އިންޑިއާގެ އެންމެ ކާރޫބާރޫ ބޮޑު ސިޓީ ކަމަށްވާ މުމްބާއީގެ ވައި ނުސާފުވުމުގެ ސަބަބުން ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ދީޕިކާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް މިކަމާ ގުޅިގެން ޕޯސްޓެއްކޮށް ވައި ނުސާފުވުމުގެ މައްސަލައާ ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލުކުރަމުންދަނީ މުމްބާއީގައި ދިރިއުޅޭ ކުޑަކުދިން ކަމަށް ބުނެފައެވެ.
"ކުޑަކުދިން މިދަނީ ނޭވާ ހާސްވަމުން! މިއީ ކިހިނެއް ބަލައިގަނެވޭނެ ކަމެއް؟" ބަތަލާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން މުމްބާއީގެ ރައްޔިތުންގެ ސިއްހަތަށް ކުރާ އަސަރާ މެދު ކަމާބެހޭ އިދާރާތަކަށް ނިސްބަތްކޮށް ވެސް ދީޕިކާ ވަނީ އެކަން ހައްލުކުރުމަށް ގޮވާލާފައެވެ. އެގޮތުން މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަން (BMC) ޓެގްކޮށް، ވައިގެ ފެންވަރު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބަތަލާ ވަނީ ގޮވާލާފައެވެ.

ބަތަލާ ދީޕިކާގެ އިންސްޓަގްރާމް ޕޯސްޓް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބުރާސްފަތި ދުވަހު ދީޕިކާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއަކުން ފެންނަ ގޮތުގައި، މުމްބާއީގެ އެއަރ ކޮލިޓީ އިންޑެކްސް (AQI) ހުރީ 150 ގައެވެ. މިއީ ސިއްހީ ގޮތުން ނާޒުކު މީހުންނަށް ނުރައްކާތެރި މިންވަރެކެވެ.
ފަހަކަށް އައިސް މުމްބާއީގައި ވައި ނުސާފުވުމުގެ މައްސަލަ އަކީ ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވާ މައްސަލައެކެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި، ތިމާވެށި ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.
ދީޕިކާ ފަދަ މަޝްހޫރު ފަންނާނުން މިފަދަ އިޖުތިމާއީ މައްސަލަތަކުގައި އަޑުއުފުލުމަކީ، އާންމު ސިއްހަތަށް، ހާއްސަކޮށް ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކަށް ސަމާލުކަން ހޯދުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ބަތަލާގެ ޕޯސްޓަށް ތާއީދުކުރި ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ދިޕިކާގެ މި ކަންބޮޑުވުންތައް އައިސްފައި މިވަނީ، ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބޮޑު އިވެންޓަކަށް އޭނާ ކުރަން އޮތް ދަތުރު ކެންސަލްކުރި ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އޭނާއަކީ ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ 'ލުއީ ވިޓަން' (Louis Vuitton)ގެ ގްލޯބަލް އެމްބަސެޑަރެކެވެ.
'މިޑް-ޑޭ' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިޕިކާގެ ދަތުރު ކެންސަލްކުރަން ޖެހުނީ މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުންނެވެ.
އަލަތު ދަރިފުޅު ލިބުމަށްފަހު ފިލްމުތަކުން ވަރަށް މަދުން ފެންނަ ބަތަލާ އަންނަނީ ބިޔަ ދެ ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަމުންނެވެ. އެއީ ޝާހްރުކް ޚާންއާ އެކު ކުޅޭ ފިލްމު "ކިންގް" އަދި ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު އެޓުލީއާ އެކު މަސައްކަތްކުރާ ފިލްމެކެވެ.