އިންޑިއާއަށް ދަތުރުކުރި ތައިލެންޑު ބޯޓަކަށް ހޮރްމުޒް ކަނޑުއޮޅީގައި ހަމަލާ ދީފި

ތައިލެންޑުގެ ނޭވީން އާންމު ކުރި ފޮޓޯތަކުން އުޅަނދުން ވަރަށް ބޮޑަށް ދުން އަރާތަން ވަނީ ފެނިފައި. ފޮޓޯ/އެންޑީޓީވީ

ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ބަނދަރަކުން އިންޑިއާއަށް ދަތުރުކުރި ތައިލެންޑްގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދަކަށް ހޮރްމުޒް ކަނޑުއޮޅީގައި ހަމަލާ ދީފައިވާ ކަމަށް ތައިލެންޑުގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

މިހާތަނަށް އެ އުޅަނދުން 20 މީހުން ސަލާމަތްކޮށްފައިވާއިރު، އިތުރު ތިން މީހެއްގެ މައުލޫމާތު ލިބިފައިވާ ނުވާ ކަމަށް ސިފައިން ބުނެއެވެ.

ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ޕްރިޝިއަސް ޝިޕިން ޕީސީއެލްގެ ބަލްކް ކެރިއާ، މަޔޫރީ ނާރީ ޔޫއޭއީގެ ޚަލީފާ ބަނދަރުން ފުރައިގެން އިންޑިއާގެ ކަންޑްލާ ބަނދަރަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރޯޔަލް ތައި ނޭވީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ފަށަލައާއި ސުޕަސްޓްރަކްޗާއިން ކަޅު ގަދަ ދުންތަކެއް އަރާތަން ފެނެއެވެ. ހަމަލާ ދިން ވަކި ތަފުސީލާއި ސަބަބު މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެ ގަލްފް ސަރަހައްދުގައި ތިން އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ. ނަމަވެސް، މަޔޫރީ ނާރީއަކީ އެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެއް ކަމެއް އަދި ސާފެއް ނޫނެވެ.

އުޅަނދުތައް ޓްރެކްކުރާ ވެބްސައިޓްތަކުން ފެންނަ ގޮތުގައި އޮމާންގެ އައްސޭރިފަށުގައި އޮތް މަޔޫރީ ނާރީގެ ސްޕީޑް ހުރީ ގަޑިއަކު އެއް ނޮޓިކަލް މޭލަށް ވުރެ ވެސް ދަށްކޮށެވެ. އެ އުޅަނދަކީ 178 މީޓަރު ދިގު 30،000 ޓަނު އުފުލޭ އުޅަނދެކެވެ.

މި ހަމަލާ ދީފައިވަނީ މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާވުމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރީ ބާރުތަކުގެ ތާއީދާއެކު އިސްރާއީލުން ވަނީ 28 ފެބްރުއަރީގައި އީރާނާ ދެކޮޅަށް ހަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި ބައެއް އިގުތިސާދީ ތަންތަނަށް ވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެ ގައުމާ އިންވެގެން އޮންނަ ދުނިޔޭގެ ފަސްބައިކުޅައި ތެޔޮ އުފުލާ މައިގަނޑު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.

comment ކޮމެންޓް