މި މާތްވެގެންވާ ރޯދަމަހު އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ މަސްޖިދުލް އަޤްސާ ބަންދުކުރާތީ، ދިވެހި ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފިއެވެ.
ކޮންމެ ރޯދަމަހަކު ވެސް އިޒްރޭލުން ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް އެތައް ޖެއްސުމެއް ކުރެއެވެ. އެ މީހުން މަސްޖިދުލް އަޤްސާއަށް ވެސް އެތައް ފަހަރަކު ކުރިން ވަދެގެންފައި ވެސް ވެއެވެ. އެ މީހުން އެ މާތް ބިމުގައި ލަވަ ކިޔާ ވެސް ކުރިން ހެދިއެވެ.
މި ރޯދަމަހު ވެސް އިޒްރޭލުގެ ސިފައިން އަންނަނީ އެ މިސްކިތުގައި ނަމާދުކުރުން މަނާކޮށް، ބަންދުކުރަމުންނެވެ.
އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މާތްވެގެންވާ ރޯދަމަހު ފަލަސްތީނުގެ މުސްލިމުން އިސްލާމުންގެ އެންމެ މާތް އެ ބިމަށް ވަނަނުދީ ބަންދުކުރުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުން ކަމަށެވެ. އެއީ، އަޤްސާ މިސްކިތުގެ މުޤައްދަސްކަމާއި މަތިވެރިކަމަށް ބުރޫއަރުވައި، ރުޅިވެރިކަން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ރާއްޖޭން ވަނީ ސިފަކޮށްފައެވެ.
އެހެންވެ، އިޒްރޭލުން އިންސާނީ ހައްގުތައް ނަގާލައި، މުސްލިމުންގެ އެ މާތް ބިމުގެ މުޤައްދަސްކަން ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓުވައި، އިޒްރޭލު ޖަވާބުދާރީކުރުވަން ރާއްޖޭން ގޮވާލައި ގޮވާލުން މި ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފައެވެ.
މަސްޖިދުލް އަޤްސާއަކީ ފުރަތަމަ ޤިބްލައެވެ. އެ މުޤައްދަސް ވެގެންވާ މާތް ބިމެކެވެ.