ރާއްޖެއަށް އައިއިރު ގެނައި ލަގެޖުން ގާތްގަނޑަކަށް ދެ ކިލޯގެ ހަޝިޝް އޮއިލް ފެނުނު އިންޑިޔާ ދެ މީހުން، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ކޯޓުގައި ބުނެފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވާ އިންޑީޔާ ދެ މީހުންނަކީ، ޖައިނަބު ވާޖިދު ޢަލީ، (25އ) ކިޔާ އަންހެނަކާއި މުޙައްމަދު ނަވާޒް ދަޔަތަރު، (21އ) ކިޔާ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.
އެ ދެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވެގެން، މިހާރުވަނީ ބަންދު މުއްދަތު އިތުރުކޮށްފައެވެ. ދެ މީހުންގެ ބަންދުވެސް މިހާރު އިތުރުކޮށްފައިވަނީ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހާއި ހަމައަށެވެ.
މި ދެ މީހުންގެ ބަންދު އިތުރު ކުރި ރިޕޯޓުގައިވާ ގޮތުން، މި މީހުންގެ ލަގެޖުގައި މަސްތުވާއެއްޗެއް ހުރި ކަމެއް އެ މީހުންނަކަށް ނޭނގޭ ކަމަށް ތަހުގީގުގައި ވަނީ ބުނެފައެވެ. އެކަމަކު ދެ މީހުންގެ ލަޖެގުން، ޖުމްލަ 1.83 ކިލޯ ހުރި ހަޝިޝް އޮއިލް ތިން ފުޅި ފެނިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
އެ މީހުން އަތުން ފެނުނު ކަމަށް ބުނާ, 1.83 ކިލޯގެ މަސްތުވާތަކެއްޗަކީ ޓްރެފިކިން މިންގަނޑަށް އަރާ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. މި މައްސަލަ އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ދެ މީހުންގެ މައްޗަށްވެސް އުމުރު ދުވަހުގެ ޖަލު ހުކުމް އަންނާނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި، ބަންގްލަދޭޝް މީހަކުވެސް މި ނިމުނު ހަފްތާގައި އުމުރަށް ޖަލަށްލާފައިވެއެވެ.