އާދިއްތަ ދުވަހު ބޭއްވި 98 ވަނަ އޮސްކާ އެވޯޑުސްގައި ފިލްމު "ސިނާސް" ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ފިލްމުގެ ލަގަބު "ވަން ބެޓްލް އާފްޓަ އެނަދަ" ހޯދައިފިއެވެ.
ލޮސް އެންޖެލިސްގެ ޑޯލްބީ ތިއޭޓަރުގައި ބޭއްވުނު މި އަހަރުގެ އެކަޑަމީ އެވޯޑްސް (އޮސްކާ) ހަފުލާގައި، ކޯނަން އޯބްރަޔަން ދެވަނަ އަހަރަކަށް ހޮސްޓުކޮށްދިން މި ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި "ބެސްޓް ޕިކްޗާ" ނުވަތަ އެންމެ މޮޅު ފިލްމުގެ އެވޯޑް ކާމިޔާބުކުރި "ވަން ބެޓްލް އާފްޓަ އެނަދަ"އަކީ ހޮލީވުޑްގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ޕޯލް ތޯމަސް އެންޑަސަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޕޯލް ތޯމަސް އެންޑަސަންގެ މި ފިލްމަށް އެންމެ މޮޅު ފިލްމުގެ ލަގަބު ހޯދުނީ ވަރުގަދަ ވާދަވެރި ފިލްމުތަކެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭގެ ތެރޭގައި "ސިނާސް"، "ހެމްނެޓް"، "ފްރެންކަންސްޓައިން"، "މާޓީ ސުޕްރީމް"، "އެފް1"، "ބުގޯނިއާ"، "ޓްރެއިން ޑްރީމްސް"، "ދަ ސީކްރެޓް އޭޖެންޓް" އަދި "ސެންޓިމެންޓަލް ވެލިއު" ހިމެނެއެވެ.
އެވޯޑް ހަފުލާއާ ހަމައަށް އައިއިރު، ފިލްމީ ދާއިރާގެ ތަޖުރިބާކާރުންނާއި ކްރިޓިކުން ލަފާކޮށްފައި އޮތީ ރަޔަން ކޫގްލަގެ "ސިނާސް"އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބޭނެ ކަމަށެވެ. އެއީ އެ ފިލްމަށް ކްރިޓިކުންގެ ފަރާތުންނާއި ގިލްޑް އެވޯޑްތަކުން ލިބުނު ބޮޑު ތަރުހީބުގެ ސަބަބުންނެވެ.
ނަމަވެސް، އޮސްކާއިން ރޭގެ އެންމެ ފަހު ނަތީޖާ އިޢުލާން ކުރެވުނުއިރު، އެކަޑަމީގެ އެންމެ މަތީ ޝަރަފު ކާމިޔާބުކުރީ "ވަން ބެޓްލް އާފްޓަ އެނަދަ"އެވެ.

"ވަން ބެޓްލް އާފްޓަ އެނަދަ"ގެ ކާސްޓުން ރޭގެ އޮސްކާ އެވޯޑު ހަފްލާގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ފިލްމުގައި ކުޅަދާނަ އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ ކުޅެފައިވަނީ، މުޖުތަމަޢާ ވަކިން އޭނާގެ ދަރިފުޅާއެކު ދިރިއުޅެމުންދާ ކުރީގެ އިންގިލާބީ ހަނގުރާމަވެރިއެއް ކަމަށްވާ ބޮބްގެ ރޯލެވެ. އޭނާގެ މާޒީގެ ބިރުވެރި ހަނދާންތަކާއި ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުން ދަނިކޮށް، ކުރީގެ ދުޝްމަނަކު (ޝޯން ޕެން) އެނބުރި އައުމުން، ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ބޮބްއަށް މަޖުބޫރުވަނީ އޭނާގެ މާޒީގެ ކުށްތަކާ ކުރިމަތިލައި، ނުރައްކާތެރި ދަތުރެއް ފެށުމަށެވެ.
މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ލިއޮނާޑޯ ޑިކެޕްރިއޯ، ރެޖީނާ ހޯލް، ޝޯން ޕެން، ބެނީސިއޯ ޑެލް ޓޯރޯ، ޗޭސް އިންފިނިޓީ އަދި ޓެޔާނާ ޓޭލަރ ހިމެނެއެވެ. ފިލްމު "ވަން ބެޓްލް އާފްޓަ އެނަދަ"' ވަނީ މުޅިއެކު ހަ އޮސްކާ އެވޯޑް ކާމިޔާބުކޮށްފައެވެ.
އޭގެތެރެއިން އެންމެ މޮޅު ފިލްމުގެ އެވޯޑަކީ މި ފިލްމަށް މިއަހަރުގެ އެވޯޑް ސީޒަންގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އޮސްކާގެ އިތުރުން، މި ފިލްމު ވަނީ ބާފްޓާ (BAFTA)، ގޯލްޑަން ގްލޯބްސް އަދި ކްރިޓިކްސް ޗޮއިސް ފަދަ ބޮޑެތި ހުރިހާ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައެވެ.
މި ކާމިޔާބީއަކީ ޑައިރެކްޓަރު އެންޑަސަންގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. "ދެއަރ ވިލް ބީ ބްލަޑް" އަދި "ފެންޓަމް ތްރެޑް" ފަދަ މަޝްހޫރު ފިލްމުތައް އުފައްދާފައިވާ އެންޑަސަންއަށް މީގެ ކުރިން އެތައް ފަހަރަކު އޮސްކާ ނޮމިނޭޝަން ލިބިފައިވީ ނަމަވެސް، އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުމަކީ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސްގެ ފަރާތުން އޭނާގެ މަސައްކަތަށް ލިބުނު އެންމެ މަތީ ޝަރަފެވެ.