މެޓާ އޭއައި އަށް "އޭއައި ޑިޓެކްޓާ"އެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަނީ

'މެޓާ އޭއައި' އަކީ ވީޑިއޯ އާ ފޮޓޯ ހެދުމަށް މަގުބޫލު ޓޫލެއް ---

މެޓާ ކުންފުނިން އެ ކުންފުނީގެ އޭއައި ޚިދުމަތްތަކަށް، އޭއައި އިން އުފައްދާފައިވާ ކޮންޓެންޓްތައް ދެނެގަނެވޭނެ އާލާތެއް ނުވަތަ 'އޭއައި ޑިޓެކްޓާ'އެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ފީޗާ ފެނިފައިވަނީ އެޕްލިކޭޝަންގެ ކޯޑުތަކުގެ ތެރެއިންނެވެ. މިވަގުތު މިއީ ތަރައްގީކުރުމުގެ މަރުޙަލާގައި އޮތް ކަމަކަށް ވުމުން، އާންމު ޔޫޒަރުންނަށް މި ފީޗާ އަދި ބޭނުން ނުކުރެވެއެވެ. މީގެ މައިގަނޑު މަގުސަދަކީ އޭއައި މެދުވެރިކޮށް އުފައްދާފައިވާ ލިޔުންތަކާއި، ފޮޓޯ، އަދި ވީޑިއޯ ފަދަ ކޮންޓެންޓްތައް ވަކިކޮށް ދެނެގަތުމެވެ. މިއީ އޭއައިގެ ދުނިޔޭގައި ސައްހަކަން ކަށަވަރުކުރުމަށް މެޓާއިން އަޅާ މުހިންމު ފިޔަވަޅަކަށް ވެދާނެއެވެ.

  • މެޓާއިން އޭއައި ޑިޓެކްޓާއެއް ތަރައްގީކުރަނީ
  • މި ފީޗާ ފެނިފައިވަނީ އެޕްލިކޭޝަންގެ ކޯޑުން
  • މިހާރު ހުރީ ތަރައްގީކުރުމުގެ މަރުޙަލާގައި
  • މައިގަނޑު ބޭނުމަކީ އޭއައި ކޮންޓެންޓް ދެނެގަތުން
  • އެވޮކާޑޯ މޮޑެލްގެ މަސައްކަތް ލަސްވެފައި

މެޓާ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، 'މެޓާ އޭއައި' އަށް އައު ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"އޭއައި ޑިޓެކްޝަން" ގެ ނަން ދީފައިވާ މި ފީޗާގެ ބޭނުމަކީ އޭއައި މެދުވެރިކޮށް އުފައްދާފައިވާ ކޮންޓެންޓްތައް ދެނެގަތުމެވެ.

މި ފީޗާ މިހާރު އޮތީ ތަރައްގީކުރުމުގެ މަރުޙަލާގައެވެ. އާންމު ޔޫޒަރުންނަށް އަދި މި ފީޗާ ބޭނުން ނުކުރެވޭއިރު، މިއީ ކިހާވަރެއްގެ ކަންތައްތަކެއް ކުރެވޭނެ ފީޗާއެއް ކަމެއް އަދި އާންމުކޮށް ނެރޭނެ ތާރީޚެއް ވެސް ރިޕޯޓުތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

އެކްސް ގައި 'ޓެސްޓިންގްކެޓަލޮގް' އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މެޓާއިން އޭއައި ޑިޓެކްޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަން ސާބިތުކޮށްދިނުމުގެ ގޮތުން މެޓާ އޭއައިގެ މެނޫގައި "އޭއައި ޑިޓެކްޓާ" ހިމެނޭ ސްކްރީންޝޮޓެއް ވަނީ އާންމުކޮށްފައެވެ. ނަމަވެސް ސާވާ ސައިޑުން މި ޓޫލް އެކްޓިވް ކޮށްފައި ނުވާތީ، އެ ސްކްރީންޝޮޓުގައި ފެންނަ ގޮތުން އެއަށް ފިތާލުމުން އަދި ދައްކަނީ މަސައްކަތްނުކުރާ ނުވަތަ ހަލާކުވެފައިވާ ލިންކެއްގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި މި ފީޗާ ފެނިފައިވަނީ އެޕްލިކޭޝަންގެ ކޯޑުގެ ތެރެއިން ވަކި ޚާއްޞަ ފްލެގްތަކެއް އޮން ކޮށްގެންނެވެ.

މަޢުލޫމާތު މަދުވުމުގެ ސަބަބުން މި ޓޫލްގެ ފުރިހަމަ ބޭނުންތަކެއް އަދި ނޭނގެއެވެ. މިއީ ހަމައެކަނި އޭއައި އިން ލިޔެފައިވާ ލިޔުންތައް ދެނެގަންނަ ޓޫލްއެއް ކަމަށް ވެދާނެއެވެ. ނުވަތަ އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯ، އޯޑިއޯ އަދި ވީޑިއޯވެސް ދެނެގަންނަ ފީޗާއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން މިއީ ހަމައެކަނި މެޓާގެ އޭއައި މޮޑެލްތަކުން އުފައްދާ ތަކެތި ދެނެގަންނަ އެއްޗެއް ކަމެއް ނުވަތަ އެހެން ކުންފުނިތަކުގެ ލާޖް ލޭންގުއޭޖް މޮޑެލްތަކުގެ (އެލްއެލްއެމް) އުފެއްދުންތައްވެސް ދެނެގަންނާނެ އެއްޗެއްކަން އަދި ކަށަވަރެއް ނުވެއެވެ. ގޫގުލްގެ ޖެމިނައިގައިވެސް މިފަދަ ޓޫލްއެއް އާންމުކޮށްފައިވާއިރު، މެޓާއިންވެސް މި މަސައްކަތްކުރަނީ އެގޮތަށް ކަމަށް ބެލެވެއެވެ.

މެޓާއިން ރަސްމީކޮށް މި ފީޗާ އިޢުލާންކޮށްފައި ނުވާތީ މިއީ އަދި ޔަގީން މަޢުލޫމާތެއްގެ ގޮތުގައި ނުބެލުމަށް ރިޕޯޓުތަކުގައި ލަފާދީފައިވެއެވެ.

މީގެ އިތުރުން، މެޓާއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ "އެވޮކާޑޯ" ކޯޑްނޭމް ދީފައިވާ އައު އޭއައި މޮޑެލްތަކުގެ ޕާފޯމަންސް ބާޒާރުގައި ހުރި އެހެން ކުންފުނިތަކުގެ މޮޑެލްތަކާ އެއްވަރު ނުވާތީ، އެ މޮޑެލްތައް ނެރުންވެސް ވަނީ އިތުރަށް ލަސްވެފައެވެ.

comment ކޮމެންޓް