ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި މަރާ، ނުވަތަ ޖަނަވާރުންނަށް އިހުމާލުވާ ފަރާތްތައް ޖޫރިމަނާކޮށް ޖަލަށްލެވޭނެ ކަމަށް، އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ، ފަހަކަށް އައިސް ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، ޖަނަވާރުން މަރައި އެ ތަކެއްޗަށް ހާނިއްކަކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަނަވާރުންނަކީ އިހުސާސްތައް ހުންނަ މަޚުލޫގުން ކަމަށާއި، އެ ތަކެއްޗަށް އޯގާތެރިވުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީގޮތުން ވެސް ވާޖިބެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިސްޓްރީން ބުނީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ހައިހޫނުކަމާއި، ބިރުގަތުމާއި، ޖިސްމާނީގޮތުން އަރާމުނުލިބުމާއި އެކި ބަލިތަކާއި ޖަނަވާރުން އުޅޭ އުޅުމަށް އެޅޭ ހުރަސްތައް ފަދަ ކަންކަމުން މިންޖުވުމުގެ މިނިވަންކަން ލިއްބައިދީފައިވާ ކަމަށެވެ.
އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، އެ ތަކެއްޗަށް އަނިޔާކޮށް އެ ތަކެތި މަރައި، ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގައިވާ ގޮތުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، އިހުމާލުވުން މަނާ ކަމަށެވެ. ގާނޫނާ ޚިލާފުވާ ފަރާތްތައް ކުރި އަމަލެއްގެ ބޮޑުމިނަށް ބަލައި، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ ފަރާތްތައް 5،000 ރުފިޔާއާއި ބައިލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.

މީހަކު ގުރައެއް ހިފައިގެން -- ސަން ފޮޓޯ/ އަމަން ލަތީފް
މިނިސްޓްރީން ވަނީ، ޖަނަވާރުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ރައްޔިތުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ގޮވާލައި، ޖަނަވާރުންނަށް އަނިޔާކުރާކަން ފާހަގަވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން އެ ބަޔާން ނެރުނުއިރު ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ދާދި ފަހުން ވަނީ، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ. އެ ވީޑިއޯއަށް ގިނަ ބަޔަކު ފާޑުކިޔައި، ނުރުހުން ފާޅުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން އިއްޔެ ފުލުހުން ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:06 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގައިފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ބުޅަލަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީގެ ކުރިން ވެސް އާންމުވެ، އެ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވެއެވެ.
ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިދާނެއެވެ.