ގެވެށި އަނިޔާއަށްފަހު 5 ދަރިން ބަލަން ޖެހިފައިވަނީ ވީރާނާވެފައިވާ ގެއެއްގައި؛ މި އާއިލާއަށް އެހީވާން ފުރުސަތެއް

ގޭގެ ގިފިއްޔާއި ބަދިގެ ހުންނަނީ ދަނޑިފަނުން ހަދައިފައި: އެ އެއާއިލާއަށް އެހީވުމަށް ފަންޑްރެއިޒް ކުރުމުގެ މަސައްކަތް މަމްސް އެއިޑްއިން ދަނީ ކުރަމުން -- ފޮޓޯ/ މަމްސް އެއިޑް

ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަސް ދަރިން ގޮވައިގެން ވީރާނާވެފައިވާ ގެއެއްގައި ދިރިއުޅެމުންދާ މަންމައެއްގެ ހާލަތު މަމްސް އެއިޑުން ހާމަކޮށްފިއެވެ. ވާރޭ ވެހޭ ރޭތަކުގައި ފެން ފައިބާ، ވައި ދައުރު ނުވާ ހޫނު ގޭގައި ދިރިއުޅޭ މި އާއިލާއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތައް ފުއްދުމުގައި އިންތިހާއަށް ދަތިވުން ހިމެނެއެވެ. ޖިސްމާނީ އަދި ނަފުސާނީ އަނިޔާތަކާ ކުރިމަތިލާން ޖެހުނު މި މަންމަގެ އުއްމީދަކީ ދަރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމެވެ. މި އާއިލާއަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްޓަކައި މަމްސް އެއިޑުން މިހާރު ވަނީ ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

  • ގެވެށި އަނިޔާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަސް ދަރިންގެ މަންމައަކަށް އެހީވުމަށް މަމްސް އެއިޑުން ފަންޑްރައިޒިން ކެމްޕެއިނެއް ފަށައިފި.
  • އެ އާއިލާ ދިރިއުޅެމުންދާ ގެއަކީ ވާރޭ ވެހުމުން ފެން ފައިބާ، ދިރިއުޅެން އެކަށީގެންނުވާ ވީރާނާވެފައިވާ ތަނެއް.
  • އާއިލާގެ އާމްދަނީ ނެތުމުން ކުޑަކުދިންނަށް ބޭނުންވާ ޒަރޫރީ ކާނާއާއި ސިއްހީ ފަރުވާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި.
  • މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ އެ ކުދިންނަށް ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން.
  • އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މަމްސް އެއިޑްގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ.

ގެވެށި އަނިޔާ ތަހައްމަލުކޮށްފައިވާ އިތުރު އެކަނިވެރި މަޔަކަށް ގެއެއް އަޅައިދޭން މަމްސް އެއިޑުން ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މަމްސްއެއިޑުން ބުނި ގޮތުގައި މި ފަހަރު އެ ޖަމިއްޔާގެ "ހިޔާވެހި ކެންޕެއިން"ގެ ދަށުން ފަންޑްރައިޒްކުރަން ހުޅުވާލާފައި ވަނީ، އެ ޖަމިއްޔާގެ ކެއާ ލިސްޓުގައި 2023 ވަނަ އަހަރުން ފެށިގެން ރަޖިސްޓާކޮށް، އެކި ކެންޕެއިންތައް މެދުވެރިކޮށް އެހީ ފޯރުކޮށްދީފައިވާ، ފަސް ކުދިންގެ މަޔަކަށެވެ.

މަމްސް އެއިޑުން ވަނީ އެ މަންމަގެ ދިރިއުޅުމުގެ ހާލަތު، ފުލުހުންނާއި ރަށު ކައުންސިލާއި ކޯޓުގެ އިތުރުން ދެ ފަރާތުގެ އާއިލާއާއި ގާތް މީހުންގެ ފަރާތުން ވެރިފައިކުރުމަށްފަހު ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

މަރީ (އަސްލު ނަމެއް ނޫން) ވަރަށް ކުޑައިރު އޭނާގެ މަންމައާއި ބައްޕަ ވަނީ ވަކިވެފައެވެ. މަރީގެ މަންމަ އޭނާ ބެލީ، ހަވާދާއި ކުދި ގުޅައާއި އެއްޗެހި ހަދާ، ކުރެވުނު މަސައްކަތެއް ކޮށްގެން ވަރަށް ހާލުގައެވެ. މަރީ ތައުލީމު ހާސިލުކުރުމަށް ޓަކައި މާލެ އައި ނަމަވެސް، ހާލަތު ހުރި ގޮތުން ކިޔެވުން ހުއްޓާލަން ޖެހުނެވެ.

އޭގެ ފަހުން މަރީގެ މާމައަށް ކެންސަރު ޖެހިގެން، ފަރުވާއަށް އިންޑިއާއަށް ދިޔައިރު އޭނާ ވެސް ދިޔައެވެ. އެ ގައުމުގައި އުޅެނިކޮށް އޭނާއަށް ވުރެ އުމުރުން 10 އަހަރު ދޮށީ މީހަކާ ދިމާވެ، މާމަ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއްގައި އެ ފިރިހެން މީހާ އެހީވިއެވެ.

އެއީ ވަރަށް ހެޔޮ މީހެއް ކަމަށް ދެކިގެން، ތިން އަހަރު ފަހުން އެ ދެ މީހުން ކައިވެނިކުރިއެވެ. ނަމަވެސް ފުރަތަމަ ފިރިމީހާގެ ފަރާތުން މަރީއަށް އިންތިހާއަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާއާ ކުރިމަތިލާން ޖެހުނެވެ.

މަރީއަށް ކުރި އަނިޔާތަކުގެ ތެރޭގައި، ހޫނު ކާއެއްޗެހި އަޅައިފައި ހުރި ތަށި ތެރެއަށް ބޯ ކޮށްޕާލުމާއި، އެ ދެ މީހުންގެ ކުޑަ ދަރިފުޅު އުރައިގެން ހުއްޓައި ކޮށްޕާލުން ހިމެނެއެވެ. އަދި ދަރިފުޅަށް ކާން ދޭން ހުއްޓައި، ޑަންބެލްއެއް ހޫރައި، މަރީގެ އުރަމަތީގައި ޖެހުމުން، ދާއިމަށް ހުންނަ ފަދަ އަނިޔާތަކެއް އޭނާއަށް ލިބުނެވެ.

އެ އަނިޔާގެ ސަބަބުން އެތައް ދުވަހެއް ވަންދެން މަރީއަށް ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް ފަރުވާ ހޯދަން ޖެހުނެވެ.

އެއަށްފަހު ވެސް އަނިޔާތައް ނުހުއްޓުނެވެ. އަދި އަނިޔާކުރި އެއް ދުވަހު، މަރީގެ ލޮލުން ލޭ އަންނަ ވަރަށް މޫނު މަތީގައި ހުއްޓުމެއް ނެތި ތަޅައި، ވަރިކޮށްފި ކަމަށް ބުނުމަށް ފަހު ގެއިން ނުކުމެގެން ދިޔައީއެވެ.

އެ ވަގުތު އަހަންނަށް އިހުސާސް ކުރެވުނީ އޭނަ އެ ދަނީ އަހަންނަށް ހަމަ އެކަނި އަނިޔާ ކޮށްފަ ނޫންކަން، އަދި އަހަރެން ވަރިވެސް ކޮށްފަކަން. ބުނަން ނޭނގޭ އިހުސާސެއް ވެގެން ދިޔަ. ކުޑަ ވަގުތު ކޮޅަކަށް އަޅަމުން ދިޔަ ވޭން ވެސް ހުއްޓުނު ކަހަލަ. ލިބުނީ ހިތްވަރެއް. ދަރިފުޅު އުރައިގެން ނިކުމެގެން ދިޔައީ ޖެހިގެން ހުރި ދައްތަގެ ގެއަށް.
މަރީ

އެ ފިރިހެން މީހާގެ ފަރާތުން ވަރިވުމަށް ފަހު، މަރީ ކުޑަ ދަރިފުޅާއެކު ރަށަށް ބަދަލުވިއެވެ. ނަމަވެސް ދަރިފުޅަކީ ނަފުސާނީ ބަލި ހުންނަ ކުއްޖެއް ކަމުން އެ ކުއްޖާއަށް ހަނގާ ކުރުމާ ކުރިމަތިލާން ޖެހުނެވެ. އަދި ކުއްޖާއަށް ކިޔެވުމުގެ ފުރުސަތު ފަހި ކުރުމަށް ޓަކައި މަރީ އަނެއްކާވެސް މާލެ ބަދަލުވިއެވެ.

އޭގެ ފަހުން މަރީ އިތުރު ކައިވެންޏެއް ކުރިއެވެ. އެ ފިރިހެން މީހާގެ ދެ ފިރިހެން ކުދިން ހުންނައިރު، އެ ދެމަފިރިންނަށް އިތުރު ދެ ކުދިން ލިބުނެވެ. ނަމަވެސް ފިރިމީހާއަކީ ޅައިރު ޓީބީ ޖެހި، އޭރު އެއަށް ރަނގަޅަށް ފަރުވާ ނުކުރެވި ހުރުމެގެ ސަބަބުން ދިގު މުއްދަތަކަށް ފުއްޕާމޭގެ ބައްޔެއް ތަހައްމަލު ކުރާ މީހެކެވެ.

އެ ކުޑަ އާއިލާ ފަހުން ބަދަލުވީ، ފިރިމީހާގެ ރަށުގައި ހުންނަ، އޭނާގެ މަންމަގެ ވަރަށް ދުވަސްވީ ގެޔަށެވެ.

ވާރޭ ވެހޭ ރެއެއްނަމަ، އެ ގެއަށް ފެން ފައިބާތީވެ ނުނިދައި ތިބެން ޖެހެއެވެ. ބޮޑަށްތިބޭ ދެ ފިރިހެންދަރީން ނިދާތަނުގައި ވައި ދައުރުނުވާތީ، ހޫނު އާތްވެއް ހުރެއެވެ. އަދި ބައެއް ރޭރޭ ތިން ހަތަރު ފަހަރު ފެންވަރަން ޖެހޭއިރު، އެތައް ރެއަކު ހޫނުކަމުން ނުނިދިގެން އެ ކުދީން ރޯކަން މަމްސް އެއިޑުން ވަނީ ފާހަގަކޮށްފައެވެ.

މަމްސް އެއިޑުން ހިއްސާކޮށްފައިވާ އެ މަންމަ ދިރިއުޅޭ ގޭގެ ފޮޓޯ-- ފޮޓޯ: މަމްސް އެއިޑް

މަމްސް އެއިޑުން ވަނީ އެ މަންމައަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކުޑަ ދެކުދީންނަށް ގާތުން ނުދެވޭ ކަމަށާއި އެކަމުގެ ސަބަބުން ކުޑަ ދެކުދީންނަށް ފޯމިއުލާ ދޭންޖެހޭކަން ފާހަގަކޮށްފައެވެ. ނަމަވެސް އަތްމަތި ދަތިވެ ޒަރޫރީ ތަކެތި ގަނެވޭނެ ގޮތް ނުވުމުން ފިހާރަތަކުގެ ފޮތުގައި ޖަހައި އެއްޗެހި ނަގާކަން އެ ޖަމިއްޔާއިން ވަނީ ފާޙަގަކޮށްފައެވެ.

