ތަރާވީޙް ގަޑީގައި ކޮލެޖު ކްލާސްތައް ނުބާއްވަން ޝަހީމް އެދިއްޖެ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު : ތަރާވީޙް ގަޑީގައި ކޮލެޖު ކްލާސްތައް ނުބާއްވަން ޝަހީމް އެދިއްޖެ --- ފޮޓޯ: ރައީސް އޮފީސް

ތަރާވީޙް ގަޑީގައި ކޮލެޖުތަކުގެ ކްލާސްތައް ނުބާއްވަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފިއެވެ.

ބައެއް ކޮލެޖުތަކުން އަންނަނީ މި ރޯދަމަސް ފެށުނީއްސުރެ ތަރާވީޙް ނަމާދު ކުރާ ގަޑި ގެއްލޭ ގޮތަށް ކްލާސްތައް ރާވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު، އެއީ ކޮން ކޮލެޖުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.

އެ ކަމާ ނުރުހުން ފާޅުކޮށް މިއަދު ކޮށްފައިވާ ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑަރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ބައެއް ކޮލެޖްތަކުން ފަހު ދިހައިގައި ވެސް ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީވެ، ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

އަދި، މިނިސްޓަރު ވަނީ އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ގެންދިއުން ވަރަށް މުހިންމު ކަމުގައި ދެކޭ ކަމަށް ވިދާޅުވެފައެވެ.

ގިނަ މިސްކިތްތަކުން ތަރާވީޙް ނަމާދުކޮށް ނިމެނީ 21:00 އަށެވެ. އެންމެ އަވަހަށް ކިޔަވާ މިސްކިތްތަކުގައި ވެސް ތަރާވީޙް ނަމާދުކޮށް ނިމެނީ 20:30 ހާއިރެވެ.

ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށްވާއިރު، ރޭ އަޅުކަންތައް އަދާކުރަން ދީނުގައި ބާރުއަޅައެވެ. އެ ކަންކަމަށް ވަގުތު ދޭން ސަރުކާރުން އަންނަނީ ރޯދަމަހުގެ ފަހު 10 ސަރުކާރު ވެސް ބަންދުކުރަމުންނެވެ. މި އަހަރު ވެސް މިއަދުން ފެށިގެން ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

ތަރާވީޙް ގަޑީގައި ކޮލެޖު ކްލާސްތައް ނުބާއްވަން މިނިސްޓަރު އެދިވަޑައިގެންއިރު، ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް ރޯދަމަހުގެ ފަހު 10 އަށް ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް