ސަރުކާރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ ކަމުގެ ހަގީގަތް ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ތުހުމަތުކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން ކުރަން ފެނޭތޯ ބަލަން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު ފެންނަ ނުފެންނަ ވޯޓެއް ނަގަން މިހާރު ވަނީ ނިންމާފައެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި އެ ކަމާ ގުޅިގެން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އެ ވޯޓު ނަގަން އުޅެނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ.
"ހަގީގަތުގައި މީގައި ވަރަށް ބޮޑު އޮޅުވާލުމެއް ފުރަތަމަ ވެސް ސަރުކާރުން އެބަ އޮޅުވާލާ. އެއީ، މިއީ ދެ އިންތިޚާބު އެއްކުރަން ނަގާ ވޯޓެކޭ. ދެ އިންތިޚާބު އެއްކުރަން ނަގާ ވޯޓެއްގައެއް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާކަށް ނެތް ގާނޫނުއަސާސީއަކު އެތް،" އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އޮންނަނީ ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރުގެ އިތުރުން ހައްގުތަކުގެ ބާބު ކަމަށެވެ.
"ހަގީގަތުގައި ރައްޔިތުންގެ ވޯޓަކަށް މި އަހަނީ ހިނގާ ހިނގާ އިންނަ ދައުރެއްގައި ޓާމް ބަދަލުކުރަން ފެނޭތޯ ނުފެނޭތޯ،" އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކުރެވޭނެ ގާނޫނީ ގޮތްތަކެއް އެބަހުރި ކަމަށެވެ. އެކަމަކު، އެ ގޮތްތަކާ ބެހޭ ގޮތުން އެއްވެސް ތަފުސީލަކަށް އޭނާ ވަޑައެއް ނުގަންނަވައެވެ. އެއަށް ފަހު ދެން ވިދާޅުވީ، މިހާރު ވޯޓަށް އަހަނީ މަޖިލީހުގެ ދައުރު ބަދަލުކުރަން ފެނޭތޯ ބެލުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ނަގަން ތައްޔާރުވާ ފެންނަ ނުފެންނަ ވޯޓަކީ ހަގީގަތުގައި ކީއްކުރަން ނަގާ އެއްޗެއްކަން ރައްޔިތުންނަށް އޮޅޭ ކަމަށެވެ.
އެމްޑީޕީން މީގެ ކުރިން ވެސް ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ ދައުރު ދަންމާލަން ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު، ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދެ އިންތިޚާބު އަންނަ 2028 ވަނަ އަހަރު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން ވަނީ މި ހިނގާ ވިހިވަނަ މަޖިލީހުގެ ދައުރު ކުރުކޮށްލަން ނިންމާފައެވެ. އެހެންވެ، މަޖިލީހުގެ ދައުރު ކުރުކޮށްލާނެއެވެ. ރިޔާސީ ދައުރު ދަންމާލުމުގެ ވާހަކަ އިދިކޮޅުން ދެއްކި ނަމަވެސް ސަރުކާރުން އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ. އަދި، ރިޔާސީ ދައުރު ދަންމާލާ ނަމަ، ވަކިން އެ ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ.