ހަނގުރާމަ ދިގުލާނަމަ ތެލަށްޖެހި ބޮޑު ކާރިސާއަކަށް ވެގެން ހިނގައިދާނެ: އައި.އީ.އޭ

ހަކަތައާބެހޭ ބައިނަލްއަގްވާމީ އެޖެންސީގެ ވެރިޔާ ފާތިހު ބިރޯލް

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) އިން ހާމަކޮށްފައިވާ ގޮތުގައި ދުވާލަކު 15 މިލިއަން ފީފާގެ ތެޔޮ މަދުވުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި ހަކަތައިގެ އެންމެ ބޮޑު ކާރިސާއެވެ. ހުރުމުޒް ކަނޑުއޮޅި ބަންދުވުމުގެ ބިރުވެރިކަމާއެކު، ތެލުގެ އަގު ފީފާއަކަށް 200 ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވެއެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ހަކަތަ އިގްތިސާދު ކުރުމަށާއި، ސަރުކާރުތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އައި.އީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ދުނިޔޭގެ ބާޒާރުން ދުވާލަކު 15 މިލިއަން ފީފާގެ ތެޔޮ މަދުވުން.
  • ހުރުމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލާއި ގޭހުގެ ސަޕްލައިއަށް ބުރޫއެރުން.
  • ތެލުގެ އަގު 200 ޑޮލަރަށް އެރުމުގެ ބިރު ބޮޑުވުން.
  • ތެޔޮ ސަބްސިޑީ ދިނުމާއި ހަކަތަ ބޭނުންކުރުން މަދުކުރުމަށް ސަރުކާރުތަކުން މަސައްކަތް ފެށުން.

ޕެރިސް (23 މާޗް 2026) : އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އިސްވެ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 15 ވަރަކަށް މިލިޔަން ފީފާ އުނިވަމުންދާކަމަށާ މިއީ ދެވަަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވަމުންދާ ހަކަތައިގެ އެންމެ ބޮޑު ކާރިސާކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނެފިއެވެ.

އެ އެޖެންސީގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހު ބިރޯލް ވިދާޅުވިގޮތުގައި ދުނިޔޭގެ ބާޒާރުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 15 ވަރަކަށް މިލިޔަން ފީފާ އުނިވަމުންދާއިރު މިކަމުގެ ނޭދެވޭ އަސަރު ނުކުރާނެ އެއްވެސް ގައުމެއް ނޯންނާނެއެވެ. ނަމަވެސް ބޮޑަށް ކުރިމަތިވާނީ ތެޔޮ އިންޕޯޓްކުރާ ގައުމުތަކަށެވެ.

ބިރޯލް ދުނިޔޭގެ ގައުތަކަށް ގޮވާލެއްވީ ތެލުން އިގްތިސާދު ކުރުމަށެވެ. ތެޔޮ ބޭނުންކޮށްގެން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ކަންކަން ފިޔަވައި އެހެންކަންކަން ކުރުން މިދުވަސްވަރު ހުއްޓާލުމަށެވެ. ވަކިވަކި ފަރުދުންވެސް ކަރަންޓާއި ވެހިކަލްތައް ބޭނުންކުރުމުގައި ވަރަށް ބޮޑަށް އިގްތިސާދު ކުރުމަށެވެ.

ބިރޯލް، ދުނިޔޭގެ ގައުމުތަކަށް އިލްތިމާސް ކުރެއްވީ އެމެރިކާއާއި އިސްރާއީލު ފަށާފައިވާ ހަނގުރާމައާއެކު އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ދުނިޔެއަށް ކުރިމަތިވެފައިވާ ތެލާއި ގޭހުގެ ތާށިކަމާމެދު ސީރިޔަސްކޮށް ވިސްނައި ތެލުގެ ޚަރަދު ކުޑަކުރުމުގެ ޕްލޭންތައް ހަދައި އެޕްލޭންތައް ތަންފީޒު ކުރަން އަވަހަށް ފެށުމަށެވެ.

ހަކަތަ ބޭނުންކުރާ މިންވަރު ސަރުކާރުތަކުގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުންވެސް ދަށްކުރުމަށެވެ. މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

ބިރޯލް ވިދާޅުވިގޮތުގައި މިހާރު ގަލްފާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ތެލުގެ މައްސަލައަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ އެންމެ ބޮޑު މައްސަލައެވެ.

ހަނގުރާމަ ހުއްޓައި ނުލައިފިނަމަ ތެލުގެ ސަޕްލައި އިތުރަށް ތާށިވާނެކަން ބިރޯލްވަނީ ލަފާކުރައްވާފައެވެ. އަދި ތެލުގެ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް ބުނެ ހަނގުރާމަ ކުރާ ފަރާތްތަކުން ދެމުން އިންޒާރުތަކަކީ ސީރިޔަސް އިންޒާރުތަކެއް ކަމަށާ އެއިންޒާރުތައް ތަންފީޒުކޮށްފިނަމަ ތެލުގެ އަގު ފީފާއަކަށް 200 ޑޮލަރަށް މަތިވުމުގެ ބިރު އޮތްކަމަށް އައި.އީ.އޭ ގެ ސްޓްރެޓެޖިސްޓުން ލަފާކުރައްވާ ކަމަށްވެސް ބިރޯލް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 109 ޑޮލަރަށް އަރައިފައެވެ. ގަލްފު ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ ދުވާލެއްގެ މައްޗަށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އާއި 25 އިންސައްތައާ ދެމެދުގެ ތެޔޮ ހުރަސްކުރާ ކަނޑުއޮޅިއެކެވެ.

މިހާރު މި ކަނޑުއޮޅިން ހުރަސްކުރަނީ އީރާނުގެ ތެލާއި އިރާގުގެ ތެލާއި ގަލްފުން އިންޑިއާއާއި ތުރުކީއަށް ގެންދާ ތެލުގެ ޝިޕްމަންޓްތަކެވެ. ނަމަވެސް އީރާނާ ވާހަކަދައްކައިގެން އީރާނުގެ ފަރާތުން ހުއްދަލިބޭ ގައުމުތަކުގެ ތެލުގެ ޝިޕްމަންޓްތައްވެސް ހުރަސްކުރެއެވެ.

ތެލުގެ އިތުރުން ގަލްފު ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ނެރޭ ގޭސްވެސް ވަނީ މަދުވެފައެވެ. ގަތަރުގެ ގޭސް ފީލްޑަކަށް އީރާނުން ދިން ހަމަލާތަކުގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ގަތަރުން އުފައްދާ ގޭހުގެ މިންވަރުވަނީ 17 އިންސައްތައަށް ދަށަށް ގޮސްފައެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) ގެ ސްޓްރެޓެޖިސްޓުން ވަނީ ތެލުގެ އަގު ބޮޑުވުމުން ކާބޯތަކެއްޗާއި ދަތުރު ފަތުރާއި ޚިދުމަތުގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދާނެކަމަށް ލަފާކުރައްވާފައެވެ.

އައިއެމްއެފް އިން ވަނީ މިކަމުގެ ސަބަބުން އިންފްލޭޝަން ރޭޓްމަތިވެ ދުނިޔޭގެ އިގްތިސާދަށް މަޑުޖެހުން އަންނާނެ ކަމުގެ އިންޒާރު ދީފައެވެ.

މިމައްސަލައާ ކުރިމަތިލުމަށާ އަދި އިންފްލޭޝަން މަތިވިޔަ ނުދިނުމަށްޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ ސަރުކާރަށް މާލީ ބާރުބޮޑުވިނަމަވެސް އެގައުމުތަކުގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ހަރަކާތްތަކަށް ބޭނުންވާ ތެލަށް ސަރުކާރުން ދޭ ސަބްސިޑީ ބޮޑުކުރަން ފަށާފައެވެ. އަދި މިއާއެކު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ޕްލޭންތައް އެކުލަވާލަން ފަށާފައެވެ.

މީގެތެރޭގައި އެއްގަމު އުޅަނދުތައް ދުއްވާ ބާރުމިން، މަދުވެގެން ގަޑިއަކު 10 ކިލޯމީޓަރާ ހަމައަށް ދަށްކުރުމަށް މަސައްކަތް ކުރުމާއި ސަރުކާރު ސެކްޓަރުގެ އިދާރީ މަސައްކަތްތަކުގެ ގަޑިތައް މަދުކުރުމާއި ކާރު ބޭނުންކުރުމުގެ ބަދަލުގައި ބަހާއި މެޓްރޯ ފަދަ ތަކެތި ބޭނުންކުރުމަށް ރައްޔިތުންނަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

comment ކޮމެންޓް