ތެޔޮ އަގު ބޮޑުވެ، ރަށްރަށުގައި ތެޔޮ ހޯދަން ބޮޑެތި ކިއޫތަކެއް

ތެޔޮ އަގު ބޮޑުވެ، ޕެޓްރޯލް ގަންނަން ބޮޑެތި ކިއޫތަކެއް -- ފޮޓޯ/ އަހުމަދު މޫބީން، ފޭސްބުކް ޕޯސްޓް

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން މިހާރު ކުރާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުވުމުން ބައެއް ރަށްރަށުގައި ތެޔޮ ހޯދަން ގިނަ ބަޔަކު ބޮޑު ކިއޫގައި ޖެހިއްޖެއެވެ.

ތެލުގެ އަގަށް އައި ބަދަލާ އެކު ބައެއް ރަށްރަށުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 29 ރުފިޔާއާ ހަމައަށް އުފުލިފައެވެ. އެހެންވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބައެއް މީހުން ޕެޓްރޯލް ގަނެއެވެ.

ދިވެހި ތާރީޚު ދިރާސާކުރައްވާ ނާޖިހް ދީދީ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އައްޑޫ ސިޓީ މަރަދޫ ޕެޓްރޯލް ޝެޑުން ޕެޓްރޯލް ލީޓަރެއް ލިބެންހުރީ 29 ރުފިޔާއަށް ކަމަށެވެ. އެކަމަކު، ހިތަދޫން 18.56 ރުފިޔާއަށް ޕެޓްރޯލް އެޅުނު ކަމަށެވެ. ފަހުން، މަރަދޫގައި ވެސް އެ އަގަށް ތިރިކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެއާ އެކު އޭނާ ހިއްސާކުރި ފޮޓޯގައި ވެސް ޕެޓްރޯލް އަޅަން ކިއޫގައި މީހުން ތިބިތަން ފެނެއެވެ.

މީގެ އިތުރުން، ގދ. މަޑަވެލީގައި ވެސް ޕެޓްރޯލް އަޅަން ބޮޑު ކިއޫއެއްގައި މީހުން ޖެހިފައިވާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް އަހުމަދު މޫބީން ކިޔާ މީހަކު މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. ފޮޓޯތަކުން ފެންނަނީ ގިނަ ބަޔަކު ހަން ހިފައިގެން ގޮސް ޕެޓްރޯލް ގަންނަން ކިއޫގައި ތިބި މަންޒަރެވެ.

މާލޭ ސަރަހައްދުގައި ވެސް ޕެޓްރޯލް ގަންނަން ގިނަ ބަޔަކު ފުޅިއާއި ހަން ފަދަ ތަކެތި ހިފައިގެން ގޮސް ތިބޭ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ. އެހެންވެ، މި ހާލަތުގައި މީހުން ފަހަށް ރައްކާކުރަން ޕެޓްރޯލް ގަންނަނީ ކަމަށް ބެލެވެއެވެ.

ވިޔަފާރިތަކަށް ހޯލްސޭލްކޮށް ތެޔޮ ވިއްކާ އަގުތަކަށް އެފްއެސްއެމުން ބަދަލު ގެނައި ނަމަވެސް އާންމުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން އެސްޓީއޯއިން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

https://sun.mv/219299

އެސްޓީއޯގެ އޮފިޝަލަކު މިއަދު 'ސަން'އަށް ބުނީ، ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. އަދި، މަސްވެރިންނަށް ފަހި ހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަށް އިތުރު ބަދަލެއް ނާންނަ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

"ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައިދެނީ. މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރަޔަކަށް ނުވާގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް،" އެ ކުންފުނިން ބުންޏެވެ.

މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ބާޒާރުގައި ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތެލުގެ އަގަށެވެ. ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމްއިން ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ޖެޓް ފިއުލްގެ އަގު ވެސް އުފުލިފައިވާތީ، ކުރިއަށް އޮތް ތަނުގައި އެތެރޭގެ އުދުހުންތަކުގެ އަގު ވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މާލެ ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ.

ވިޔަފާރިތަކަށް ތެޔޮ ވިއްކުމުގައި އައި ބަދަލާ ބެހޭގޮތުން އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ބުނީ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ހުންނަނީ އެކި ރޭޓުގައި ކަމަށެވެ. ވިޔަފާރިތަކަށް ވިއްކާ ރޭޓުތަކަށް ބަދަލު އައި ނަމަވެސް އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ އަގަށް ބަދަލެއް ނާންނަކަމަށް ވެސް ފާހަގަކުރިއެވެ. އަދި, އާންމުންނަށް ޝެޑުތަކުން ވިއްކާ އަގަަށް ބަދަލެއް އަންނަ ނަމަ އެކަން ހާމަކުރާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް