ބަރަކާތްތެރި ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭގެ އަޅުކަމަށް ކައުބަތުﷲ ގެފުޅު ފުރެންދެން މީހުން ރޭ ޖަމާވެއްޖެއެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އުމްރާގެ އަޅުކަމަށް ގޮސް އުޅޭ މީހުންނަށް ޚާއްސަ އިސްކަމެއްދީ ހަރަމްފުޅަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި އާންމުކޮށް ހަރަމްފުޅު ސަރަހައްދަށް އެތަނުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ޖަމާވެއެވެ. އަދި 27 ވިލޭރެއަކީ އަބަދުވެސް އާދަޔާ ހިލާފަށް މީހުން ގިނައިން ދާ ރެއެކެވެ.
ހަތާވީސް ވިލޭރޭގެ އަޅުކަމަށް 3.4 މިލިއަނަށް ވުރެ ގިނަ މީހުން ހަރަމްފުޅަށް ވަދެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ހަރަމްފުޅުގެ ކެޕޭސިޓި ދެ މިލިއަނަށްވުރެ ގިނައެވެ. މުޅި ހަރަމްފުޅު ފުރި ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަގު މަތީގައިވެސް މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޭ ހަރަމްފުޅުގައި ވަނީ ޝައިހް އަބްދުއްރަހްމާން އައް ސުދައިސް އިމާމުވެ ނަމާދުކުރައްވައި ޚާއްސަ ދުއާއެއް ވިދާޅުވެފައެވެ.
މިދިޔަ އަހަރު 27 ވިލޭރޭ ކައުބަތުﷲ ގެފުޅުގެ އިތުރުން މަދީނާގައި ހުންނަ މަސްޖިދުއް ނަަބަވީއަށް އިޝާ ނަމާދާއި ތަރާވީހް ނަމާދަަށް ހަތަރު މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ދިޔައެވެ.