އެ ޖަމިއްޔާއިން ވަނީ، އެ މަންމަގެ ދޮށީ ދަރިފުޅަކީ ހަފުތާއެކު އެއް ފަހަރު ތެރަޕީ ނަގަން ޖެހޭ ކުއްޖެއްކަމަށާއި ނަމަވެސް ރަށުން އެކަން ނުކުރެވޭތީ އެންމެ ކައިރިން ހޮސްޕިޓަލް އިންނަ ރަށަށް ޓެސްޓް ހަދަން ދާން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި ގަވާއިދުން ދަރިފުޅު ހަދަން ޖެހޭ އެސެސްމެންޓްތައް ވެސް އަތްމަތި ދަތިވެ މާލެއަށް ދެވޭނެ ގޮތެއް ނެތުމުން ނުހެދިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

"އެ މަންމަގެ ދިރިއުޅުމުގެ ހާލަތު މިފަދަގޮތަކަށް ހުރި ނަމަވެސް ހިތްވަރަކަށް ބަދަލެއް ނާންނަކަމަށާއި ކުރީގެ ކައިވެނިން ލިބުނު އަނިޔާތަކާއެކުވެސް ފަސް ދަރީން ގޮވައިގެން، ލިބޭ މިންވަރަށް ފުއްދާލައިގެން އުޅެނީ އަދި މި ނޫން ގޮތެއް ފެންނާނެ ކަމުގެ އުއްމީދުގައި." މަމްސްއެއިޑުން ހިއްސާކޮށްފައިވާ އެ މަންމަގެ ދިރިއުޅުމުގެ ހާލަތު

އެ ޖަމިއްޔާއިން ވަނީ ދަނޑިންނާއި ފަނުން ހަދާފައި ހުންނަ ކުޑަކުޑަ ބަދިގެއާއި ގިފިލި ބޭނުންކޮށްގެން މިޒަމާނުގައި އުޅުމަކީ އެހާފަސޭހަކަމެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި އެ މަންމަގެ އުންމީދަކީ އޭނާގެ ދެލޮލުގެ ނޫރުކަމުގައިވާ އޭނާގެ ފަސް ފިރިހެން ކުދިން ގޮވައިގެން ހަމަޖެހިލައިގެން ދިރިއުޅެވޭވަރުގެ ތަނެއް ހެދޭނެގޮތެއް ވުން ކަމަށް ބުނެފައެވެ.

މަމްސް އެއިޑުން ހިއްސާކޮށްފައިވާ އެ މަންމަ ކައްކަމުންދާ ބަދިގޭގެ ފޮޓޯ-- ފޮޓޯ: މަމްސް އެއިޑް

އެ ޖަމިއްޔާއިން ވަނީ ފައިސާގެ އެހީ ފޮނުވުމަށް ޖަމިއްޔާގެ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓް ހިއްސާކޮށްފައެވެ. އަދި އިތުރު މައުލޫމާތު ހޯއްދުމަށް އެ ޖަމިއްޔާގެ ނަންބަރު 7349392، 7349393، 7349394 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.

މަމްސް އެއިޑުން މި އަހަރުވެސް ވަނީ، ހާލުގައި ދިރިއުޅުނު އެކަނިވެރި މަންމައަކާއި ތިން ކުދީންނަށް އެންމެ ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފައެވެ.

https://sun.mv/219004

މަމްސް އެއިޑުގެ ހިޔާވަހި ޕްރޮޖެކްޓަކީ ކޮންމެ އަހަރަކު ވެސް ކެއާ ލިސްޓުގައި ހިމަނާފައިވާ ނިކަމެތި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި، އެ ޕްރޮޖެކްޓުގެ ދަށުންރާއްޖޭގެ އެކި ކަންކޮޅުތަކުން 27 ގެއެއް ރެނޮވޭޓްކޮށް ހަތް ގެއެއް އިމާރާތްކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް