އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، ގަލްފު ގައުމުތަކުގެ ހަކަތައާއި ފެން އުފައްދާ ނިޒާމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން މިއަދު ދީފިއެވެ.
ހޮރުމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް ޓްރަމްޕް ވަނީ އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާފައެވެ. އެމެރިކާގެ ގަޑިން ހޯމަ ދުވަހުގެ ރޭ 7:45 އަށް މި މުހުލަތު ހަމަވާއިރު، ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ އެންމެ ބޮޑެތި އިންޖީނުގެތައް ގޮއްވާލާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
މިކަމަށް ރައްދުދެއްވައި އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ވިދާޅުވީ، އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައިވާ އެމެރިކާއާއި ގަލްފު ގައުމުތަކުގެ ހަކަތައާއި ލޮނުފެން މީރުކުރާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ.
އަދި އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އީރާނަށް ހަމަލާދީފިނަމަ ސަރަހައްދުގެ މުހިންމު ވަސީލަތްތައް އިއާދަނުކުރެވޭ ވަރަށް ހަލާކުކޮށްލާނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ އިންޖީނުގެތައް އަލުން ބިނާކުރެވެންދެން ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުނެފައެވެ.
މި އިންޒާރުތައް ބަދަލުކުރެވެމުން މިދަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ތިން ހަފުތާ ވެފައިވަނިކޮށެވެ. ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، ގަލްފުގެ ގައުމުތަކުން ބޯފެން ހޯދުމަށް މުޅިންހެން ބަރޯސާވަނީ ލޮނުފެން މީރުކުރާ ނިޒާމުތަކަށެވެ. އެހެންކަމުން، އީރާނުގެ ހަމަލާއެއް އަމާޒުވެއްޖެނަމަ އެ ގައުމުތަކަށް ބޮޑެތި ކާރިސާތަކަކާ ކުރިމަތިލާންޖެހޭނެކަމުގެ ބިރު ވަނީ ހީވެފައެވެ.