ޒަމާނީ ފެންވަރަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި އެ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަންދުކުރާތީ، އެ ސަރަހައްދުގައި އެއްވެސް ކަނޑުއުޅަނދެއް އަޅާފައި ނުބާއްވަން، މާލޭ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ އާންމު ގޮތެއްގައި މާލެއިން އެއާޕޯޓަށް ދާ ފެރީތަކާއި، މާލެއާ ކައިރި ރަށްރަށަށް ދަތުރުކުރާ ފެރީތައް އަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކަނޑުއުޅަނދުފަހަރު ވެސް ހަރަކާތްތެރިވެއެވެ.
ކައުންސިލުން މިއަދު ވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށް މަގު ބަންދުކުރާނެ ގޮތުގެ ތަފުސީލު އާންމުކޮށްފައެވެ.
އެގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމި ހުޅުވެންދެން ބަންދުވާނެއެވެ.
އަދި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުން ފެށިގެން ފަސްވަނަ ފާލަމާ ހަމައަށް އޮންނަ ސަރަހައްދު މިމަހުގެ 30ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށާއި، ފަސްވަނަ ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދު އަންނަ އޭޕްރިލް މަހުގެ 17ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށް، ކައުންސިލުން އާންމުކުރި މައުލޫމާތުގައިވެއެވެ.
އެހެންކަމުން، މަގު ފުޅާކޮށް މަގުގެ މަސައްކަތް ނިމެންދެން، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުފަހަރު އެ ސަރަހައްދުގައި އަޅާފައި ނުބާއްވަން ކައުންސިލުން ވަނީ އަންގައިފައެވެ.

ބާޒާރުމަތީ ސަރަހައްދުގައި މީހަކު އެއްޗެހި އުފުލަނީ: މި ސަރަހައްދު ތަރައްގީކޮށް ހުޅުވީ ރަމަޟާން މަހުގެ ކުރިން -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް
ފާހަގަކުރެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު ތިން މަސްދުވަސް ފަހުން އާންމުންނަށް ހުޅުވާލީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. އަދި ބާޒާރުމަތި ސަރަހައްދުގައި ތާރު އަޅައި މަގު ފުޅާކުރުމަށްފަހު، ރަމަޟާން މަހުގެ ކުރިން ވަނީ ހުޅުވާލައިފައެވެ.
ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.
މީގެ އިތުރުން މާލޭގެ އެތެރޭގެ މަގުތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރެވޭތޯ ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.