ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، ސެލީން އަލުން ކޮންސަޓްތައް ބާއްވަން ތައްޔާރުވަނީ

ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދުނިޔޭގެ މިއުޒިކީ ދާއިރާގައި ފުން އަސަރުތަކެއް ކުރުވި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން، ސިއްހީ ގޮންޖެހުންތަކާއެކު ދެ އަހަރު ދުވަހު ސްޓޭޖްތަކުން ދުރުގައި ހުރުމަށްފަހު އަލުން އެނބުރި އައުމަށް ތައްޔާރުވަމުންދާ ޚަބަރުތަކަކީ އޭނާގެ ފޭނުންނަށް ލިބުނު ބޮޑު އުފާވެރިކަމެކެވެ. 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ހުށަހެޅި ހުށަހެޅުމަކީ ގިނަ ބައެއްގެ ލޮލުން ކަރުނަ އޮހޮރުވި، އަދި އޭނާގެ އަޒުމު ވަރުގަދަކަން ދައްކުވައިދިން ހާދިސާއެކެވެ. މިހާރު ޚަބަރުތައް ބުނާ ގޮތުން، އޭނާގެ މި އާ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ޕެރިހުންނެވެ.

  • ސެލީން ޑިއޯންގެ މިއުޒިކީ ދަތުރުގެ އާ ބާބެއް ފެށެނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
  • ސްޓިފް ޕާސަން ސިންޑްރޯމް ފަދަ ނާދިރު ބައްޔަކާ ކުރިމަތިލަމުންދިޔަ ނަމަވެސް، އޭނާގެ ހިތްވަރު ދެމިއޮތްކަން ހާމަވެއެވެ.
  • މި އަހަރުގެ ފަހުކޮޅު ޕެރިހުގެ ލަ ޑިފެންސް އެރީނާގައި ޚާއްސަ ކޮންސަޓެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
  • ސެލީންގެ ހަޔާތާއި މަސައްކަތްތަކުގެ މައްޗަށް އެކުލަވާލި ޑޮކިއުމެންޓްރީއަކުން އޭނާގެ އުނދަގޫ ދުވަސްތަކުގެ މަންޒަރުތައް ފެނިގެން ގޮސްފައިވެއެވެ.

ޕެރިސް އޮލިމްޕިކްސްގައި ހުށަހެޅިތާ ދެ އަހަރު ފަހުން، މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން އަލުން ކޮންސަޓްތައް ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ހޮލީވުޑްގެ ރިޕޯޓުތަކުން ބުނެފިއެވެ.

އެގޮތުން އުމުރުން 57 އަހަރުގެ ލަވަކިޔުންތެރިޔާ މި އަހަރުގެ ފަހުކޮޅު ފްރާންސްގެ 'ލަ ޑިފެންސް އެރީނާ'ގައި ޕާފޯމް ކުރާނެ ކަމަށް ބެލެވެއެވެ. ކެނެޑާއަށް އުފަން މި ފަންނާނު އެންމެ ފަހުން ލައިވް ޝޯއެއް ދީފައި ވަނީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފަހުކޮޅު ސެލީން ޑިއޯންގެ ކޮންސަޓެއް ޕެރިހުގައި އޮންނާނެއެވެ. ނަމަވެސް މި ޝޯއާ ބެހޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސެލީން ސްޓޭޖްމަތީ ލަވައެއް ހުށަހަޅައިދެނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޕެރިހުގެ މަގުތަކުގައި ހުރި ހޮޅިދަނޑިތަކުގައި މިހާރު ވަނީ ސެލީންގެ މަޝްހޫރު ލަވަތަކުގެ ނަންތައް ހިމެނޭ ތަފާތު ޕޯސްޓަރުތަކެއް ވެސް ހަރުކޮށްފައެވެ. މީގެ އިތުރުން، ސެލީން ޑިއޯންގެ އިންސްޓަގްރާމްގައި ވެސް ވަނީ ފާއިތުވި އަހަރުތަކުގައި އޭނާ ޕެރިހުގައި ހޭދަކުރި ދުވަސްތަކުގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އޭނާގެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކާއި ފަހުގެ ފެޝަން ފޮޓޯތައް ހިމެނެއެވެ.

މީގެ ހަތަރު އަހަރު ކުރިން ސެލީން ވަނީ އޭނާއަށް "ސްޓިފް ޕާސަން ސިންޑްރޯމް" ކިޔާ ބައްޔެއް ޖެހިފައިވާކަން ރޮމުން ކިޔައިދީ، ވީޑިއޯއެއް އާންމުކޮށްފައެވެ. މި ބަލީގެ ސަބަބުން އޭނާގެ "ކަރޭޖް ވޯލްޑް ޓުއަ"ގެ ޔޫރަޕްގެ ޝޯތައް 2023ގެ އޮގަސްޓް މަހާ ހަމައަށް އޭރު ފަސްކުރަން ޖެހުނެވެ.

ހަމައެއާއެކު 2024ގައި ސެލީންގެ ހަޔާތާ ގުޅޭގޮތުން އެމެޒޯން ޕްރައިމް ވީޑިއޯއިން ނެރުނު ޑޮކިއުމެންޓްރީގައި، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އޭނާއަށް މި ބަލި ޖެހުނު ދުވަސްވަރުގެ މަންޒަރުތަކާއި، އޭނާގެ ކާމިޔާބު ކެރިއަރުގެ މުހިންމު ހަނދާންތައް ހިމަނާފައިވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެން ލަވަކިޔުންތެރިންގެތެރޭ ހިމެނޭ ސެލީން އަކީ އޭނާގެ ފުރިހަމަ އަޑާއި "މައި ހާޓް ވިލް ގޯ އޮން" ފަދަ ކާމިޔާބު ލަވަތަކުގެ ސަބަބުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ދުއިސައްތަ މިލިއަނަށް ވުރެ ގިނަ ރެކޯޑް ވިއްކާފައިވާ ސެލީން އަކީ މިއަދާ ހަމައަށް ވެސް ދުނިޔޭގައި އެންމެ ގިނައިން އަލްބަމް ވިކިފައިވާ އެއް ލަވަކިޔުންތެރިޔާއެވެ.

comment ކޮމެންޓް