އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވޯކްފްލޯތައް ހަރުދަނާކުރަން މެޓާ ކުންފުނިން ކުރިއަށްގެންދާ ބޮޑު ރީސްޓްރަކްޗަރިންގެ ދަށުން، މި ހަފުތާގައި އެ ކުންފުނީގެ މުވައްޒަފުން ވަކިކުރުމުގެ ބޮޑު ހަރަކާތެއް ފެށުމަށް ނިންމައި އެކަމުގެ ތަފުސީލުތައް ހިމެނޭ މެމޯއެއް މުވައްޒަފުންނާ ހިއްސާކޮށްފިއެވެ.
ފޭސްބުކްގެ މައި ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންގެ 10 އިންސައްތަ ވަކިކުރުމަށް ރާވަމުންދާއިރު، މި އަހަރުގެ ފަހުކޮޅު ވެސް އިތުރު ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ރޮއިޓާސްއިން ކުރިން ރިޕޯޓުކޮށްފައިވެއެވެ.
މެޓާގެ ޗީފް ޕީޕަލް އޮފިސަރު ޖެނެލް ގޭލް މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައިވާ ގޮތުން، ކުންފުނީގެ 7،000 މުވައްޒަފުން އޭއައި ވޯކްފްލޯތަކާ ގުޅޭ އާ މަޝްރޫއުތަކަށް ބަދަލުކުރުމަށާއި، މެނޭޖީރިއަލް ރޯލްތައް އުވާލުމަށް ވަނީ ނިންމާފައެވެ. އަދި، ކުންފުނީގެ ގިނަ ލީޑަރުންތަކެއް އޮގަނައިޒޭޝަނަލް ބަދަލުތައް އިއުލާނުކުރާނެ ކަމަށާއި އާ އޮނިގަނޑުތައް ފަރުމާކޮށްފައިވަނީ އޭއައި ނޭޓިވް ޑިޒައިންގެ އުސޫލުތަކަށް ބިނާކޮށް، ކުދި ޓީމުތަކާ އެކު އަވަހަށް މަސައްކަތް ކުރެވޭނެ ފްލެޓް ސްޓްރަކްޗާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ކަމާ ގުޅޭ ގޮތުން މެޓާގެ ތަރުޖަމާނު އެއްވެސް އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފައެވެ.
މި ބަދަލުތަކަކީ މި އަހަރު މެޓާއިން އޭއައި އިންވެސްޓްމަންޓްތައް އިތުރުކޮށް، ކުންފުނީގެ އުފެއްދުންތަކާއި އެތެރޭގެ މަސައްކަތްތަކުގައި އޭއައި އެޖެންޓުން މަރުކަޒުކުރުމަށް ހިންގާ ފުޅާ ދާއިރާއެއްގެ އޯވަހޯލްގެ ބައެކެވެ.
މިއީ މި އަހަރު އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުން އޭއައިއާ ގުޅުވައިގެން ވަޒީފާތައް މަދުކުރަމުންދާ ދިއުމުގެ ތެރެއިން ފެންނަ ބަދަލެކެވެ.
ޖުމުލަ ގޮތެއްގައި މި ބަދަލުތަކުގެ އަސަރު މެޓާގެ މުވައްޒަފުންގެ 20 އިންސައްތައަށް ކުރާނެއެވެ. ބައެއް މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާއިރު، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ބުދަ ދުވަހު އެކަން އަންގާނެ ކަމަށް ގޭލް ވިދާޅުވިއެވެ. އަދި، އުތުރު އެމެރިކާގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ކުރިން ހުޅުވާލާފައިވާ 6،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. މާރިޗު މަހުގެ ނިޔަލަށް މެޓާގެ ރިކޯޑުތަކުން ދައްކާގޮތުގައި އެ ކުންފުނީގައި 77،986 މުވައްޒަފުން މަސައްކަތްކުރިއެވެ.
މުވައްޒަފުން ބަދަލުކުރާ އާ ޔުނިޓުތަކުގެ ތެރޭގައި އެޕްލައިޑް އޭއައި އިންޖިނިއަރިން (އޭއޭއައި)އާއި އެޖެންޓް ޓްރާންސްފޮމޭޝަން އެކްސެލެރޭޓާ (އޭޓީއޭ) ޒެޑްއެފްއެން ހިމެނެއެވެ. މިއީ އިންސާނުން މިހާރު ކުރަމުންދާ މަސައްކަތްތައް އަމިއްލައަށް ކުރެވޭނެ ފަދަ އޭއައި އެޖެންޓުން އުފެއްދުމަށް ސީޓީއޯ އެންޑްރޫ ބޮސްވޯތު ކުރިން އިއުލާނުކުރެއްވި ދެ ޓީމެކެވެ.
މީގެ އިތުރުން، އޭއައި އެޖެންޓުންގެ އުފެއްދުންތެރިކަން ދެނެގަތުމަށް ސެންޓްރަލް އެނަލިޓިކްސް ޓީމަށް ވެސް މުވައްޒަފުން ބަދަލުކުރާއިރު، 'އެންޓަޕްރައިޒް ސޮލިއުޝަންސް' ކިޔާ އާ ޕްރޮގްރާމެއްގެ ތަފުސީލު ވެސް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.
މި ބަދަލުތަކާ ގުޅިގެން މެޓާގެ މުވައްޒަފުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ. މުވައްޒަފުން ދަނީ އޮފީސްތަކުގައި ފްލަޔަރުތައް ހަރުކޮށް، ކުންފުނީގެ އެތެރޭގެ މުވާސަލާތީ ޕްލެޓްފޯމް 'ވޯކްޕްލޭސް'ގައި ރުޅިވެރިކަން ފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް، އިންސާނުން ކޮމްޕިއުޓަރާ މުއާމަލާތްކުރާ ގޮތް އޭއައި މޮޑެލްތަކަށް ދަސްކޮށްދިނުމަށްޓަކައި، މައުސް ޓްރެކްކުރާ ސޮފްޓްވެއާއެއް ބޭނުންކުރާތީ އެ ކަމާ ދެކޮޅަށް 1،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ޕްރައިވެސީއާ މެދު ހުރި ކަންބޮޑުވުންތަކަށް ވެރިން އިޖާބަ ނުދޭތީއާއި، ރޮއިޓާސްއިން މި ޚަބަރު ރިޕޯޓުކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ކުންފުނީގެ އިސްވެރިން ހަނުތިބުމުން މުވައްޒަފުން ދަނީ ފާޑުކިޔަމުންނެވެ.
މިދިޔަ މަސް ދުވަހުގެ ތެރޭގައި މުވައްޒަފުން ވަނީ ވެރިންގެ ޕޯސްޓުތަކަށް އެލެފަންޓް (އެތް)ގެ ފޮޓޯތަކުން ރިޕްލައިކޮށް، ކުންފުނީގެ ރޭވުންތަކާ ބެހޭގޮތުން ސާފު ބަހުން ވާހަކަދެއްކުމަށް ބާރުއަޅާފައެވެ.