މެޓާއިން "ފޯރަމް"ގެ ނަމުގައި ރެޑިޓް ފަދަ އާ އެޕެއް ނެރެފި

މިއީ މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ ރެޑިޓް އާ ދާދި އެއްގޮތް ކަންތައްތަކެއް އެކުލެވޭ އެޕެއް -- ފޮޓޯ: އޭއައި

ފޭސްބުކް ގްރޫޕްތަކަށް ޚާއްސަކޮށްގެން މެޓާއިން "ފޯރަމް"ގެ ނަމުގައި ރެޑިޓް ފަދަ އާ އެޕެއް ނެރެފިއެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން ވަނީ ވަކިވަކި ކަންކަމަށް ޝައުޤުވެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން، ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވޭނެ އާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް "ފޯރަމް" ގެ ނަމުގައި ރަސްމީކޮށް އިއުލާނު ކުރުމަކާ ނުލައި ހުޅުވާލާފައެވެ.

މިއީ މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ ރެޑިޓް އާ ދާދި އެއްގޮތް ކަންތައްތަކެއް އެކުލެވޭ އެޕެކެވެ. މި އެޕް މިހާރު އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

މި އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި ފޭސްބުކް އެކައުންޓެއް ބޭނުންވާއިރު، މީގެ ސަބަބުން ޔޫޒަރުން މިހާރު ފޭސްބުކްގައި ބޭނުންކުރަމުންދާ ގްރޫޕްތަކާއި، ޕްރޮފައިލްގެ މަޢުލޫމާތު އަދި ކުރާ ކަންކަން ފޯރަމް އެޕަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން ފޯރަމް އެޕްގައި ޔޫޒަރުންނަށް އަސްލު ނަމުގެ ބަދަލުގައި ވަނަމެއް ނުވަތަ "ނިކްނޭމް" އެއް ބޭނުންކޮށްގެން ޕޯސްޓް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދެއެވެ.

މި އެޕްލިކޭޝަން އަދި ޚާއްސަވެފައި ވަނީ ހަމައެކަނި އައިފޯނަށް ----

މި އެޕްގައި ހިމެނޭ "އާސްކް"ފީޗާގެ އެހީގައި ތަފާތު އެކި ގްރޫޕްތަކުން މަޢުލޫމާތާއި ޚިޔާލުތައް އެއްތަނަކުން ހޯދައިގަނެވޭއިރު، އޭއައި ޓެބެއް މެދުވެރިކޮށް އަވަސް ޖަވާބުތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ގްރޫޕްތައް ބަލަހައްޓާ އެޑްމިނުންނަށް ފޭސްބުކްގައި ލިބޭ ހުރިހާ ޓޫލްތަކެއްގެ އިތުރުން، ގްރޫޕްތައް މޮޑަރޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިވެދޭނެ އޭއައި އެސިސްޓެންޓެއްވެސް މި އެޕްގައި ހިމެނެއެވެ.

ފޯރަމް އެޕްލިކޭޝަން މިހާރު ފަރުމާކޮށްފައިވަނީ އައިއޯއެސް 18.0 ނުވަތަ އެއަށްވުރެ މަތީގެވާޝަންތަކުގެ އައިފޯންތަކަށް ކަމަށްވާއިރު، މިއީ އުމުރުން 13 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރެވޭނެ އެޕެކެވެ. ނަމަވެސް މި އެޕް އަދި ހުޅުވާލާފައިވަނީ ވަކި ޚާއްޞަ ސަރަޙައްދުތަކަކަށް ކަމުން، އިންޑިއާ ފަދަ ބައެއް ޤައުމުތަކުގެ އެޕް ސްޓޯރުން މިވަގުތު މި އެޕްލިކޭޝަން ފެންނާކަށް ނެތެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން މީގެ ކުރިންވެސް ވަނީ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ވާދަކުރުމަށް ތަފާތު އެޕްލިކޭޝަންތަކާއި ފީޗާތައް ތަޢާރަފުކޮށްފައެވެ. އެގޮތުން އެކްސް (ކުރީގެ ޓުވިޓަރ) އާ ވާދަކުރުމަށް މެޓާއިން ނެރުނު "ތުރެޑްސް" އެޕްލިކޭޝަނަށް ބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔައިރު، އިންސްޓަގްރާމްގައި ހިމެނޭ "ރީލްސް" ފީޗާއަކީ ޓިކްޓޮކްގެ ކުރިއެރުން ހުއްޓުވުމަށް އެކުންފުނިން ތަޢާރަފުކުރި ކާމިޔާބު ފީޗާއެކެވެ.

މިފަހަރު މެޓާއިން "ފޯރަމް" އެޕްލިކޭޝަން މި ނެރުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މައުޟޫޢުތަކަށް ބަހުސްކޮށް ޚިޔާލު ބަދަލުކުރުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ ރެޑިޓް ޕްލެޓްފޯމާ ސީދާ ވާދަކޮށް، ފޭސްބުކް ގްރޫޕްތަކުގެ ޔޫޒަރުން އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ މަޤްޞަދުގައެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން ވަނީ ރަސްމީ އިޢުލާނަކާ ނުލައި، ރެޑިޓާ އެއްގޮތް ސިފަތަކެއް އެކުލެވޭ ފޯރަމް ގެ ނަމުގައި އާ އެޕްލިކޭޝަނެއް ނެރެފައެވެ. މި އެޕްލިކޭޝަނަކީ ވަކިވަކި ކަންކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ފޭސްބުކް ގުރޫޕުތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މަންސައެކެވެ. މި އެޕްލިކޭޝަން ބޭނުންކުރުމަށް ފޭސްބުކް އެކައުންޓެއް ބޭނުންވާއިރު، އަސްލު ނަމުގެ ބަދަލުގައި ވަނަމެއް ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އަވަސް ޖަވާބު ހޯދުމާއި ގުރޫޕުތައް މޮޑަރޭޓްކުރުމުގެ ފަސޭހަތައް އެޑްމިނުންނަށް ލިބިގެންދާނެއެވެ. މިއީ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ވާދަކުރުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ.

  • މެޓާއިން ރެޑިޓާ ވާދަކުރުމަށް ފޯރަމްގެ ނަމުގައި އާ އެޕްލިކޭޝަނެއް ވަނީ ތަޢާރަފުކޮށްފައެވެ.
  • މި އެޕްލިކޭޝަން މިވަގުތު ލިބެން ހުރީ ހަމައެކަނި އައިއޯއެސް 18 ނުވަތަ އެއަށްވުރެ މަތީގެ އައިފޯންތަކަށެވެ.
  • ބޭނުންކުރާ ފަރާތްތަކަށް އަސްލު ނަމުގެ ބަދަލުގައި ވަނަމެއް ބޭނުންކޮށްގެން ޕޯސްޓުކުރެވޭނެއެވެ.
  • ގުރޫޕުތައް ހިންގުމަށާއި އަވަސް މަޢުލޫމާތު ހޯދުމަށް އޭއައި އެސިސްޓެންޓެއް ވަނީ ހިމަނާފައެވެ.
  • މިއީ އުމުރުން 13 އަހަރުން މަތީގެ ފަރާތްތަކަށް، ވަކި ޚާއްސަ ސަރަޙައްދުތަކަކަށް ދޫކޮށްފައިވާ އެޕްލިކޭޝަނެކެވެ.
comment ކޮމެންޓް