ތެލުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅުގައި، ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ އަގުތައް ބޮޑުކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް: އެއާ އިންޑިއާ ހިމެނޭހެން ރާއްޖެއަށް އަންނަ ބައެއް އެއާލައިންތަކުގެ އަގު ވަނީ ބޮޑުކޮށްފައި --

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގްވާމީ އެއާލައިންތަކުން ޓިކެޓުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ރާއްޖޭގެ އެއާޕޯޓް ކުންފުނި، އެމްއޭސީއެލުން ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކުރުމާ ގުޅިގެން، އެއާ އިންޑިއާ، ތައި އެއާވޭސް އަދި ހޮންކޮން އެއާލައިންސް ފަދަ ކުންފުނިތަކުން ވަނީ ދަތުރުތަކުގެ އަގު ބޮޑުކޮށްފައެވެ. މި ހާލަތުގެ ސަބަބުން ދަތުރުފަތުރުގެ ހަރަދުތައް އިތުރުވެ، އާންމުންނަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާއިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގަށް އަންނާނެ ބަދަލެއް އަދި ސާފެއް ނުވެއެވެ.

  • ޖެޓް ފިއުލްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުވުން
  • ބައިނަލްއަގްވާމީ އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކުރުން
  • ތައި އެއާވޭސް އިން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އިތުރު ފީއެއް ނަގަން ނިންމުން
  • ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމާ މެދު ގައުމީ އެއާލައިނުން އަދި އެއްޗެއް ހާމަނުކުރުން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން, ޖެޓް ފިއުލްގެ އަގު ބޭރުގެ ބާޒާރުގައި އުފުލިފައިވާ ދަނޑިވަޅުގައި، ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ އަގުތައްވެސް ބޮޑުކޮށްފިއެވެ.

ބޭރުގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ރާއްޖޭގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލުން ވިއްކާ ޖެޓް ފިއުލްގެ އަގު ވަނީ 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ.

ބޭރުގެ ބައެއް ރިޕޯޓުތައް ބުނާގޮތުން، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އަގުހެޔޮ އެއް އެއާލައިންކަމަށްވާ އެއާ އޭޝިއާގެ އަގުތައް ވަނީ އުފުލިފައެވެ. އެކަމަކު އެ އެއާލައިނުން އޭގެ ތަފުސީލެއް ބޭރުގެ މީޑިއާތަކާ ހިއްސާނުކުރެއެވެ.

ރާއްޖެއަށް އާންމުކޮށް ދަތުރުކުރާ އަވައްޓެރި އިންޑިއާގެ އެއާ އިންޑިއާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިއާއާއި ހުޅަނގު އޭޝިއާއާއި މެދުއިރުމައްޗަށް ކުރާ ދަތުރުތަކުން 4.35 ޑޮލަރު އިތުރަށް ނަގަން ފަށައިފައެވެ.

އަދި އެ އެއާލައިނުން ވިލާތުގެ ގައުމުތަކަށް ކުރާ ދަތުރުތަކުން 25 ޑޮލަރާއި 125 ޑޮލަރާ ދެމެދުގެ އަގެއް އިތުރަށް ނަގައި، އުތުރު އެމެރިކާގެ ގައުމުތަކަށާއި އޮސްޓްރޭލިއާއަށް ކުރާ ދަތުރުތަކުން 50 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަގެއް އިތުރަށް ނަގަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، ހޮންކޮން އެއާލައިންސްއިން ވަނީ ރާއްޖެއާއި ނޭޕާލާއި ބަންގްލަދޭޝް ހިމެނޭހެން ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތަކުން 12.80 ޑޮލަރު އިތުރަށް ނަގަން ނިންމައިފައެވެ. އަދި އޮސްޓްރޭލިއާއާއި އުތުރު އެމެރިކާގެ ދަތުރުތަކަށް 19.16 ޑޮލަރާއި 94.38 ޑޮލަރާ ދެމެދުގެ އަގެއް އިތުރަށް ނަގަން ވަނީ ނިންމައިފައެވެ.

ރާއްޖޭގެ ގިނަ ބަޔަކު ޗުއްޓީއަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ތައިލޭންޑުގެ ތައި އެއާވޭސްއިން ވެސް ވަނީ، ޖެޓް ފިއުލްގެ އަގުތައް ކަވަރުކުރުމަށް ޓަކައި ޓިކެޓުތަކުން 10 އިންސައްތާއި 15 އިންސައްތަ އިތުރަށް ނަގަން ނިންމައިފައެވެ.

ޖެޓް ފިއުލްތަކުގެ އަގު ބޮޑުވުމާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ އަގަށް އެއްވެސް ބަދަލެއް އަންނާނެތޯ 'ސަން'އިން ގައުމީ އެއާލައިން މޯލްޑިވިއަން އާ ސުވާލުކުރި ނަމަވެސް، އެ އެއާލައިންގެ ބަހެއް ލިބޭގޮތް ވަނީ އަދި ނުވެފައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދާ ހަވާލާދީ 'އޭވިއޭޓާސް މޯލްޑިވްސް' އިން އިއްޔެ ބުނީ ޖެޓް ފިއުލް ލީޓަރެއް ކުރިން ވިއްކީ 1.19 ޑޮލަރަށް ކަމަށެވެ. ނަމަވެސް މިހާރު 1.69 ޑޮލަރަށް ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ ބޮޑުކޮށްފައެވެ. އެއީ 50 ސެންޓުގެ އިތުރުވުމެކެވެ.

އެ އިތުރުވުމާއެކު 42 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއީ ފާއިތުވި އަހަރުތަކުގައި ވެސް ޖެޓް ފިއުލްގެ އަގު އެންމެ ބޮޑުވި ފަހަރެވެ.

އެމްއޭސީއެލަށް ޖެޓް ފިއުލް ސަޕްލައިކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އެންމެ ގިނައިން އެތެރެކުރަނީ އޮމާންގެ ރިފައިންޑް ޕެޓްރޯލިއަމް އުފެއްދުންތަކެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ރިފައިންޑް އުފެއްދުންތަކުގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް ދަނީ ސީދާ އަގުތައް އުފުލަމުންނެވެ.

ރާއްޖޭގައި ގިނައިން ބޭނުންކުރާ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ގަޑިއިރެއްގެ ދަތުރުތަކަށް ގާތްގަނޑަކަށް 750 - 950 ލީޓަރާ ދޭތެރޭ ޖެޓް ފިއުލް ބޭނުންވާނެއެވެ. އޭޓީއާރު ބޯޓެއްގެ ފިއުލް ކެޕޭސިޓީއަކީ 6،200 ލީޓަރާއީ، 6،500 ލީޓަރާ ދެމެދެވެ. އެންމެ ބޮޑެތި ބޮއިން 747 މަރުކާގެ ބޯޓުތަކަށް ވެސް 150،000 ލީޓަރުގެ ޖެޓް ފިއުލް ބޭނުންވާނެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުން އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ވަކީން ޚާއްސަކޮށް ޢީދު ބަންދާއި ބޮޑު ޗުއްޓީފަދަ ބަންދު ދުވަސްވަރު އެތެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް އަރައިގެން ދާކަން ފާހަގަކޮށްލަންޖެހެއެވެ.

comment ކޮމެންޓް