އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މެދުއިރުމަތީގެ ތިން ގައުމަކަށް 16.5 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު ހަތިޔާރު ވިއްކުމަށް ހުއްދަދީފިއެވެ.
މި ހަތިޔާރުތައް ވިއްކުމަށް ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ކުވައިތު އަދި އުރުދުންއަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މިއީ ކުއްލި ހާލަތެއް ކަމަށް ކަނޑައަޅުއްވައި، ކޮންގްރެސްގެ ހުއްދައަކާ ނުލައި މި ހަތިޔާރުތައް ވަގުތުން ވިއްކުމަށް އަންގަވާފައެވެ. މި ނިންމުން އައިސްފައިވަނީ އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެ، ދެ ފަރާތުންވެސް ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ.
މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މި މުއާމަލާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްބަސްވުމެއް ހަދާފައިވަނީ ކުވައިތާއެކުގައެވެ. އެއީ އަށް ބިލިއަން ޑޮލަރުގެ ވައިގެ ދިފާއީ އަދި މިސައިލް ދިފާއީ ރާޑަރު ސިސްޓަމްތަކެއް ވިއްކުމަށެވެ. މީގެ އިތުރުން، ޔޫއޭއީއަށް 8.4 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 4.5 ބިލިއަން ޑޮލަރުގެ ދުރު ރާސްތާ ރާޑަރު ސިސްޓަމްތަކާއި، 2.1 ބިލިއަން ޑޮލަރުގެ ޑްރޯން ހުއްޓުވާ ނިޒާމުތަކުގެ އިތުރުން އެފް-16 މަރުކާގެ ބޯޓުތަކަށް ބޭނުންވާ ވަޒަނާއި އާލާތްތައް ހިމެނެއެވެ.
އުރުދުންއަށް ވިއްކުމަށް ހަމަޖެހިފައިވަނީ 70.5 މިލިއަން ޑޮލަރުގެ މަތިންދާބޯޓާއި ވަޒަނުގެ ސާމާނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި ހަތިޔާރުތައް ފޯރުކޮށްދޭނީ އެމެރިކާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އާރްޓީއެކްސް ކޯޕަރޭޝަން، ނޯތްރޮޕް ގްރޫމަން އަދި ލޮކްހީޑް މާޓިން އިންނެވެ.