400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫނުކޮށް އާއިލާ މެންބަރަކަށް ދެވޭގޮތަށް އުސޫލު ބަދަލުކުރަނީ

ގޯތިތަކަކާ މީހުން ހަވާލުވަނީ: --- ފޮޓޯ/ ހައުސިން މިނިސްޓްރީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭ ފަރާތްތަކުން، އެމީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫކޮށްލަންޖެހޭ އުސޫލު ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި މި އާ އުސޫލުގެ ދަށުން، މިހާރު އެ ބިންކޮޅު ދައުލަތަށް ދިނުމުގެ ބަދަލުގައި، އެމީހެއްގެ އާއިލާގެ މެންބަރަކަށް، އެ ބިންކޮޅުގެ މިލްކުވެރިކަން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ބަދަލަކީ ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ބުރަ ލުއިކޮށްދިނުމަށާއި، އަމިއްލަ ބިންކޮޅުތަކުގައި ކުރެވިފައިވާ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާގެ މެންބަރަކަށް ބަދަލުކުރެވޭނެ.
  • މި ބަދަލު 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވެސް ތަންފީޒުވާނެ.
  • ބިންކޮޅު ބަދަލުކުރެވޭނީ އަނބިމީހާ، ފިރިމީހާ، ދަރިން، ނުވަތަ އެއްބަނޑު އެއްބަފާ ފަރާތްތަކަށް އެކަނި.
  • މި އުސޫލަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓުގައި ވަރަށް އަވަހަށް ޝާއިއުކުރެވޭނެ.

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ނުވަތަ ގޯއްޗަށް ކުރިމަތިލާއިރު، އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަންޖެހޭ އުސޫލު ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

ނަމަވެސް، މި އުސޫލަށް ބަދަލު ގެނެސް، އެ ބިންކޮޅު ސަރުކާރަށް ދިނުމުގެ ބަދަލުގައި އެމީހެއްގެ އާއިލާގެ މެންބަރަކަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ ނަންމައްޗަށް ބަދަލުކުރެވޭނެއެވެ.

"މީގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް އެ މީހަކު ދައުލަތަށް ދޫކޮށްލަންޖެހޭ ބިންކޮޅު ދޫކޮށްލުމުގެ ބަދަލުގައި، ދޫކޮށްލެވޭ ގޮތް މި ހަދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އުސޫލު ބަދަލުކުރަން ނިންމެވީ ވަރަށް ގިނަ ބަޔަކު އެފަދަ ކުދި ބިންކޮޅުތަކުގައި އިންވެސްޓްކޮށް، ލޯނު ނަގައިގެން އިމާރާތްކުރުން ފަދަ މަސައްކަތްތައް ކޮށްފައި މިިހާރު ވެސް ހުރުމުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫން ސަރުކާރަށް އެ ތަން ނެގުމުގެ އެއްވެސް ކަހަލަ ބާޑަންއެއް ރައްޔިތުންނަށް ޕާސްކުރާކަށެއް. ރައްޔިތުންގެ އާއިލާތަަކުގެ ތެރޭގައި އެ ބިންކޮޅު ބޭއްވޭ ގޮތަށް މި ބަދަލުކުރީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އުސޫލަކީ ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވެސް ތަންފީޒުވާނެ އުސޫލެއް ކަމަށެވެ. ނަމަވެސް، ސަރުކާރަށް ދޫކޮށްލަންޖެހޭނީ ހަމައެކަނި ސަރުކާރުން ދީފައިވާ ފްލެޓެއްގައި ދިރިއުޅެމުންދާ މީހަކު، އެ ފްލެޓް ދޫކޮށްފައި ދާންޖެހޭ ހާލަތްތަކުގައި އެ ފްލެޓް އެކަނި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖޮއިންޓް އެޕްލިކޭޝަން މެދުވެރިކޮށް މުޅި ގޯތި ދޫކޮށްލުމަށްފަހު އެންމެން ގުޅިގެން ގޯއްޗަށް ކުރިމަތިލައިގެން ގޯތި ލިބުނު ފަރާތްތަކުންނާއި، ކުޑަ ބިންކޮޅު ލާޖައްސާ އުސޫލުން ގޯއްޗަށް ކުރިމަތިލައިގެން ގޯތި ލިބުނު ފަރާތްތަކުން އެމީހެއްގެ ބިންކޮޅު ދައުލަތަށް ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި އުސޫލުތަކަށް ގެނެވޭ ބަދަލުތައް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް