ކެންޔާއިން 2،000 އަށް ވުރެ ގިނަ ދިރިހުރި ކުއީން ގާޑަން ހިނި އެތެރެކުރަން އުޅުނު ޗައިނާގެ މީހަކާއި އޭނާގެ ކެންޔާގެ އެކުވެރިޔާގެ މައްޗަށް ގަވާއިދާ ހިލާފަށް ވަލު ޖަނަވާރުގެ ބާވަތްތައް ގެންގުޅުމުގެ ދައުވާ އުފުލައިފިއެވެ.
ޒާންގް ކެކުން ކިޔާ އެ މީހާ ހައްޔަރުކުރީ ނައިރޯބީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހަފްތާއެވެ. އޭނާގެ ދަަބަހުން ހިނިތައް ފެނިފައިވާއިރު، ކޮންމެ ހިންޏެއް ވަނީ ޓިޝޫއާއި ޓެސްޓް ޓިއުބަށް ލާ ބަންދުކޮށްފައެވެ.
އަންގާރަ ދުވަހު ނައިރޯބީގެ ކޯޓަކުން ބޭއްވި އަޑުއެހުމުގައި ބުނީ ޗާލްސް މުވާންގީގެ އަތުން ޒާންގް މި ހިނިތައް ގަނެފައިވަނީ އޭގެ ތެރެއިން ކޮންމެ 100 ހިންޏަކަށް 10،000 ކެންޔާ ޝިލިން (77 ޑޮލަރު) އަށް ކަމަށެވެ.
ކެންޔާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޔޫރަޕާއި އޭޝިއާގައި އެ ބާވަތުގެ ހިންޏަށް ވަރަށް ޑިމާންޑު ބޮޑެވެ.
މުވާންގީގެ މައްޗަށް މީގެކުރިންވެސް ވަނީ ހިނިތަކެއް ގެންގުޅުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 27 އަށްވެސް ވަނީ ތާވަލުކޮށްފައެވެ.
މިދިޔަ އަހަރުގެ މެއި މަހު ކެންޔާގެ ކޯޓަކުން ވަނީ އެތައް ހާސް ދިރިހުރި ކުއީން ހިނި އެގައުމުން ބޭރަށް އެތެރެކުރަން އުޅުނު ހަތަރު މީހެއްގެ މައްޗަށް އެއް އަހަރަށް ޖަލަށް ލައި 7،700 ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ.