ތެހެރާން (10 މާޗް 2026) : އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލު ފެށި ހަނގުރާމައިގެ މަގްސަދު ހާސިލްނުވުމާއެކު ހަނގުރާމަ ހުއްޓާލުމުގެ އިޝާރާތްތައް އެމެރިކާ ދޭން ފެށުމުން ހަނގުރާމަ ނިންމާނެ ތާރީޚު ކަނޑައަޅާނީ އެމެރިކާ ނޫންކަމަށް އީރާން ބުނެފިއެވެ.
އީރާންގެ ރައީސް ޑރ، މަސްއޫދު ބަޒެޝްކިޔާން ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓާލަން އެމެރިކާ ބޭނުންވާކަމުގެ ހުށަހެޅުންތައް އެތައް ގައުމެއް މެދުވެރިކޮށް އީރާނަށް މިހާރު ދަނީ ލިބެމުންނެވެ.
އީރާން އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް އަންނަން ވަރަށް ގާތްވެއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވަނީ ވާހަކަ ދައްކަވާފައެވެ.
މި ވާހަކަތަކާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ނިންމާނެ ތާރީޚު ކަނޑައަޅާނީ އެމެރިކާ ނޫންކަމަށާ އެކަން ކަނޑައަޅާނީ އީރާނުގެ ދީނީ މުރުޝިދު މުޖްތަބާ ޚަމަނާއި ކަމުގައެވެ.
އީރާނަކީ އެމެރިކާގެ ބޮޑާކަމާއި ކިބުރުވެރިކަމާ އަދި ބިރުދެއްކުންތަކުގެ ކުރިމަތީގައި ފަހަތަށް ޖެހޭނެ ގައުމެއް ނޫންކަމުގެ ފިލާވަޅު ޓްރަމްޕާއި ނަތަންޔާހޫއަށް މިހާރުވާނީ ވަރަށް ރަނގަޅަށް ލިބިފައި ކަމަށްވެސް އީރާނުގެ ބަޔާން ބުނެފައިވެއެވެ.
ޓްރަމްޕް ވަނީ އީރާނުގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ހަލާކުކޮށްލެވިއްޖެ ކަމަށާއި ރައްދު ހަމަލާދިނުމުގެ ގާބިލްކަން އީރާނުގައި މިހާރު 10 ޕަސެންޓަށްވެސް ނެތްކަމަށް ވިދާޅުވެ އީރާން އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް އަންނަން ވަރަށް ގާތްވެއްޖެ ކަމަށް ވިދާޅުވެ ރޭ ވާހަކަ ދައްކަވާފައެވެ.

އީރާނުގެ ހަަމަލާތަކެއްގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަަށް ލިބިފައިވާ ގެއްލުން
ޓްރަމްޕް ވަނީ ގަލްފުގެ ހުރުމުޒް ކަނޑުއޮޅިން އެމެރިކާގެ އުޅަނދުތައް ހުރަސްކުރުން އީރާނުން މަނާކޮށްފައި އޮތްއޮތުންވެސް ވަރަށް އަވަހަށް ނިމުން ގެންނާނެކަމަށް ވިދާޅުވެ އެމެރިކާ އަޅާ މި ފިޔަވަޅުތަކުގެ ސަބަބުން ތެލުގެ އަގު ދަށަށް ދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ނަމަވެސް މުހައްލިލުން ވިދާޅުވާ ގޮތުގައި ހަނގުރާމަ ހުއްޓާލަން ގާތްވެއްޖެކަމަށް ވިދާޅުވެ ޓްރަމްޕް މިދެއްކެވި ވާހަކަތަކަކީ އީރާނާ ދެކޮޅަށް އޭނާ ފެށި ހަނގުރާމައިން އީރާނުގެ ވެރިކަން ވައްޓާލުން ފަދަ އަދި އީރާނުގެ ތެލަށް އަތްގަދަކުރުން ފަދަ އެއްވެސް މަގުސަދެއް ހާސިލުވާނެކަމުގެ އުންމީދު އެއްކޮށް ގެއްލުމުން ވިދާޅުވި ވާހަކައެކެވެ.
އަދި ހަނގުރާމަ ދިގުލައިގެން ގޮސް އެކަމުގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އިހުސާސް ކުރެވިގެން ދެއްވި ބަޔާނެއްކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާންވަނީ ގަދަ ފަދަ ހަމަލާތަކެއް ދީގެން ގަލްފުގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ބޮޑުބައި ފުނޑާލާފައެވެ. އަދި އީރާނުގެ މިސައިލުތަކަށް ހުރަސް އެޅުމަށާއި އީރާނުގެ އަސްކަރީ އަމާޒުތަކަށް ފާރަލުމަށް ގަލްފުގެ ގައުމުތަކާއި އިރާގު އަދި އުރުދުންގައި ގާއިމްކޮށްފައިވާ އަގުބޮޑު ސޮފިސްޓިކޭޓެޑް ރާޑަރުތަކާއި އަގުބޮޑު އިކްވިޕްމަންޓްތައް ހަލާކުކޮށްލާފައެވެ.
އީރާން ހަލާކުކޮށްލި އެމެރިކާގެ އަސްކަރީ އިންފްރާސްޓަރަކްޗާގެ މިންވަރު 15 ބިލިޔަން ޑޮލަރަށް ވުރެ މަތިކަމަށް ވެއެވެ.
އެމެރިކާ ވަނީ މިކަންކަމާބެހޭގޮތުން ވާހަކަ ދެއްކުމަށް ފަސްޖެހިފައެވެ. ނަމަވެސް ބައެއް އަމިއްލަ ކުންފުނިތަކުން ހާމަކޮށްފައިވާ ސެޓަލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި ގަލްފާއި އިރާގު އަދި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބޮޑުބައިވަނީ އީރާނުގެ މިސައިލް ހަމަލާތަކުގައި އަނދައި އަޅިއަށް ވެފައެވެ.
އެ ތަންތަނުގައިވާ ރާޑަރުތައް ހަލާކުވެފައި ވުމުން އީރާނުން އިސްރާއީލަށް ހަމަލާދޭ މިސައިލުތައް ޑިޓެކްޓްކުރުމުގެ ގާބިލްކަން އެމެރިކާއަށް ގެއްލި އީރާނުގެ މިސައިލްތައް ކުރިޔާ ޚިލާފަށް ދަނީ އިސްރާއީލަށް އަރަމުން ކަމަށް އަސްކަރީ ތަޖުރިބާކަރުންވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން އިސްރާއީލުގެ ދިފާއުތައް ކުރިއަށްވުރެ ބަލިކަށިވެފައިވާކަންވެސް ވަނީ ހާމަވެފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ގަލްފުގެ ގައުމުތަކާއި އިރާގު އަދި އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަގުބޮޑު ސޮފިސްޓިކޭޓެޑް ރާޑަރުތަކާއި އަސްކަރީ މެޝިނަރީ ހުރިތަންތަނުގެ މައުލޫމާތު އީރާނަށް ފޯރުކޮށްދިނީ ރަޝިއާ އިންނެވެ.
ރަޝިއާގެ 300 އަށް ވުރެ ގިނަ ސެޓަލައިޓް އެ ސަރަހައްދަށް އަމާޒުކޮށް އެމެރިކާގެ މަރުކަޒުތަކާއި އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގެ ފޮޓޯއާއި ވީޑީއޯ ފުޓޭޖް އީރާނަށް ވަގުތުން ވަގުތަށް ފޯރުކޮށްދޭކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.
ޗައިނާވެސް އެތައް ސަތޭކަ ސެޓަލައިޓެއް ބޭނުންކޮށްގެން އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ފާރަލާކަމަށް ވެއެވެ. ޗައިނާ އެމެރިކާއަށް ފާރަލަނީ އެމެރިކާގެ އަސްކަރީ ޓެކްޓިކް ތަކާއި ހަރަކާތްތައް ދިރާސާ ކުރުމަށް ކަމަށްވިޔަސް ޗައިނާވެސް އީރާނަށް ވަރަށް ހައްސާސް ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދެމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.