ރަޝްމިކާގެ އަގުވައްޓާލަން އުޅޭ ކަމަށް ބުނެ، ގާނޫނީ ފިޔަވަަޅު އަޅާނެކަމުގެ އިންޒާރު ދީފި

އިންޑިއާގެ ފިލްމީ ތަރި ރަޝްމިކާ މަންދަންނާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބަތަލާ ރަޝްމިކާ މަންދަންނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މީގެ އަށް އަހަރު ކުރީގެ އޯޑިއޯއެއް މީސްމީޑިއާގައި ވައިރަލް ކުރުމުން، އެކަމާ ދެކޮޅަށް އޭނާ ތެދުވެއްޖެއެވެ. މިއީ އޭނާގެ އަބުރު ކަތިލުމަށް ބަޔަކު ގަސްދުގައި ކުރަމުންދާ ކަމެއް ކަމަށް ބުނެ، 24 ގަޑިއިރު ތެރޭ އެ ކްލިޕްތައް ނެގުމަށް ރަޝްމިކާ ގޮވާލާފައިވެއެވެ. އޭނާގެ ދިރިއުޅުމަށް އައި އުފާވެރި ބަދަލުތަކާ ދިމާކޮށް މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ ކުރިން މިފަދަ ކަންކަމަށް ކެތްތެރިކަމާއެކު ހިމޭނުން ހުރި ނަމަވެސް، މިހާރު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.

  • މީގެ އަށް އަހަރު ކުރީގެ އޯޑިއޯއެއް ބޭނުންކޮށްގެން ރަޝްމިކާގެ އަބުރު ކަތިލަން މަސައްކަތްކުރުން
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ އޯޑިއޯ 24 ގަޑިއިރު ތެރޭ ނެގުމަށް ގޮވާލުން
  • މިއީ އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށާއި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން
  • އޯޑިއޯގެ އަސްލު އޮޅުވާލައިގެން ވިއުސް ހޯދުމަށް ފަތުރަމުންދާ ކަމަށް ތުހުމަތުކުރުން

މީގެ އަށް އަހަރު ކުރީގެ އޯޑިއޯއެއް ވައިރަލްކޮށް، މީސްމީޑިއާގައި އެ ވީޑިއޯ ދައުރުކުރުމާ ގުޅިގެން އެކަމުގެ ފަހަތުގައި އިސްކޮށް ތިބި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ވަރުގަދަ އިންޒާރު ބަތަލާ ރަޝްމިކާ މަންދަންނާ ދީފިއެވެ.

އެ އޯޑިއޯ ވައިރަލްކުރުމަކީ ބަތަލާގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ، 24 ގަޑިއިރު ތެރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ އޯޑިއޯ ކްލިޕް ނެގުމަށް ބަތަލާ ވަނީ ގޮވާލާފައެވެ.

ދާދި ފަހުން އެކްޓަރު ވިޖޭ ދެވެރަކޮންދާއާ ކައިވެނިކޮށްފައިވާ ބަތަލާ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ، މިއީ އަމިއްލަ މިނިވަންކަމަށް އަރައިގަތުމުގެ ސީރިއަސް އަމަލެއް ކަމަށާއި އެ ކްލިޕް އިތުރަށް ފެތުރުން ހުއްޓާލުމަށް އެދޭ ކަމަށެވެ.

ރަޝްމިކާ ބަތަލާގެ މަންމައާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ރަޝްމިކާ ބަޔާންކުރި ގޮތުގައި މިހާރު ދައުރުވަމުންދާ އޯޑިއޯއަކީ މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން ދެކެވުނު އަމިއްލަ ވާހަކަތަކެކެވެ. ރަޝްމިކާގެ ބަޔާނުގައި އިތުރަށް ބުނީ، މީޑިއާގެ ބައެއް ފަރާތްތަކާއި އަމިއްލަ ބަޔަކު ގުޅިގެން، ބަތަލާގެ އަބުރަށް ހުތުރުވާ ގޮތަށް ދޮގު މައުލޫމާތު ފެތުރުމާއި ގޯނާކުރުމުގެ މަސައްކަތް ކުރާތާ މިހާރު އަށް އަހަރުވެފައިވާ ކަމަށެވެ.

ރަޝްމިކާ ދެއްކި ވާހަކަތަކެއް ކަމަށް ބުނެ، އޭނާގެ ބަސްތައް އޮޅުވާލައި ހަމައެކަނި ވިއުސްއާއި އެންގޭޖްމަންޓް އިތުރުކުރުމަށްޓަކައި އޭނާއާ މެދު ނަފުރަތު އުފައްދާ މަންޒަރުތައް ހިމެނޭ ކަންކަން މިހާތަނަށް ބަޔަކު މީހުން ކުރި ނަމަވެސް، އިޚުތިޔާރުކުރީ ކެތްތެރިކަމާއި ހިމޭންކަން ކަމަށް ރަޝްމިކާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރަޝްމިކާ ފިރިމީހާ އަދި އެކްޓަރު ވިޖޭއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ރަޝްމިކާއަކީ އާންމުންގެ ސަމާލުކަން ލިބޭ މީހަކަށްވުމުން ބައެއް ފަހަރު ބޭއިންސާފު ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުކުރި ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ހިނގާފައިވާ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭނެވަރުގެ ކަންކަމެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

"އެ ވާހަކައިގެ ކުޑަ މިންވަރެއް ނަގައިގެން، އޭގެ އަސްލު މާނަ އޮޅޭ ގޮތަށް ފަތުރަމުން ދަނީ އަހަރެންގެ އަމިއްލަ ދިރިއުޅުމަށް އައި އުފާވެރި ބަދަލާ ދިމާކޮށް ގަސްދުގައި. މީހުންގެ އަގު ވައްޓާލުމަށް މިހާ ދަށު ދަރަޖައަށް ބަޔަކު މީހުން ވެއްޓިދާނެކަމާ މެދު ވެސް ސުވާލު އުފެދޭ،" ރަޝްމިކާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އޯޑިއޯ ކްލިޕަކީ މީގެ އަށް އަހަރު ކުރިން ބަތަލާގެ މަންމަ މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގެ އޯޑިއޯގެ ބައެކެވެ. އެ އޯޑިއޯ ކްލިޕްގައި ބަތަލާގެ މަންމަ ވަނީ 2017 ވަނަ އަހަރު ރަޝްމިކާއާއި ކަންނާޑާ އެކްޓަރު ރަކްޝިތު ޝެޓީގެ އެންގޭޖްމެންޓު ރޫޅި، ދެ މީހުންގެ ގުޅުން ނިމުމަކަށް އައުމާ ގުޅިގެން އާއިލާ ތެރޭގައި އޭރު އޮތް ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

comment ކޮމެންޓް