ގޮވާމުން ޒަކާތް ބަލައިގަންނަން ހޮނިހިރު ދުވަހު ފަށަނީ

ޒަކާތު ހައުސްއިން މިދިޔަ އަހަރު ގޮވާމުން ޒަކާތް ބަލައިގަތުން: -- ފޮޓޯ/ ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި، މާލެ ސަރަހައްދުގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މި ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާނެއެވެ. މިކަމަށްޓަކައި ސީއެޗްއެސްއީގައި ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. ގޮވާމުން ޒަކާތް ދައްކާ ފަރާތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ހަމަޖެއްސުމަށް އިލްތިމާސްކުރެއެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާއިރު، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ 15 ދުވަހު ލިބުނު ޒަކާތުގެ އަދަދު ވަނީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.

  • މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
  • ޒަކާތް ބަލައިގަންނާނީ ސީއެޗްއެސްއީގައެވެ.
  • ޒަކާތުގެ ގޮތުގައި ބޮލަކަށް 2.4 ކިލޯގެ ގޮވާން ދެއްކުމަށް ކަނޑައަޅާފައިވެއެވެ.
  • އޮންލައިންކޮށް ޒަކާތް ދެއްކުމަށް ހަތް ޕްލެޓުފޯމެއް ބޭނުންކުރެވޭނެއެވެ.
  • ރޯދަމަހުގެ ފުރަތަމަ 15 ދުވަހު 5.48 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.

މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މި ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ގޮވާމުން މާލެ ސަރަހައްދުގައި ޒަކާތް ބަލައި ގަންނާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި އެކަން އޮންނާނީ ސީއެޗްއެސްއީގައެވެ. އެގޮތުން ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އޭގެ ފަހުން ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 13:00 އިން 15:00 އަށް ގޮވާމުން ޒަކާތް ބަލައި ގަންނަން ވަނީ ނިންމައިފައެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

އާއްމުކޮށް ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ޒަކާތު ހައުސްއިން އަންނަނީ އޮންލައިންކޮށް، ހަތް ޕްލެޓުފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަންނަމުންނެވެ. އެއީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މި ރޯދަމަހުގެ ފުރަތަމަ 15 ދުވަސްތެރޭ، ފިތުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ފާއިތުވި ތިން އަހަރު ވެސް އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް