ވީރާނާވެފައި އޮތް، ސުނާމީ ބިނާ މައިޒާނު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ނިމިފައި ވާކަމަށް، އެ މަސައްކަތާ ހަވާލުވި އެމްޓީސީސީން ބުނެފިއެވެ.
ސުނާމީ ބިނާ މައިޒާނުގެ ވީރާނާވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް، އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހެވެ.
މާލޭގެ ސުނާމީ ބިނާ ސަރަހައްދު ތަރައްގީ ކުރުމަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގާފައިވަނީ ނިމުނު ފެބުރުވަރީ މަހުގެ ނުވަވަނަ ދުވަހެވެ.
އެމްޓީސީސީން ވަނީ ސުނާމީ ބިނާ ތަރައްގީކުރުމުގެ މަސައްކަތް މި މަހުގެ ދެވަނަ ދުވަހު ނިންމާލައިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދު ދިއްލާލައި، ގެނެސްފައިވާ ބަދަލުތަކުގެ ފޮޓޯތަކެއް އެ ކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ސަރަހައްދު މަރާމާތު ކުރީ، ސުނާމީ ބިނާގައި ދަބަރު ޖަހައި، މައިޒާނުގެ އެކި ތަންތަން ހަލާކުވެފައި ވަނިކޮށެވެ.
ސުނާމީ ކާރިސާއަށް 21 އަހަރު ފުރުނީ މިދިޔަ އަހަރުގެ ޑިސެންބަރު 26ގައެވެ. އެ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ތައްޔާރުކުރި ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓީ މާލޭ ލޮނުޒިޔާރާތްކޮޅުގައެވެ.