ޒަރިޔަންދުގެ ކެމްޕެއިން ޕޯސްޓަރުތަކެއް "ވަގަށް" ނެގި މައްސަލައެއް ފުލުހަށް

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޒަރިޔަންދު: އޭނާގެ ކެމްޕެއިން ޕޯސްޓަރުތަކެއް ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައި --- ފޮޓޯ/ ޕީއެންއެފް

މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ޕޯސްޓަރުތަކެއް ހުޅުމާލޭގައި ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. ޒަރިޔަންދު ތުހުމަތުކުރައްވާ ގޮތުގައި، އޭނާގެ ސަޕޯޓަރުންގެ ބިންތަކުގައި ހުރި ޕޯސްޓަރުތައް ނަގާފައިވަނީ އެޗްޑީސީގެ މުވައްޒަފުންނެވެ. މި މައްސަލައިގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ޕޯސްޓަރުތައް ވެސް ނަގާފައިވާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، އެޗްޑީސީން ބުނެފައިވަނީ ޕޯސްޓަރުތައް ނަގާފައިވަނީ ހުއްދަ ނުނަގާ ހަރުކޮށްފައި ހުރުމުގެ ސަބަބުން ކަމަށެވެ.

  • ޒަރިޔަންދުގެ ކެމްޕެއިން ޕޯސްޓަރުތަކެއް ނެގި މައްސަލަ ފުލުހަށް ހުށަހެޅުން
  • އެޗްޑީސީގެ މުވައްޒަފުންތަކެއް ޕޯސްޓަރުތައް ނަގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުން
  • ހުއްދަ ނުނަގައި ޕޯސްޓަރުތައް ހަރުކުރުމުން އެތަކެތި ނަގަމުންދާ ކަމަށް އެޗްޑީސީން ބުނުން
  • ކައުންސިލް އިންތިޚާބާ ގުޅިގެން ޕީއެންސީއާއި އެމްޑީޕީގެ މެދުގައި ވާދަވެރިކަން ބޮޑުވުން

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ޕޯސްޓަރުތަކެއް ބަޔަކު ވަގަށް ނެގި މައްސަލައެއް އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

ޒަރިޔަންދު ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލޭގައި ހުރި އޭނާގެ ކެމްޕެއިން ޕޯސްޓަރުތަކެއް 'އެޗްޑީސީ ހެދުމުގައި ތިބި ބަޔަކު' ސިއްރިއްޔާތުގައި ނަގާފައިވާ ކަމަށެވެ.

ސަޕޯޓަރުންގެ އަމިއްލަ ބިންތަކުގައި ހުރި އޭނާގެ ޕޯސްޓަރުތަކެއް ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ، ޒަރިޔަންދު ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދާއެކު، މޭޔަރު ކަމަށް ވާދަކުރައްވާ ޒަރިޔަންދު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހެޔޮ ވިސްނުން ދެއްވައި، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ވެރިކަން ކުރުމުގެ ނަފުސާނީ ގާބިލުކަން މިންވަރުކޮށްދެއްވުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.

ޒަރިޔަންދުގެ ޕޯސްޓަރުތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް، އެ ސިޓީ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ނަގާފައެވެ.

މިގޮތުން، އެމްޑީޕީން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވަނީ، ހުޅުމާލޭގައި ހަރުކޮށްފައި ހުރި އޭނާގެ ޕޯސްޓަރެއް އެޗްޑީސީން ނަގައިފައިވާ ކަމަށާއި އޭގެ ބަދަލުގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ޕޯސްޓަރު އެ ތަނުގައި ހަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ދައުރު ނޫހުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމް އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން، އެޗްޑީސީގެ މުވައްޒަފުންތަކެއް އެމްޑީޕީގެ ޕޯސްޓަރުތަކެއް ނަގާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯއާ ގުޅޭ ގޮތުން އެޗްޑީސީއާ ސުވާލުކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ، ޕޯސްޓަރުތައް ނަގައިފައިވަނީ ހުއްދަ ނުނަގައި ހަރުކޮށްފައި ހުރުމުން ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރީ އިންތިޚާބުތަކާ ދިމާކޮށް ވެސް، ހުއްދަ ނުނަގައި ޕޯސްޓަރާއި ބެނާ ޖަހައިފައިވާ ކަމަށް ބުނެ، އެ ތަކެތި އެޗްޑީސީން ނަގައިފައިވެއެވެ.

https://sun.mv/219273

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް