިވެއެވެ. އެލް.އެން.ޖީ އަކީ ދިޔާކޮށްފައިވާ ގޭހެވެ. މިގޮތަށް ދިޔާކުރުމުން އުފުލުމަށް ބޭނުންވާ ޖާގަ 600 ގުނަ ކުޑަވެގެންދެއެވެ. އަދި މަންޒިލަށް ފޯރުމުން އަނެއްކާވެސް ގޭހަށް ބަދަލުކޮށް، ހޫނުކުރުމަށާއި، ކެއްކުމަށާއި ކަރަންޓު އުފެއްދުމަށް ހަކަތައިގެ މި ބާވަތް ބޭނުންކުރެވެއެވެ.

ހުރްމޫޒަކީ ކަނޑުއޮޅިއަކީ މެދުއިރުމަތިން ފާޓިލައިޒަރ (ގަސްކާނާ) ބޭރުކުރުމަށްވެސް ވަރަށް މުހިންމު މަގެކެވެ. ފާޓިލައިޒަރ އުފެއްދުމުގައި ގުދުރަތީ ގޭސް ވަރަށް ގިނައިން ބޭނުންކުރެއެވެ. ދުނިޔޭގެ ފާޓިލައިޒަރ ވިޔަފާރީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އާންމުގޮތެއްގައި ހުރަސްކުރަނީ މި ކަނޑުއޮޅިންނެވެ.

ހަމައެއާއެކު އަނެއްކޮޅަށް ބަލާއިރު، މިއީ ކާބޯތަކެއްޗާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި ޓެކްނޮލޮޖީގެ ސާމާނު ފަދަ ތަކެތި މެދުއިރުމައްޗަށް އެތެރެކުރުމަށްވެސް ބޭނުންކުރާ މުހިންމު، އެހާމެ ސްޓްރަޓީޖިކް ލޮކޭޝަނެއްގައި ގާއިމްވެފައި އޮންނަ މަގެކެވެ.

ކަނޑުއޮޅި ބަންދުކުރުމުގެ އަސަރަކީ ކޮބާ؟

އެމެރިކާއާއި އިސްރޭލުން އީރާނަށް އުދުވާނީ ހަމަލާތައް ދޭންފެށުމާއެކު، އިގްތިސާދީ އަދި ސިޔާސީ ތަޖުރިބާކާރުން އޭގެކުރިންވެސް ލަފާ ކޮށްފައިވާގޮތަށް، އީރާނުންވަނީ މި ކަނޑުއަޅި ބަންދުކޮށް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަސްކަރީ ހަމަލާ ދޭން ފަށާފައެވެ. އާންމުގޮތެއްގައި މަހެއްގެ މައްޗަށް 3،000 ބޯޓު މި މަގުން ދަތުރުކުރި ނަމަވެސް، ޓޭންކަރުތަކަށާއި އެހެނިހެން ބޯޓުފަހަރަށް ހަމަލާދޭނެކަމަށް އީރާނުން އިންޒާރު ދިނުމާ ގުޅިގެން މި އަދަދު ވަނީ ހަނގުރާމަ ފެށުމާއެކު ވަރަށް ބޮޑަށް ދަށްވެފައެވެ.

މާރިޗު 18 ވަނަ ދުވަހު އޭއެފްޕީ ނިއުސް އެޖެންސީން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 21 ބޯޓަކަށް އީރާނުން ހަމަލާދީފައި، ނުވަތަ ހަމަލާދޭން އުޅެފައި، ނުވަތަ ހަމަލާއެއްގެ ރިޕޯޓުކޮށްފައިވެއެވެ. އޭއެފްޕީން ހަވާލާދީފައިވާ ޔޫއޭއީގެ އަންދާޒާއެއްގައި ބުނެފައިވަނީ "ތަފާތު ގައުމުތަކުގެ 18 އަށްވުރެ ގިނަ ވިޔަފާރި ބޯޓުފަހަރަށް ޕްރޮޖެކްޓައިލްސް، މިސައިލް، ޑްރޯން ބޯޓު އަދި ކަނޑުގެ މައިންގެ ހަމަލާތައް އަމާޒުވެފައިވާ" ކަމަށެވެ.

ތައިލޭންޑް ފެގްޝިޕް މަޔުރީން ނަރޭއަށް މާރްޗް 11 ވަނަ ދުވަހު އީރާނުން ވަނީ ހަމަލާ ދީފަ

އެ އަންދާޒާގައި ބުނެފައިވާ ގޮތުން މި ހަމަލާތަކުގައި މަދުވެގެން އަށް މީހުން މަރުވެ، ހަތަރު މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

ދުނިޔޭގެ ހަކަތައިގެ ތަޖުރިބާކާރުން މި ހަމަލާތަކާއި ގުޅިގެން ވިދާޅުވެފައިވަނީ، މި ކަނޑުއޮޅިން ދަތުރުކުރުމަކީ އުޅަނދުތަކަށް ހަމަލާއެއް އަމާޒުވެދާނެ، އަދި އިންޝުއަރެންސް ނުލިބިދާނެ ނުވަތަ އިންތިހާއަށް އަގުބޮޑުވެދާނެ، ރިސްކު ބޮޑު ދަތުރަކަށްވާތީ، ސަލާމަތީ ކަންކަން ރަނގަޅުވަންދެން މި ކަނޑުއޮޅު ހުރަސްކޮށް ކުރާ ދަތުރުތައް މަޑުޖައްސާލުން ނޫން އެހެން ހައްލެއް މިހާރު ނެތްކަމުގައެވެ. އޭގެ ސަބަބެއްކަމުގައި އެފަރާތްތަކުން ވިދާޅުވެފައިވަނީ ފިޒިކަލް ބްލޮކޭޑެއް ނެތް ނަމަވެސް، އީރާނުގެ އިންޒާރުތަކާއި، ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ސަބަބުން ޓޭންކަރުތައް ކަނޑުއޮޅިން ދަތުރުކުރޭ ހާލަތެއް ތަނަވަސްވެފައި ނެތުމެވެ.

އިރާން ހަނގުރާމަ ދިގުލައިގެން ދާން ފަށާފައުވާއިރު، މި ކަނޑު އޮޅީގެ ހާލަތަށް ބަދަލެއް ނައިސް، ހަކަތައިގެ އަގުތައް ދުނިޔޭގ ބާޒާރުގައި މިހާރު ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ މާ މަތީގައެވެ. ރޮއިޓާސް ނިއުސް އެޖެންސީން ބުނާގޮތުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 100 ޑޮލަރަށް އަރާފައެވެ. މިއީ މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 70 އިންސައްތަ އަދި މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 50 އިންސައްތައިގެ އުފުލުމެކެވެ.

މި ކަނޑުއޮޅިއާއި ގުޅޭ އަރަބި ގައުމުުތަކަށް ބަލާއިރު، އީރާނު ހިމެނޭގޮތަށް ގަލްފުގެ ގައުމުތަކުގެ އާމްދަނީ ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ހަކަތަ ބޭރުކުރުމުގެ މައްޗަށެވެ. ހަމައެއާއެކު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އޭޝިއާއަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. ލަފާކުރެވޭ ގޮތުގައި އީރާނުން ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ގަންނަނީ ހަމައެކަނި ޗައިނާއިންނެވެ.

ޗައިނާއިން އެ ތެޔޮ ބޭނުންކޮށްގެން އުފައްދާ ތަކެތި ދުނިޔޭގެ އެހެން ގައުމުތަކަށް ބޭރުކުރާތީ، ތެލުގެ އަގު ބޮޑުވުމަކީ މުޅި ދުނިޔޭގެ ކަސްޓަމަރުންނަށް ތަކެތީގެ އަގު ބޮޑުވެގެންދާން މެދުވެރިވައފަިއވާ ސަބަބެއްވެސްމެއެވެ.

އީރާނުން ކަނޑުއޮޅި ކޮންޓްރޯލް ކުރަނީ ކިހިނެއް؟

އދ. ގެ ގަވާއިދުތައް ބުނާގޮތުން ގައުމުތަކުގެ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މޭލާ (13.8 މޭލު) ހަމައަށް ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ބާރު އެ ގައުމަކަށް ލިބިގެންވެއެވެ. އެގޮތުން ބަލާއިރު، މި ކަނޑުއޮޅިގެ އެންމެ ހަނި ހިސާބުގައި، ހުރްމޫޒް ކަނޑުއޮޅިއާއި ކަނޑުއޮޅީގައި ދަތުރުފަތުރުކުރާ މަގުތައް އޮންނަނީ މުޅިންވެސް އީރާނާއި އޮމާންގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައެވެ. އެގޮތުން، ތަޖުރިބާކާރުން ބުނާގޮތުގައި އަސްކަރީ ގޮތުން ކަނޑުއޮޅި ހަނިކުރުމަށް އީރާނަށް ބޭނުންކުރެވޭނެ އެންމެ ފައިދާހުރި އެއް ގޮތަކީ، ހަލުވި ސްޕީޑްބޯޓުތަކާއި ސަބްމެރިންތައް ބޭނުންކޮށްގެން ކަނޑުގެ މައިން އެޅުމެވެ.

އީރާނުގެ ހަލުވި ބޯޓުތަކުގައި ގިނައިން ހުންނަނީ އެންޓި-ޝިޕް މިސައިލް ހަރުކޮށްފައެވެ. އެހެންކަމުން އެ ބޯޓުތައް ކަނޑު އޮޅީގައި ދަތުރުފަތުރުކުރާހާ ހިނދަކު، އިރާނުން ނުދިން ރައްކާތެރިކަމެއް ކަނޑުއޮޅިން ދަތުރުކުރާ ބޮޑެތި އާގު ބޯޓުފަހަރުތަކަށް ނޯންނާނެއެވެ. އަދި އޭގެ އިތުރުން އީރާނަކީ ފަރުބަދަތައް ގިނަ ގައުމަކަށް ވުމުން، މި ކަނޑު އޮޅީގެ އައްސޭރިފަށުގައިވާ ފަރުބަދަތަކުގެ ނިވަލުން އިރާނުގެ މިސައިލް ލޯނޗަރތައް ހުންނަނީ ހަރުކޮށް ރައްކާކޮށްފައެވެ. އެހެންކަމުން އިރާނުގެ ބަޑި ހަރުކޮށްފައިވާ ކުދި އުޅަނދުފަހަރަށް މިސައިލް ހަމަލާދީ އެމެރިކާއިން އެ އުޅަނދުތައް ނައްތާލިނަމަވެސް އެމެރިކާއަށް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އޭގެ އެއް ސަބަބަކީ މި ކަނޑުއޮޅިއަށްވާގޮތަށް ވާ އީރާން އައްސޭރީ ފަށުގައިވާ ފަރުބަދަތަކުގެ ނިވަލުގައާއި މި ފަރުބަދަތަކުގެ އެތައް ސަތޭކަ މީޓަރެއްގެ އަޑީގައި އީރާނުން ވަގުތުން ބޭނުންކުރެވޭ ހާލަތުގައި ހަތިޔާރުތައް ބޮޑެތި ސްޓޮކްޕައިލްތައް ރައްކާކޮށްފައި ހުންނާތީވެސްމެއެވެ.

ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން އަސްކަރީ ހަމަލާތައް އަމާޒުކުރާ ގޮތުގެ ކުރެހުމެއް

އެމެރިކާއިން ކަނޑުއޮޅި ހުޅުވަން މަސައްކަތްކުރަނީ ކިހިނެއް؟

މިހާތަނަށް އެމެރިކާއިން މި ކަނޑުއޮޅިއަށް ހަނގުރާމަމަތީ އެއްވެސް މަނަވަރެއް ފޮނުވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމެރިކާގެ އަސްކަރީ ރައްދު ހަނިކޮށްފައިވަނީ އީރާނުގެ ކަނޑުގެ ސިފައިން ހިމެނޭގޮތަށް އީރާނަށް ދޭ ވައިގެ ހަމަލާތަކަށެވެ.

މިސާލަކަށް، މާރިޗު 18 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަނޑުއޮޅީގައިވާ އީރާނުގެ އެންޓި-ޝިޕް ކްރޫޒް މިސައިލް ސައިޓުތަކަށް ބޮންއަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް މި ބީދައިން ދެވޭ އަސްކަރީ ހަމަލާތަކަކީ މި ކަނޑުއޮޅި ހިމާޔަތް ކުރެވެން އޮތް ގޮތަކަށް ނުވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ އެމެރިކާގެ ބައިވެރިންނާއި ޗައިނާ ހިމެނޭގޮތަށް އެހެން ގައުމުތަކުން މަނަވަރު ފޮނުވައިގެން ހުރްމޫޒްގެ ސަލާމަތްކަން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ. އެހެންނަމަވެސް އެމެރިކާގެ މި ގޮވާލުމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެއަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއަށް ހަގީގަތުގައި އެ ގައުމުތަކުގެ އެހީތެރިކަން ބޭނުންނުވާ ކަމަށެވެ. އަދި ޓްރަމްޕްވަނީ ޔޫރަޕުން އެމެރިކާއަށް ބޭވަފާތެރިވެފައިވާކަމަށްވެސް މޭރުންކޮށް ވާހަކަ ދައްކަވާފައެވެ.

މި ކަނޑުއޮޅީގެ ތާރީޚަށް ބަލާއިރު، މީގެ ކުރިންވެސް އެމެރިކާއިން ވަނީ މި ކަނޑުއޮޅިން ދަތުރުފަތުރުކުރުން އަލުން ގާއިމުކުރުމަށް އެގައުމުގެ އަސްކަރީ ބާރު ބޭނުންކޮށްފައެވެ. އެގޮތުން، 1980 ގެ އަހަރުތަކުގެ ފަހުކޮޅު، އަށް އަހަރުވީ އީރާން-އިރާގު ހަނގުރާމައިގެ ދުވަސްވަރު، ތެޔޮ ފެސިލިޓީތަކަށް ދިން ހަމަލާތައް "ޓޭންކަރު ހަނގުރާމައަކަށް" ބަދަލުވެ، އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި އީރާނާއި އީރާގުންވެސް ވަނީ ވަކިފަރާތަކަށް ނުޖެހޭ ބޯޓުފަހަރަށް ހަމަލާދީފައެވެ.

އެ ހަމަލާ ބަދަލުކުރުންތަކާއި ގުޅިގެން އިރާގުގެ ތެޔޮ އުފުލާ ކުވައިތުގެ ޓޭންކަރުތަކަށް އޮތް ނުރައްކާ ވަކިން ބޮޑުވިއެވެ. އެއާއެކު، އެންމެ ފަހުން، އެމެރިކާގެ މަނަވަރުތަކުން އޭރު ގަލްފު ހުރަސްކޮށް އެ ޓޭންކަރުތަކަށް ހިމާޔަތްދޭން ފެށިއެވެ. އެމެރިކާގެ ނޭވަލް އިންސްޓިޓިއުޓުން ބުނާގޮތުގައި މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހިންގި ކަނޑުމަތީގެ އެންމެ ބޮޑު އެއް އަސްކަރީ އޮޕަރޭޝަނެވެ.

އަދިވެސް ބޯޓުފަހަރަށް ދަތުރުކުރެވޭތަ؟

ފާއިތުރު ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ-އިސްރޭލު-އީރާން ހަނގުރާމަ ފެށުނު ފަހުން ހުރްމޫޒު ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ އެންމެ 21 ޓޭންކަރާއި އެހެނިހެން ބައެއް ބޯޓުފަހަރު ކަމަށް އެމެރިކާގެ ވިޔަފާރި ޚަބަރު ފަތުރާ ސައިޓް، ސީއެންބީސީއިން މާރިޗު 18 ގައި ރިޕޯޓުކޮށްފައިވެއެވެ. އަދި މާރިޗު 1 އިން 15 އަށް، ޗައިނާއާ ގުޅުންހުރި ޖުމްލަ 11 ބޯޓެއް ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މާރިޗު 14 ވަނަ ދުވަހު އިންޑިއާއިން ބުނެފައިވަނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް އުފުލާ އިންޑިއާގެ ދިދަ ނަގާފައިވާ ދެ ޓޭންކަރެއް ހުރްމޫޒް ހުރަސްކޮށްފައިވާ ކަމަށާއި، އީރާނާއެކު ކުރެވޭ މަޝްވަރާތަކުގެ ސަބަބުން ދަތިތަކަށް ލުޔެއް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ބައެއް އާގު ބޯޓުފަހަރުތައް ހޮރުމޫޒް ކަނޑުއޮޅި ހުރަސްކުރަނީ

ހަކަތަ ބޭރުކުރާ ގައުމުތަކަށް ހުރްމޫޒް ނޫން މަގަކުން ދަތުރުކުރެވިދާނެތަ؟

އިރާނުން ހުރްމޫޒު ކަނޑުއޮޅި ބަންދުކޮށްފާނެކަމުގެ ބިރު އަބަދުވެސް އޮތުމުގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ގަލްފު ސަރަހައްދުގެ ތެޔޮ ބޭރުކުރާ ގައުމުތަކުން ވަނީ އެއްގަމު މަގުތަކެއް ތަރައްގީކޮށްފައެވެ.

އެމެރިކާ ސަރުކާރުން ބުނާގޮތުގައި ސައުދީ އަރަބިއްޔާއިން ހިންގާ 1،200 ކިލޯމީޓަރު ދިގު އީސްޓް-ވެސްޓް ކްރޫޑް އޮއިލް ޕައިޕްލައިން މެދުވެރިކޮށް ދުވާލަކު ފަސް މިލިއަން ފީފާއާ ހަމައަށް ސާފުނުކުރާ ތެޔޮ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

މީގެ ކުރިން، ގުދުރަތީ ގޭސް ފޮނުވާ ހޮޅިއެއްވެސް ވަގުތީގޮތުން ސާފުނުކުރާ ތެޔޮ އުފުލުމަށްވެސް ބޭނުންކޮށްފައިވެއެވެ.

ޔޫއޭއީން ވަނީ އެގައުމުގެ އެތެރޭގައިވާ ތެޔޮވަޅުތައް ގަލްފް އޮފް އޮމާންގައި އޮންނަ ފުޖައިރާ ބަނދަރާ ހޮޅިއެއް މެދުވެރިކޮށް ގުޅާލާފައެވެ. މި ހޮޅީގެ ކެޕޭސިޓީއަކީ ދުވާލަކު މަދުވެގެން 1.5 މިލިއަން ފީފާއެވެ. އެހެންނަމަވެސް ޑްރޯން ހަމަލާތަކުގެ ސަބަބުން ފުޖައިރާގައި ތެޔޮ ބަރުކުރުމުގެ މަސައްކަތަށްވެސް ވަނީ ބުރޫއަރާފައެވެ.

އެހެންކަމުން ފާހަގަކޮށްލާންޖެހޭ މުހިންމު ނުކުތާއަކީ ހުރްމޫޒް ކަނޑުއޮޅި ބޭނުން ނުކޮށް އެހެން އިންފްރާސްޓްރަކްޗަރތައް މެދުވެރިކޮށް ތެޔޮ ފޮނުވިދާނެކަމެވެ. އެހެންނަމަވެސް މި އުސޫލުން ހަކަތައް ބޭރުކުރާކުރާން ކުރާ މަސައްކަތްތަކުގެ ނަތީއެއްގެ ގޮތުންވެސް، ހުރްމޫޒު ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރާ ހަކަތައާއި އެއް މިނަގޑެއްގައި ހިފެއްޓިދާނެކަމަށް ތަޖުރިބާކާރުން ދެކެވަޑައެއް ނުގަންނަވައެވެ. ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި، ހުރްމޫޒު ކަނޑު އޮޅި ބޭނުން ނުކޮށް އެހެން ވަސީލަތްތަކުން ހަކަތަ ބޭރު ކުރިނަމަވެސް، އޭގެ ސަބަބުން ދުވާލެއްގެ މައްޗަށް 8-10 މިލިއަން ފީފާގެ ސަޕްލައި މަދުވެގެންދާނެއެވެ.

ހުރްމޫޒް ކަނޑޮއޮޅި އަކީ އީރާންގެ އެންމެ ވަރުގަދަ ހަތިޔާރު! އެހަތިޔާރު ބޭނުން ކޮށްފައިވަނީ ވަރަށްވެސް ކާމިޔާބުކޮށް!

މީގެ ކުރިންވެސް ހީކުރެވިފައިވާ ގޮތަށް މި ހަނގުރާމަ ފެށުމާއެކު އިރާނުންވަނީ މި ހަނގުރާމާގައި އެގައުމުން ބޭނުންކުރާނެ އެންމެ ވަރުގަދަ ހަތިޔާރަކީ ހުރްމޫޒް ކަނޑުއޮޅި ކަމުގައި ހަދާފައެވެ. އެގޮތުން މި ކަނޑު އޮޅި ބަންދު ކުރުމުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރަމުންދާ ނޭދެވޭ އަސަރު ޚުދު މިރާއްޖެއިންވެސް މިދަނީ ފެންނަމުންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ޕެޓްރޯލް އަދި ޑީސަލް ލިޓަރެއް މިހާރު ވިއްކާއަގު ވަނީ 30 ރުފިޔާއަށްވުރެ މަތި ވެފައެވެ. އަދި ތެލާއި ގުޅުންހުރި އެކި ޚިދުމަތްތަކާއި މުދަލާއި ތަކެތީގެ އަގު އިންތިހާއަށް އުފުލި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސް ދަނީ އިގްތިސާދީ ގޮތުން ގޮންޖެހުތަކާއި ކުރިމަތިލަމުންނެވެ.

އެހެންކަމުން، މި ކަނޑުއޮޅި ބަންދު ކޮށްފައި އޮންނަ އޮތުމަކީ ދުނިޔެއަށް ތަހައްމަލު ކުރެވިދާނެ ގޮންޖެހުމެއްގައި ނުބެލެވޭއިރު، މި ހަނގުރާމާގައި އީރާނުން މި ހަތިޔާރުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަމުންދާކަމަށް އަސްކަރީ އަދި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެމެރިކާއިން ފަހަތު ބަޔަށް ބުރަވެ، މި ހަނގުރާމަ ނިމުމަކަށް އައުމާ ގާތްވެފައިވާކަމަށް ބުނަން މަޖުބޫރުވެފައިވާ ހަގީގީ ސަބަބަކީވެސް އެއީކަމުގައި ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

comment ކޮމެންޓް