އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ރައްދުގައި ދެމުންދާ ހަމަލާތަކުގައި މެދުއިރުމަތީގެ ގައުމުތަކަށް އެތައް ސަތޭކަ ޑްރޯންތަކާއި މިސައިލް ހަމަލާތައް ދީފައިވެއެވެ.
އޭގެ ތެރެއިން، ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. މިއީ އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ދިން އެންމެ ފަހުގެ ހަމަލާ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖެއިން ބުނީ ޑިޕްލޮމެޓިކް ތަންތަނަށް ހަމަލާ ދިނުމަކީ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" އާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޑިޕްލޮމެޓިކް ތަންތަން ހިމާޔަތް ކުރުން މުހިންމު ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.
ޔޫއޭއީގެ ސަރުކާރާއި، ރައްޔިތުންނާއެކު ދިވެހި ސަރުކާރުން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
މި ހަމަލާ، ގަލްފުގެ ގިނަ ގައުމުތަކުގެ ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.