ދެކުނު ލުބްނާން ހިފަން، އިސްރާއީލުން އެއްގަމު މަގުން ހަނގުރާމަ ފަށައިފި

އިސްރާއީލު ސިފައިން ލުންބާނުގެ ދެކުނު ހިފުމަށްޓަކައި އެއްގަމުން ހަނގުރާމަ ވަނީ މިއަދު ފަށާފައި

ބައިރޫތު (16 މާރިޗު 2026): ދެކުނު ލުބްނާން ހިފުމަށްޓަކައި އިސްރާއީލު ސިފައިން އެއްގަމު މަގުން ހަނގުރާމައިގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ ބުނާގޮތުން މި އޮޕަރޭޝަންގެ ބޭނުމަކީ ލީތާނީ ކޯރުގެ ދެކުނުގައިވާ ލުބްނާނުގެ ބިންތައް ހިފައި، އެ ތަންތަން އިސްރާއީލަށް ރައްކާތެރިކަން ލިބިދޭ ބަފަޒޯނެއްގެ ގޮތުގައި ބޭއްވުމެވެ.

ޣައްޒާގެ ހަނގުރާމައިގެ ތެރޭގައި 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ވެސް އެއްގަމު މަގުން ދެކުނު ލުބްނާނުގެ ބައެއް ހިފުމަށްޓަކައި ގްރައުންޑް އޮޕަރޭޝަނެއް އިސްރާއީލުން ފެށިއެވެ. ނަމަވެސް، އެ އޮޕަރޭޝަންވަނީ ފެއިލްވެފައެވެ. އެއީ ލުބްނާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހިޒްބުﷲ ޖަމާއަތުން ވަރަށް ވަރުގަދައަށް އިސްރާއީލު ސިފައިންނަށް ރައްދުދީ އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރާލައި، ގިނަ އަދަދެއްގެ ހަތިޔާރުތައް ހަލާކުކޮށްލުމުގެ ސަބަބުންނެވެ.

އެ އަހަރުގެ ފަހުކޮޅު އެއްބަސްވުމެއްގެ ދަށުން އިސްރާއީލާއި ހިޒްބުﷲ ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައެވެ. ނަމަވެސް، އިސްރާއީލު ގެންދިޔައީ މި އެއްބަސްވުމަށް އިހުތިރާމުނުކޮށް ކެނޑިނޭޅި ލުބްނާނަށް ވައިގެ މަގުން ހަމަލާތައްދީ ލުބްނާނުގެ އާންމުންނާއި ހިޒްބުﷲ ގެ މުޖާހިދުން ޝަހީދު ކުރަމުންނެވެ. ލުބްނާނުގެ ހޮސްޕިޓަލްތަކާއި ސްކޫލުތަކަށް ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައްދީ މީހުން ޝަހީދު ކުރަމުންނެވެ.

ލުބްނާން ސަރުކާރު ބުނާގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ހަމަލާތައް ހުއްޓާލަން އިސްރާއީލު އެއްބަސްވެ ހަމަލާތައް ހުއްޓާލި ފަހުން އިސްރާއީލުން ވަނީ 2،000 އަށް ވުރެ ގިނަ ފަހަރު އެ އެއްބަސްވުމާ ޚިލާފުވެ ލުބްނާނަށް އިސްވެ ހަމަލާދީފައެވެ.

މި ހަމަލާތައް އިސްރާއީލުން ދިންއިރު ވެސް ރައްދުގައި އެއްވެސް ހަމަލާއެއް ނުދީ، ހިޒްބުﷲ އޮތީ ކެތްތެރިވެގެން މަޑުންނެވެ. އިސްރާއީލުން ހިޒްބުﷲ ގެ މިކެތްތެރިކަން މާނަކުރީ ހިޒްބުﷲ ބަލިކަށިވުންކަމުގެ ގޮތުގައެވެ.

އެހެންކަމުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލުން އީރާނަށް އިސްވެ ހަމަލާދިނުމާއެކު އީރާނުން އިސްރާއީލަށް ރައްދު ހަމަލާތައް ދޭން ފެށުމުން މިއީ އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމަށް ރަނގަނޅު ވަގުތެއް ކަމަށް ބަލައި ހިޒްބުﷲ ވަނީ މި މާރިޗު މަހުގެ ދެވަނަ ދުވަހު އަނެއްކާ ވެސް އިސްރާއީލަށް ވަރަށް ވަރުގަދައަށް ރައްދު ހަމަލާތައް ދޭން ފަށާފައެވެ.

ހިޒްބުﷲ ބުނާގޮތުން އިސްރާއީލަށް ރައްދު ދޭން ފެށީ ހިޒްބުﷲ ބަލިކަށި ކަމަށް ބަލައި ލުބްނާނަށް އެއްގަމު މަގުން އަރައިގަތުމަށް މާރިޗު މަހުގެ ތިންވަނަ ދުވަހު އިސްރާއީލު ތައްޔާރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައެވެ.

ހިޒްބުﷲ ގެ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލަށް މަޖުބޫރުވީ ލުބްނާނަށް އެއްގަމުން އަރައިގަތުމަށް ރޭވި ޕްލޭން ތަންފީޒުކުރުން ފަސްކުރުމަށެވެ. މި ޕްލޭން ތަންފީޒުކުރަން މިރޭ މިވަނީ ފަށާފައެވެ. ނަމަވެސް، ހިޒްބުﷲ ގެ މުޖާހިދުންގެ ކުރިމަތީގައި އެއްގަމު މަގުން ހަނގުރާމަކޮށްގެން މާ ބޮޑު ކާމިޔާބެއް ހޯދުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫންކަން ތާރީޚު ހެކިދެއެވެ. އަދި، ބިމެއް ހިފި ނަމަވެސް ފަހުން އެ ބިމަކުން އިސްރާއީލުވަނީ ފައްސާލާފައެވެ.

ކުރިން 1982 ގައިވެސް އިސްރާއީލުން ދެކުނު ލުބްނާން ގެ ބޮޑުބައެއް ހިފިއެވެ. ނަމަވެސް، ހިޒްބުﷲ ވަނީ އެބިންތަކުން އިސްރާއީލު ފައްސާލާފައެވެ.

މި މަހުގެ ދެވަނަ ދުވަހު ހިޒްބުﷲ އިސްރާއީލާ ދެކޮޅަށް ރައްދު ހަމަލާތައް އަލުން ދޭން ފެށުމަށް ފަހު މިހާތަނަށް އިސްރާއީލުން ވަނީ ލުބްނާނުން 800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ލުބްނާނުގެ އާންމުންނެވެ. ޝަހީދުކޮށްލި އާންމުންގެ ތެރޭގައި 107 ކުޑަކުދިންނާއި 66 އަންހެނުން ހިމެނެއެވެ. އަދި، ލުބްނާނުގެ 800،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު އިސްރާއީލުން ވަނީ ހަލާކުކޮށްލާފައެވެ.

ހިޒްބުﷲ ގެ ހަމަލާތަކުގައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވެ އިސްރާއީލުގެ އެތައް ސަތޭކަ ތަނަކަށް ހިޒްބުﷲ ގެ ހަމަލާތައް އަރާފައިވާ ކަމަށް އިސްރާއީލުވަނީ އެއްބަސްވެފައެވެ. ނަމަވެސް، އިސްރާއީލުން ބުނާ ގޮތުން ހިޒްބުﷲ ގެ ހަމަލާތަކުގައި މަރުވެފައިވަނީ އެންމެ 10 ވަރަކަށް މީހުންނެވެ.

comment ކޮމެންޓް